بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދު މި ހުޅުވޭ މާލޭގެ ވިޔަފާރި ބަނދަރަކީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ތަރައްޤީކުރުމަށް މަގުފަހިކޮށްދޭނެ ވަރަށް ޚާއްޞަ މަޝްރޫޢެއް. މި މަޝްރޫޢަށް މިހާތަނަށް ފައިސާ ޚަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުން ހޯދި ފައިސާއިން. އެފައިސާއަކީ ބޭރުގެ ފަރާތަކުން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއެއް ނޫން. މިހާބޮޑު ޚަރަދުކޮށްގެން މިކަހަލަ ކަމެއް ހިންގުމަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އަދި ވެވޭވަރުގެ ކަމެއްވެސް ނޫން. އެހެންނަމަވެސް، މިކަން މިހެން ކުރަންޖެހެނީ ކަމުގެ މުހިންމުކަން ބޮޑުކަމުން. ދެންމެ، މި މަޝްރޫޢުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ދެއްވި ޑިރެކްޓަރ އޮފް އެކްސްޓަރނަލް ރިސޯސަސް އަލްފާޟިލް މުޙައްމަދު ޝަރީފް އެވިދާޅުވިފަދައިން، މި މަޝްރޫޢުގެ ދެވަނަބަޔަށް ބޭރުގެ ފަރާތްތަކުން އެހީ ލިބުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އެއީ އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް. އެ ބޭންކުގެ އެހީ ލިބޭނެކަމުގެ އިޝާރާތެއް މިހާރުވަނީ ލިބިފައި. އެބަޔަކީ، މި މަޝްރޫޢުގެ ދެވަނަ ބަޔަކީ، އަދި ކުރިން މިހާރު މި ނިމުނު ބަޔަށްވުރެވެސް މާބޮޑު މަސައްކަތެއް ކުރަންޖެހޭ ބައެއް. މާބޮޑެތި ޚަރަދުތަކެއް ހިނގާނެ ބައެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިބާވަތުގެ މަސައްކަތަކީ އަދި މިހާބޮޑު ޚަރަދަކީ ސަރުކާރުން ޙަޤީޤަތުގައިވެސް ވެވެންއޮތް އެއްޗެއް ނޫން. އެހެންނަމަވެސް، މިކަން ކުރަންޖެހުނު ސަބަބަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއަކީ ބޭރުން މުދާ ގެނެސްގެން ދިރިއުޅޭ ޤައުމެއް. އަޅުގަނޑުމެންގެ ބޭނުންތަކަށް ބޭނުންވާ މައިގަނޑު ހުރިހާ އެއްޗެއް ހޯދަންޖެހެނީ ބޭރުން. އަޅުގަނޑުމެންގެ ކާބޯތަކެތި، އަޅުގަނޑުމެން ބޭނުންކުރާ ފޭރާން، އަޅުގަނޑުމެން ގެދޮރުއަޅަން ބޭނުންކުރަންޖެހޭ ސާމާނާއި، އަދި އެކިއެކި ވަސީލަތްތައް. ބޭސް، ސްކޫލުތައް ހިންގުމަށް ބޭނުންވާ ތަކެތި، ގެވެހި ކަންވާރު، މިހެންގޮސް އަޅުގަނޑުމެން ރާއްޖެއިން ބޭރުން ގެނެސްގެން ނޫނީ ފަރުނުޖެއްސޭނެ އެއްޗެއްސަކީ ވަރަށްގިނަ ބާވަތެއްގެ އެއްޗެތިތަކެއް. އެހެންކަމަށްވުމާއެކު، ފަސޭހައިން ރާއްޖެއަށް އަންނަ މުދާ ބޭލޭނެގޮތާއި އަދި އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު ތަރައްޤީ ކުރަމުން ގެންދާއިރު ހިސާބަކަށް ނަމަވެސް ރާއްޖޭގައި ބައެއްކަހަލަ ޞިނާޢަތްތައް އުފެދެމުން ދިޔުމާއެކު، އަޅުގަނޑުމެން އުފައްދާ ތަކެތި ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި އެތަކެތި ބޯޓުފަހަރަށް ބަރުކުރުމަށް، މިކަންތައްތައް މިހާރު އޮންނަގޮތަށްވުރެ ފަސޭހަގޮތަކަށް، ލުއިގޮތަކަށް، އެހާގިނަ ދުވަސްތައް ހޭދަނުވާނެކަހަލަ ގޮތަކަށް، އެއަށްވުރެ ޚަރަދުކުޑަގޮތަކަށް އޮވެގެންނޫނީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ކުރިއަށްދެވޭކަށް ނޯންނާނެ. އާދެ، އެކަން އެހެންއޮތުމާއެކު، މި މަޝްރޫޢަށް މިހާބޮޑު އަހަންމިއްޔަތެއް ސަރުކާރުންދީގެން މަޝްރޫޢުގެ ފުރަތަމަ ބައި މި ނިންމީ.

