بســم اللّـه الرّحمـن الرّحيــم

ބިޒްނަސް އިމޭޖް ގްރޫޕް:

ފުރުޞަތަކަށް އެދި ދަންނަވާލީ، ބިޒްނަސް އިމޭޖް ގުރޫޕުގެ ފަރާތުން އަޅުގަނޑުމެން މި އަހަރަށް، 2003 ވަނަ އަހަރަށް ތައްޔާރުކުރި "ޔެލޯ ޕޭޖަރސް" މި ފޮތް މަނިކުފާނަށް ވެދުމަށް އެރުވުމުގެ ފުރުޞަތު ދެއްވާތޯ. ﷲގެ އިޒްނަފުޅާއެކު މަނިކުފާނުގެ ހެޔޮފުޅުކަމުން އާދެ، އަޅުގަނޑުމެންނަށް މިފުރުޞަތު މިއަދު ވަނީ ލިބިފައި. ދެން އަޅުގަނޑުމެންގެ ކޮމްޕެނީގެ ހުރިހާ މުވައްޒަފުންވެސް ވަރަށް އުފަލާއެކު މިކަން ފާހަގަކުރަން. ދެން އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ޝަރަފެއްގެގޮތުގައި އަޅުގަނޑުމެން މިކަން މި ދެކެނީ.

އެހެންވީމާ ޔެލޯ ޕޭޖަރސް މިފޮތުގެ ފުރަތަމަ އަދަދު ނުކުތީ މިދިޔަ އަހަރު. އެއީ އަޅުގަނޑުމެން ތަޖުރިބާ ކޮށްލުމުގެ ގޮތުން، ވިޔަފާރިވެރިންގެ ޝައުޤުވެރިކަމާއި ޢާންމުންގެ ޝައުޤުވެރިކަން ހުރީ ކިހިނެއްތޯ ބަލައިލުމުގެގޮތުން މިދިޔައަހަރު އަޅުގަނޑުމެން ނެރުނީ. ދެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ. ދެން މިއަހަރު މިނުކުތީ މީގެ ދެވަނަ އަދަދު.

ޙަޤީޤަތުގައި އަޅުގަނޑުމެން މިކަހަލަ ފޮތެއް ހެދުމުގެ ޚިޔާލުއައިސް، އެ ޝައުޤުވެރިކަން ލިބި އަދި މިފުރުޞަތު ލިބިގެން މިދިޔައީ، އަޅުގަނޑުމެންގެ ކުންފުނީގެ އިސްކޮށް މިތިބި އެންމެންވެސް ޤަބޫލުކުރާގޮތުގައި، މިއަދު ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެގޮތުން ލިބިފައިވާ ކުރިއެރުމުގެ ސަބަބުން. ރައްޔިތުންނަށް ގަނެ އަދި ވިއްކާ ފަރާތްތަކަށް، މިފަދަ މަޢުލޫމާތު ބަދަލުކުރުމުގެ ވަސީލަތެއް އޮތުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެންދިޔައީ، ވޭތުވެދިޔަތާނގައި ޤައުމުގެ އެކި ދާއިރާތަކަށް މި އައިސްފައިވާ ކުރިއެރުމާ ގުޅިގެން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް މިކަހަލަ އުފެއްދުމެއް ޢާންމުންނާ ހަމައަށް ގެންނާކަށް ހަމަގައިމުވެސް ފުރުޞަތެއް ނުލިބުނީސް.

އެހެންވީމާ، އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ގަބޫލުކުރާގޮތުގައި މިއަދު އަޅުގަނޑުމެން ނެރެމުންމިދާ މި ފޮތަކީ، ޤައުމުގެ ތަރައްޤީގައި މަނިކުފާނު ސީދާ ކުޅުއްވާ ރޯލާއި ދެއްވާ އިސްކަމާއި، އަޅުގަނޑުމެން ޒުވާނުން އެކި ދާއިރާތަކުގައި ކުރިއަށްދިއުމަށް ދެއްވާ ހިތްވަރުގެ ސަބަބުން އަޅުގަނޑުމެންނަށް ނެރެވުނު ފޮތެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ބިޒްނަސް އިމޭޖް ގްރޫޕް:

އާދެ، އަޅުގަނޑު، ބިޒްނަސް އިމޭޖްގުރޫޕްގެ ފަރާތުންނާއި، އަދި މިފޮތް ތައްޔާރުކުރަން ޙަރަކާތްތެރިވި ހުރިހާ ކުދިންގެ ފަރާތުން، މި ފުރުޞަތު ދެއްވީތީ މަނިކުފާނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މޯލްޑިވްސް ކޮމާޝަލް ޑައިރެކްޓަރީގެ 2003 ވަނަ އަހަރުގެ އަދަދު މަނިކުފާނަށް ވެދުމަށް އެރުވުމުގެ ފުރުޞަތު.

