މެދު ދެކުނު ޕްރޮވިންސްގެ ރަށްތަކަށް ދަތުރުފަތުރުގެ ނިޒާމު ހުޅުވާލުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް ދޯނި ސަރވިސަސްއާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ، އެތާނގެ މެނެޖިންގ ޑިރެކްޓަރ ފާޠިމަތު އަލީޝާ ޢަލީއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ މިއަދު މިދެކެނީ ވަރަށްބޮޑު ބަދަލެއްކަން ފާހަގަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ޤާއިމު ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ރަށުގެ ބަންދުގެ ޙާލަތުގައި ނުތިބެ، ޖެހިގެން އޮތް ރަށުގެ ތަނަވަސްކަމާއި، އިޤްތިޞާދީ ވަސީލަތްތަކާއި، ޤުދްރަތީ ވަސީލަތްތަކުގެ ބޭނުން ކުރެވޭނެގޮތް ހަމަޖައްސަވައި ދެއްވުން ކަމަށް ވިދާޅުވިއެވެ.

ދަތުރުފަތުރަކީ، އޭގެ ވަށައިގެން އިޤްތިޞާދީ ޙަރަކާތް އުފެދޭ ކަމެއް ކަމަށާއި، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވެގެންމެނުވީ، ވިޔަފާރި ކުރިއަކަށް ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުތައް ތަރައްޤީވެފައި ހުރިގޮތް ބަލާފައި ނޫނީ، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރަން އުޅުމަކީ، ބުއްދިވެރި ކަމަކަށް ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމަށާއި، ވަޢުދުތައް ފުއްދެވުމަށް ނިންމަވާފައިވާ ތަރުތީބުން އިރާދަކުރެއްވިއްޔާ ކަންކަން ކުރެވެމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމްވެސް ވާހަކަފުޅު ދެއްކެވިއެވެ. ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަސައްކަތް ހިނގާނެގޮތާއި، ދަތުރުފަތުރުތައް ހަމަޖެހިފައި ހުންނާނެ ގޮތުގެ މަޢްލޫމާތު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަސްލަމް މުޙަންމަދު ޝާކިރެވެ.