އާދެ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ދެއްކެވި ވާހަކަފުޅުންނާއި، އަދި އަލްފާޟިލް މުޙައްމަދު ޝަރީފް ދެއްކެވި ވާހަކަފުޅުން މާލޭގެ ވިޔަފާރި ބަނދަރުގެ، މިބައިގައި ހިމެނިފައިވާ ފަސޭހަތައް މިހާރު އޮންނާނީ ތިޔަބޭފުޅުންނަށް ރަނގަޅަށް ފިލާވަޑައިގެންފައި. އެކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް އަޅުގަނޑު ދައްކާކަށް ބޭނުމެއްނޫން. ދަންނަވަން ބޭނުންހާވެސް އެއްޗަކީ، މާލޭގެ ބަނދަރުގައި ބޯޓުފަހަރު ގިނަދުވަހު އޮންނަގޮތް ދިމާވުމަކީ، ބޯޓުފަހަރުގެ ޚަރަދު ވަރަށްބޮޑަށް މައްޗަށްދާ ކަމެކޭ. ހަމައެއާއެކު، އެއީ މުދަލުގެ އަގު ބޮޑުވުމަށްވެސް ދިމާވާ ސަބަބެކޭ. ސަބަބަކީ ބޯޓުފަހަރު ގިނަ ދުވަހު އޮންނަންޖެހުނީމާ، މާލޭގެ ބަނދަރުގައި އެ އޮންނަ މުއްދަތުގެ ޚަރަދު، ބޯޓުފަހަރުގެ ނާލަށް އިތުރުކުރަންޖެހޭކަން. އެހެންވީމާ، ތަންކޮޅެއް ކުރު މުއްދަތެއްގައި ބޯޓުފަހަރުގެ މަސައްކަތް ނިންމެވޭ ކަމަށްވަންޏާ، ޙަޤީޤަތުގައި އެއިން އަޅުގަނޑުމެންގެ ޚަރަދަށް ލުއިކަމެއް ލިބޭނެ. ވަގުތު ސަލާމަތްކުރެވޭ، ކޮންމެ ސަލާމަތް ކުރެވުމަކީ، ޚަރަދުވެސް ސަލާމަތް ކުރެވޭ، ސަލާމަތް ކުރެވުމެއް. އެހެންވީމާ، މި މަޝްރޫޢު މިގޮތަށް ސަރުކާރުން މަސައްކަތްކޮށްގެން މި ނިންމީ.

އާދެ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން، އެ ވިދާޅުވި ފަދައިން، ކަމެއް ކުރުމަށް ބޭނުންވާ ސާމާނާއި، އެކަން ކުރެވޭނެގޮތް ހަމަޖެހިފައި އޮތުމަކުން އަދި އެއީ އެކަންތައް އެގޮތަށް ކުރެވުނީކަމުގެ ޔަޤީންކަން ލިބޭކަމެއް ނޫން. އެއީ މިހާރު އަޅުގަނޑުމެން ބޭނުންކުރާ ސާމާނު އިތުރުކުރެވުނު ކަމުގައިވިޔަސް، މިސާލަކަށް، ކުރިން އޮތް މުދާބާލާ ފަސް ބަނޑުގެ އިތުރަށް، އެގާރަ ބަނޑު މި މަޝްރޫޢުގެ ދަށުން އިތުރުކުރެވިފައިވީ ކަމުގައިވިޔަސް، ކުރިން މުދާ ބާލަން އޮތް ތިން ކްރޭންގެ އިތުރަށް، ހަތަރު ކްރޭން އިތުރުކުރެވުނު ކަމުގައިވިޔަސް، ނުވަތަ ނުވަ ފޯކްލިފްޓް އިތުރުކުރެވުނު ކަމުގައިވިޔަސް، މިކަންކަމަކީ އެއްގޮތަކަށްވެސް އޭގެ ޒާތުގައި އަޅުގަނޑުމެންގެ މަސައްކަތަށް ހަލުވިކަމެއް ގެނެސްދޭނެ ކަމެއް ނޫން. އެ އެތަކެތިން މަސައްކަތް ކުރަން ތިބޭ މީހުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރާ ކަމަށްވަންޏާ، އެތަކެތި ހުރުމަކުން އަޅުގަނޑުމެންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް.