(ފޮތް ވެދުމަށް އެރުވުމުގެ ވަގުތުކޮޅު)

ބިޒްނަސް އިމޭޖް ގްރޫޕް:

އާދެ، އަޅުގަނޑުމެން ގަޞްދުކުރީ، ހަމައެކަނި ފޮތް ހަދިޔާކުރުމުގެ، ވެދުންކުރުމުގެ ޝަރަފް އާދެ، އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވުމާ ގުޅިގެން، އަޅުގަނޑުމެންގެ ފަރާތުންވެސް އެކަމުގެ އަގު ވަޒަންކުރާކަން ފާހަގަކުރުމުގެގޮތުން އަދި ދާއިމީ ގޮތެއްގައި މިކަން ހަނދުމަފުޅުގައި ހުންނާނެކަހަލަ ގޮތަކަށް މިކަން އަޅުގަނޑުމެންނަށް އިންތިޒާމު ކުރެވޭތޯ. އެގޮތުން އަޅުގަނޑުމެން، ބިޒްނަސް އިމޭޖް ގްރޫޕަކީ ވަރަށް ޒުވާން، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ، ހުނަރުވެރި އަދި މިޒަމާނުގެ ތަޢުލީމީ ގޮތުންވެސް ކުރިއަރާފައި ތިބި، ވަރަށް ރަނގަޅު ޒުވާނުންކޮޅެއް ޙަރަކާތްތެރިވާ ގްރޫޕެއް. ދެން އަޅުގަނޑުމެންގެ މި ހުރިހާ މުވއްޒަފުންގެ ފަރާތުން، މަނިކުފާނަށް އަޅުގަނޑުމެންގެ ފަރާތުން އަރުވާ ހަނދާނީ ފިލައެއް.

(ހަނދާނީ ފިލާ އެރުވުމުގެ ވަގުތުކޮޅު)

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ބިޒްނަސް އިމޭޖް ގްރޫޕުގެ ފަރާތުން ތިޔަނެރުއްވި، ޔެލޯ ޕޭޖަރސް، މި އަހަރުގެ ޔެލޯ ޕޭޖަރސް، އެއީ، މޯލްޑިވްސް ކޮމާޝަލް ޑައިރެކްޓަރީގެ ފުރަތަމަ ކޮޕީ، އަޅުގަނޑަށް ހަދިޔާކުރެއްވިކަމަށްޓަކައި، ތިޔަ ކުންފުނީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އޭގެފުރަތަމަ ކޮޕީ އަޅުގަނޑަށް ހަދިޔާކުރެއްވުމާ އެކީގައި، މި މުނާސަބަތު ފާހަގަކުރުމުގެގޮތުން ތިޔަދެއްވި ހަނދާނީ ފިލައަށްޓަކައި، ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަން.

ޙަޤީޤަތުގައި މިކަހަލަ ފޮތެއް ނެރުމަކީ، ރާއްޖޭގެ ވިޔަފާރި ކުރިއެރުމަށް އެޅޭ ފިޔަވަޅަކަށްވާނެ. ހަމައެހެންމެ އޭގެ އަނެއްފަރާތް، އެއީ ވިޔަފާރީގައި ތަކެތި ބޭނުންވާ، ހޯދާ ނުވަތަ ޚިދުމަތްތައް ލިބިގަންނަން ތިބޭ މީހުންގެވެސް ވަރަށް ބޮޑު އެހީއަކަށް މިކަންވާނެ. އެއީ ކޮންފަރާތަކުންތޯ މިވެނިކަހަލަ އެއްޗެހި ލިބޭނީ، ކޮންފަރާތަކުންތޯ މިވެނިކަހަލަ ޚިދުމަތްތަކެއް ލިބެނީ، ޢާންމުންނަށް، އެ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެނގުމަކީ ޝައްކެއްނެތްގޮތުގައި، އެމީހުން ކުރަން ބޭނުންވާ، ލިބިގަންނަން ބޭނުންވާ ޚިދުމަތް ލިބިގަތުމުގައި ވަރަށް ތަނަވަސްވެގެންވާ މަގަކަށްވާނެ. ފަސޭހަގޮތަކަށްވާނެ.