އާދެ، ވަރަށް ރީތި މިސާލެއް އޭނާ ޖައްސަވައިދެއްވި. އަޅުގަނޑުގެ ވާހަކައަކީ، އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތުގައި އުޅޭ މީހުން، އެ މަސައްކަތް ހިންގަވަން ތިއްބަވާ ވެރިންނާއި، އެވެރިންގެ ދަށުން މަސައްކަތް ހިންގަން ތިބޭ ސަރުދާރުންނާއި، އަދި އެ ސަރުދާރުންގެ ދަށުން މަސައްކަތް ހިންގަން ތިބޭ މަސައްކަތު މީހުންނާ، މި ހުރިހާ އެންމެންވެސް އެމީހުންގެ ވަގުތުގެ ބޭނުން އެދެވޭގޮތެއްގައި ކޮށްގެން ނޫނީ އަޅުގަނޑުމެން މި އުންމީދުކުރާ ލުޔެއް، މި މަޝްރޫޢަކުން ނުލިބޭނެއޭ. އަދި އަޅުގަނޑުމެން މި އުންމީދުކުރާ ފައިދާތަކެއްވެސް ހާސިލެއް ނުކުރެވޭނެއޭ.

އާދެ، މިހާރު ރާއްޖޭގައި މަސައްކަތު މީހުންގެ ކަންތައް އޮތްގޮތުން، ރާއްޖެއިން ބޭރުން މަސައްކަތުމީހުން ގެނެސްގެން ވަރަށް ގިނަ ކަންތައްތައް ކުރަން އެބަޖެހޭ. އެގޮތަށް ދިމާވާ ދިމާވުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެ، ބޭރުން އައިސް ތިބޭ މަސައްކަތުމީހުން، އެ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، އެމީހުންގެ ވަގުތު ޚިދުމަތުގައި ހޭދަކުރާގޮތާއި، އަޅުގަނޑުމެންގެ މަސައްކަތުމީހުން އެމީހުންގެ މަސައްކަތުގެ ވަގުތު ބޭކާރުގޮތުގައި ހޭދަކުރާ ތަނާ، މިއީ ވަރަށްބޮޑަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭ ކަމެއް. ބޭރުމީހުން އައިސް، ހަމަ ހެނދުނު މަސައްކަތް ފެށޭ ވަގުތުން ފެށިގެން މަސައްކަތް ނިމޭ ވަގުތާ ޖެހެންދެން އެއްވެސް ފޫހިކަމެއްނެތި، ވަގުތު ނަގާލުމެއްނެތި، މަސައްކަތް ކުރަމުން ގެންދާކަން އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ. އެއާ ޚިލާފަށް އަޅުގަނޑުމެންގެ ރާއްޖޭގެ މަސައްކަތުމީހުން ގިނަފަހަރަށް ވަރަށް ގިނަ ބަޔަކު ތިބޭނީ މަސައްކަތުގަޑީގައި ކޮންމެވެސް އެހެން ކަމެއް ކޮށްލަން. އެގޮތަށް ވަގުތު ބޭކާރުގޮތުގައި ހޭދަކުރެވޭތީ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން ވަރަށްބޮޑަށް މިހާރުވަނީ ދަށަށް ގޮސްފައި. ބޭރުމީހުން ގާތުން އަޅުގަނޑުމެން ދަސްކުރަންޖެހޭ ރީތި ސިފަތަކެއް ހުންނާނެޔޭ، އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަން. އެހެންވީމާ، މިއަދުވެސް ދަންނަވަން ޖެހެނީ އެހެން. ބޭރުން އައިސް ތިބޭ މަސައްކަތުމީހުން އެއީ ތަޢުލީމީ ގޮތުންނާއި، އެހެން ގޮތްގޮތުންވެސް މާ ކުރިއަރާފައި ތިބި ބައެއް ނޫން. އެހެންނަމަވެސް، އެމީހުންގެ ގައިގައި ހުރި ރަނގަޅު ސިފައެއް އެއީ، މަސައްކަތަށް ފަރުވާތެރިކަން ބެހެއްޓުން. ވަގުތު ނަގައިނުލުން. ހުރިހާ ކަމެއްވެސް، އެމީހެއްގެ ލިޔާޤަތު ހުރި މިންވަރަކުން ކުރަމުން ގެންދިޔުން. މިއީ އަޅުގަނޑުމެން، އެމީހުންގެ ގާތުން ދަސްކުރަން ހަމަ ވަރަށް ރަނގަޅު ފިލާވަޅެއް.

އާދެ، މަސައްކަތުމީހުންނާ ބެހޭގޮތުން ވާހަކަދައްކާއިރު، އަދި ކުޑަ އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އެއީ މިހާރު އަޅުގަނޑުމެން އަދި މީގެ ކުރިންވެސް ރާއްޖެއަށް ގެނެސްގެން، އެ ވަސީލަތްތަކެއް ބޭނުންކޮށްގެން، އެކިއެކި މަސައްކަތްތައް ހިންގާ ވަސީލަތްތަކަކީ އަދި ސައިންޓްފިކް ގޮތުން، ޤައުމީގޮތުން މާ ކުރިއަރާފައިވާ ވަސީލަތްތަކެއް ކަމުގައިނުވިޔަސް، މި އެއްޗެތި ބޭނުންކުރާއިރުވެސް، ވަރަށް ފަރުވާތެރިކަން ބަހައްޓަންޖެހޭނެ. ހަމައެކަނި އެ އެއްޗެތި ހަލާކުނުވެ، ރައްކާތެރިކުރުމަށްޓަކައި އެކަންޏެއްނޫން. އެއީވެސް ވަރަށްބޮޑު ބައެއް. ވަރަށްބޮޑު ޚަރަދުކޮށްގެން، ސަރުކާރުން އެފަދަ ވަސީލަތްތައް ހޯދާފައި ހުންނަނީ. އެ އެއްޗެތި އަވަހަށް ހަލާކުވެގެން ހިނގައްޖެއްޔާ، އެއީ ވަރަށްބޮޑު ޚަރަދަކަށްވާނެ. އެހެންވީމާ، އެ އެއްޗެތި ބެލެހެއްޓުން އެއީ ވަރަށްބޮޑު ކަމެއް. އޭގެ އިތުރަށް، އެ އެއްޗެތި ބޭނުންކުރުމުން ދިމާވެދާނެ ނުރައްކާތެރި ޙާދިޘާތަކަށް ވިސްނުން ބަހައްޓަން އަޅުގަނޑުމެންނަށް އެބަޖެހޭ. ކްރޭނުން މަސައްކަތް ކުރާއިރު، ނުވަތަ ފޯކްލިފްޓުން މަސައްކަތް ކުރާއިރު، ވަރަށް ފަސޭހައިން އެކިއެކި ނުރައްކާތެރި ކަންތައް ދިމާވެދާނެ. ފަހަކަށްއައިސް އެބަހުރި، އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުންނަށް ވަރަށްބޮޑެތި ގެއްލުން ލިބިފައި. ބައެއް މީހުން މަރުވެފައިވެސް.