އެހެންވީމާ، ތިޔަކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. އަދި މިދިޔަ އަހަރު ތިޔަބޭފުޅުން ފުރަތަމަ ނެރުއްވިއިރު ނެރުއްވީ ތަންކޮޅެއް މަދު އަދަދަކަށްކަންނޭނގެ. އަދި މިއަހަރު ތިޔަނެރުއްވާ ވަރަށް ގިނަ އަދަދު، އަޅުގަނޑަށް އެނގިފައިވާގޮތުގައި 30,000 ކޮޕީ ނެރުއްވައި އަދި ހިލޭ ތިޔަ ބައްސަވަނީ. އެހެންވީމާ، އެއިންވެސް އެނގޭ އެއްޗަކީ މިކަމަށް މީހުންގެ ހުރި ޝައުޤުވެރިކަން. ތިޔަބޭފުޅުންމާލޭގައި ހުރި ކޮންމެ ގޭބިސީއަކަށްވެސް ތިޔަބޭފުޅުން ފޮތެއް ދެއްވާކަންނޭނގެ. އޭގެ އިތުރުން، ވިޔަފާރިކުރާ ތަންތަނަށާއި، އަތޮޅުތަކުގެ ހުރިހާ ރަށްރަށަށާއި، އޭގެވެސް މަޝްހޫރު ވިޔަފާރިކުރާ ތަންތަނަށާއި، މިހެންގޮސް ސަރުކާރުގެ ހުރިހާ އޮފީސްތަކަށާއި، ދެން ވަރަށް ބޮޑު ދާއިރާއަކަށް ތިޔަފަތުރުއްވަނީ. މި ކޮޕީތައް ތިޔަފޮނުއްވަނީ.

އެހެންވީމާ، އޭގެފައިދާ ވަރަށް ގިނަބަޔަކަށް ލިބޭނެކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އެކަމަށްޓަކައި ވަރަށް ބޮޑަށް ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ދެން އަޅުގަނޑު އަބަދުވެސް އެދޭ ކަމެއް، ޒުވާނުން ކަންކަމުގައި ޙަރަކާތްތެރިވުން. އެއީ އެމީހުންނަށް ފައިދާކުރާ، އަދި ޤައުމަށް ފައިދާހުރި ބިނާކުރަނިވި މަސައްކަތްތަކެއް ޒުވާނުން ކުރުމަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް.

އެހެންވީމާ އެކަމަށްޓަކައިވެސް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް އެބައުޅޭކަންނޭނގެ، އެއްވެސް މަސައްކަތެއްނުކޮށް ތިބޭ މީހުންވެސް. އެއީ ދެން އެއްގޮތަކަށްވެސް އަޅުގަނޑުމެން އެދޭގޮތެއްނޫން. ރާއްޖެވެސް އެދޭނެ ގޮތެއްނޫން. ޤައުމުގެ ކޮންމެ މީހަކީވެސް، ކޮންމެވެސް ދާއިރާއެއްގައި ކޮންމެވެސް ޚިދުމަތެއްކުރާ، ކޮންމެވެސް މަސައްކަތެއްކުރާ، އެމީހެއްގެ ފައިދާ ކޮންމެވެސް ސިފައެއްގައި ޤައުމަށް ލިބޭ މީހަކަށްވާންޖެހޭ. އެހެންވީމާ، އެގޮތުންވެސް ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަން. އަދިވެސް އެއްފަހަރު މި މޯލްޑިވްސް ޔެލޯޕޭޖަރސްގެ މި އަހަރުގެ ފުރަތަމަ ކޮޕީ އަޅުގަނޑަށް ހަދިޔާކުރެއްވި ކަމަށްޓަކައި، ކުންފުންޏަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.