އެހެންވީމާ، މިއީ އަޅުގަނޑުމެން މިހާރު ވަރަށްބޮޑަށް ވިސްނަން ޖެހިއްޖެ ކަމެއް. އަޅުގަނޑުމެންނޭ މި ދެންނެވީ، މަސައްކަތުގައި އުޅޭ އެންމެން. މަސައްކަތް ހިންގަން ތިބޭ ވެރިން، މަސައްކަތު ސަރުދާރުން އަދި މަސައްކަތުގައި އުޅޭ އާދައިގެ މަސައްކަތުމީހުން. އެ ހުރިހާ އެންމެން މަސައްކަތް ކުރާއިރުވެސް، މިއިން ކޮންމެ އެއްޗަކުން ވަރަށްބޮޑު ގެއްލުމެއް ތިމާގެ ހަށިގަނޑަށް ލިބދާނެކަން ނުވަތަ ތިމާ އެ މަސައްކަތް ކުރާއިރު ގެންގުޅޭ އެހެން ތަކެއްޗަށް ލިބިދާނެކަން ރަނގަޅަށް އިޙްސާސް ކޮށްގެން، އޭގައި ހުރި ނުރައްކަލަށް ވިސްނައިގެން، ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންތައްކުރާގޮތް. އަޅުގަނޑުމެންވެސް އެގޮތްވާނީ ދަސްކުރަން.

އާދެ، މާލޭގެ ވިޔަފާރި ބަނދަރޭ ކީ ކަމުގައިވިޔަސް، ޙަޤީޤަތުގައި މި ބަނދަރުގެ ފައިދާ ރައްދުވަނީ ހަމައެކަނި މާލެއަކަށް ނޫން. ބަނދަރު އޮތީ މާލޭގައި ކަމަށްވާތީ، މާލޭގެ ވިޔަފާރި ބަނދަރޭ މިތަނަށް ކިޔަނީ. އެކަމަކު، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން މިތަނަށް މި އަންނަ މުދަލަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުދާ. ރާއްޖޭގެ އެންމެ ދުރު ރަށުގައި ދިރިއުޅޭ، އެންމެ އާދައިގެ މީހާ ބޭނުންވާ މުންޑުވެސް، ނުވަތަ ގަންޖުފަރާސްވެސް އަންނަނީ ހަމަ ބޭރުން. އެ ބާލަންޖެހެނީ މި ބަނދަރަށް. އަދި އޭގެ އިތުރަށް، އެއަށްވުރެ މާ މުހިންމު އެއްޗެތި، ކާޑުގެ ބާވަތްތައް، ބޭސް އަދި އެ ނޫންވެސް ގެދޮރުއެޅުމުގެ ސާމާނާއި، ބޭނުންތެރި އެހެން ހުރިހާ އެއްޗެއް، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ އެއްޗެއް މި އަންނަނީ މާލެއަށް. ބޭލެނީ މިތަނަށް. އެހެންވީމާ، މިތާނގެ ކަންތައް ހަލުވިވެފައި، ފަސޭހަވުމުން އެއިން ލިބޭ ފައިދާ އެ ލިބެނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް. ހަމައެކަނި މާލޭގެ މީހުންނަކަށް ނޫން.

ދެން، މި މަޝްރޫޢުގެ ދެވަނަ ބައި ކުރިއަށް ގެންދާއިރު، އާދެ، ދެވަނަބަޔަކީ މިފަރާތުން މިތާނގެ ފަޅުފުންކޮށް، އަދި ބައެއް ބޯޓުފަހަރު ގާތްގަނޑަކަށް ފަސްހާސް ޓަނުގެ ބޯޓުފަހަރު ފަޅުތެރެއަށް ވެއްދޭގޮތަށް ރޭވިގެން ހިންގަން ހަމަޖެހިފައިވާ ބައި. އޭރުން އައިސް، މުދާ ބާލާ ތޮށިގަނޑާ ކައިރިކޮށްފައި ސީދާ ބޯޓުން އެއްގަމަށް، މުދާ ބޭލޭގޮތަށް. އެބައި އެއީ ކުރިންވެސް ދެންނެވި ފަދައިން ވަރަށްބޮޑު ޚަރަދެއް ހިނގާނެ ބައެއް. އަދި މިހާރަށްވުރެވެސް މަސައްކަތް ހަލުވިވެފައި ޚަރަދުކުޑަވާނެ ގޮތެއް އެއީ އެކަން ގެންދެވިއްޖެއްޔާ. އެކަން ކުރުމުގެ ސަބަބުން ރާއްޖެތެރެއިން އަންނަ އޮޑިދޯނިފަހަރު މިހާރު މިތާނގައި މިއަޅާގޮތަށް، ދެން މިތާނގައި އެޅޭކަށް ނޯންނާނެ. އެކަމާ ދޭތެރޭގައިވެސް، ސަރުކާރުން ވިސްނާފައި މިހާރުވަނީ ގޮތެއް ރާވާފައި. އެއީ މުޅި މާލޭގެ ބިންހިއްކުމުގެ މަޝްރޫޢު މިހާރު ނިމުމާ ގުޅިގެން މާލެ ޕްލޭން ކުރެވެމުންދަނީ. މާލޭގެ އެކި ދިމަދިމާގައި ހުންނަންޖެހޭނެ ކަންތައްތައް. ހުންނަން ޖެހޭނޭ ފަސޭހަތައް. މިސާލަކަށް މަދަރުސާތައް، ހޮސްޕިޓަލްތައް، ގުދަންތައް، މީހުން ދިރިއުޅޭނެ ގެދޮރު. އަދި ވިޔަފާރިކުރާ ތަންތަން، އިންޖީނުގެ ބަހައްޓާނެ ތަން. މިހެންގޮސް މާލެއަށް ބޭނުންވާ ހުރިހާ މިޒާތުގެ ޚިދުމަތްތައް ލިބޭނެ ތަންތަން ސަރުކާރުން މިހާރު ދަނީ ހަމަޖައްސަމުން. އެގޮތަށް މާލޭގެ ބޮޑު މަޝްރޫޢު ރޭވެމުންދާއިރު، މާލޭގެ ބަނދަރުގެ ކަންތައްތައްވެސް ދަނީ ހަމަޖެހެމުން. ބަނދަރުގެ އެކިދިމާ، އެކިފަރާތް، އެކި ކަންކަމަށް ޚާއްޞަކުރެވޭނެ. އެގޮތުން، މިހާރު ޚިޔާލު ކުރެވިފައިވަނީ މާލޭގެ ދެކުނުފަރާތުން ފަޅު ކޮނެގެން ހިއްކި ތާނގައި މިހާރު ވަރަށް ރަނގަޅު ޖާގަ އެބައޮތް. އެތާނގައި، ރާއްޖެތެރެއިން އަންނަ އޮޑިދޯނިފަހަރަށް އެކަށީގެންވާ ޖާގަދިނުން. ޙަޤީޤަތުގައި މިހާރު މިފަރާތުން ލިބޭ ޖާގައަށްވުރެ، މާބޮޑު ޖާގަ އެފަރާތުން ލިބެން އެބައޮތް. އަދި ސަރުކާރުން ޚިޔާލުކޮށްފައި އޮތްގޮތަށް އެ މަޝްރޫޢު ގެންދެވިއްޖެ ކަމަށްވަންޏާ، މިހާރަށްވުރެ މާފަސޭހަކޮށް ރާއްޖެތެރެއިން އަންނަ މީހުންނަށް، ދޯނިފަހަރަށް އަރައިފައިބާ ހެދޭނެ. އަދި އެމީހުން ގެންނަ މުދާ މާލެއަށް ބާލައި، މާލެއިން އެމީހުން ބަރުކުރަން ބޭނުންވާ މުދާ އެއަށް ބަރުކޮށް، މިކަހަލަ ކަންތައް މިހާރަށްވުރެ، މާ ފަސޭހަގޮތަކަށް ގެންދެވޭނެ. މިހާރު ތަންކޮޅު ކުޑަކަމާއެކު، ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ދޯނިފަހަރު ހުންނަނީ އެއްފައްޗަކަށް ހުރެދާނެ ތިން ދޯނި، ހަތަރު ދޯނި، ފަސް ދޯނި. އެއިން އެންމެ ފަހަތުގައި އޮންނަ ދޯނިން، މީހުން މާލެއަށް ފޭބުން ނުވަތަ އެއަށް އެރުން ނުވަތަ އެއިން މުދާ ބޭލުން ނުވަތަ އެއަށް މުދާ އެރުވުން، މި އޮންނަނީ ވަރަށް ދަތިކަމަކަށްވެފައި. ފަޅުތެރޭގެ ހަމަނުޖެހުންވެސް މިކަމުގެ ނަތީޖާއަކަށްވޭ. މި ކަންތައްތައް އެހެން ނުވާނެގޮތަކަށް އަޅުގަނޑުހިތުން މުސްތަޤްބަލުގައި ރޭވޭނެ. އެތާނގައި ޖާގަ އޮތީމާ. އެއް ދޯންޏަށްވުރެ، ގިނަ ދޯނި ތޮށިގަނޑު ކައިރީގައި ނޯންނަގޮތަކަށް ހަމަޖެއްސޭނެ. އެހެންވިއްޔާ، އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި މި މަޝްރޫޢު ކުރިއަށްދިޔުމާ ގުޅިގެން، އެ ކަންތައްތައްވެސް މިހާރަށްވުރެ، ފަސޭހަ އަދި ލުއިގޮތަކަށް ހަމަޖެހޭނެ. އެފަރާތަށް ރާއްޖެތެރޭގެ އޮޑިދޯނިފަހަރު އައިސް، އެތާނގައި އަޅާގޮތް ހަމަޖެހެންވާއިރަށް، އެމީހުން ބޭނުންވާ ޚިދުމަތްތައްވެސް އެފަރާތުން ލިބެންޖެހޭނެ. އާދެ، މާރުކޭޓުވެސް އެފަރާތުގައި އޮންނަންޖެހޭނެ. ވިޔަފާރިކުރާ ފިހާރަތައް އެފަރާތުގައި ހުންނަން ޖެހޭނެ. އަދި އެނޫންވެސް އެމީހުން ބޭނުންވާ އެހެން ޚިދުމަތްތައް އެފަރާތުގައި ހުންނަންޖެހޭނެ. އެގޮތަށް ސަރުކާރުން ޚިޔާލުކޮށްގެން، މި ދެންނެވި މާލޭގެ ބޮޑު މަޝްރޫޢު މިހާރު ކުރިއަށް ގެންދެވެނީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަޝްރޫޢުގައި އެކިއެކި މުހިންމު ވާޖިބުތައް އަދާކުރެއްވި ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. އާދެ، އޭގެ ތެރެއިން އެންމެ ފުރަތަމަ ފަރާތަކީ، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑް. އާދެ، އެމް.އެން.އެސް.އެމް.އެލް އެފަރާތުގެ މަސައްކަތާއި، އެއްބާރުލުމާއި ޚިޔާލު މިކަމުގައި ވަރަށްބޮޑަށް ލިބިފައިވޭ. ޚާއްޞަކޮށް، އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރު މަނިކު. އޭނާ ސީދާ މިކަމަށް ބެހެއްޓެވި ސަމާލުކަމާއި، އަހަންމިއްޔަތަކީ އަޅުގަނޑުހިތުން މި މަސައްކަތް މިހާ އަވަހަށް ނިމެން ދިމާވި އެންމެ ބޮޑު އެއް ސަބަބު. އެހެންވީމާ، ޚާއްޞަކޮށް، އޭނާއަށާއި އަދި އެމް.އެން.އެސް.އެމް.އެލް އަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އާދެ، މަސައްކަތުގައި ދެން މުހިންމު ބައެއް އަދާކުރެއްވި އަނެއް ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. އޭގެފަހުން އަދި އެއާއެކުގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. އެހެންވީމާ، މި ދެފަރާތުގެ ވެރިންނަށާއި، ހިންގުންތެރިންނަށާއި، މުވައްޒަފުންނަށާއި، މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް މި މުނާސަބަތުގައި ޝުކުރުވެރިވުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއްކަމަށް ދެކެން.

އާދެ، އަޅުގަނޑު އުންމީދު ކުރަނީ މިއަދު މި ހުޅުވޭ މާލޭގެ ވިޔަފާރި ބަނދަރުގެ ސަބަބުން، އަދި އެ ބަނދަރުން ލިބޭ ޚިދުމަތްތަކުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިއަށް އިތުރު ބަދަހިކަމެއް ލިބުން. އަދި ވިޔަފާރިއަކީ އިޤްތިޞާދުގައި ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗަކަށް ވުމާއެކު، ރާއްޖޭގެ އިޤްތިޞާދަށްވެސް، އިތުރު ތަރައްޤީއެއް ލިބުން. ހަމައެއާއެކުގައި، މާލޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް، މުސްތަޤްބަލުގައި އެމީހުން ބޭނުންވާ ކަންތައްތައް މިހާރަށްވުރެ ފަސޭހަކޮށް، ލުއިކޮށް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުން.

والسّــلام عليكم ورحمـة اللّـه وبركاته.