بســم اللّـه الرّحمـن الرّحيــم

السّــلام عليــكم.

އާދެ، މިރޭ މިތަނަށް އަޅުގަނޑުމެން އެއްވެ މިތިބީ، ކްރިކެޓް ފައުންޑޭޝަންގެ ހުރިހާ މެންބަރުންގެ ބައްދަލުކޮށްލެވުމެއް ބޭއްވުމަށްޓަކައި. އެހެންވީމާ، ފުރަތަމަ އަޅުގަނޑު ދަންނަވާހިތްއޮތީ، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މި ފައުންޑޭޝަނަކީ މިހާރު ފުދޭވަރަކަށް މެންބަރުން ތިއްބެވި ފައުންޑޭޝަނެއް. މެންބަރުންގެ ތެރޭގައި ތަފާތު ޢުމުރުތަކުގެ އަދި ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ. އާދެ، ވަރަށް ޒުވާން މެންބަރުންވެސް އެބަތިއްބެވި. ދެން އެހާ ޒުވާންނޫން މެންބަރުންވެސް އެބަތިއްބެވި. ސަރުކާރުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންވެސް އެބަތިއްބެވި. އަމިއްލަ މަސައްކަތް ކުރައްވާ ބޭފުޅުންވެސް އެބަތިއްބެވި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެގޮތުން ބަލާއިރު، މިފައުންޑޭޝަންގެ ހުރިހާ މެންބަރުންނަކީ، ފައުންޑޭޝަންގެ ދާއިރާގައި ހަމަހަމަވެގެންވާ މެންބަރުންތަކެކޭ. އަދި ފައުންޑޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމުގައި އެކުވެރިކަމާއި އެއްބާރުލައްވައިގެން، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ ލިޔާޤަތު ހުރި މެންބަރުންނޭ.

އާދެ، މިރޭގެ މި ބައްދަލުވުމުގެ ބޭނުމަކީ، ހަމަ އަޅުގަނޑުމެން ހުރިހާ އެންމެން އެއްތަނަކަށް އެއްވެ، ބައްދަލުކޮށްލައި ކުޑަކޮށް ވާހަކަދައްކާލައި ހަދާލުން. ހަމައެއާއެކުގައި، ފައުންޑޭޝަންގެ ކަންތައް މިހާ ހިސާބަށް ގޮސްފައި އޮތްގޮތުގެ ކުރު ޚުލާޞާއެއްވެސް ތިޔަބޭފުޅުންނަށް ދަންނަވާލުން. އެނގިވަޑައިގަންނަވާނެ ފަދައިން، މި ފައުންޑޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ކްރިކެޓް އާލާކޮށް، ދިރުވަން މަސައްކަތް ކުރުން. ކްރިކެޓްގެ ހުނަރުތައް ދަސްކުރަން ބޭނުންވާ ކުޅުންތެރިންނަށް ދަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެކިއެކި މެޗް ކުޅެ، ކްރިކެޓްގެ ރޫޙް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން. އަދި ޚާއްޞަކޮށް، ރާއްޖެތެރެއަށްވެސް ކްރިކެޓް ފެތުރޭތޯ މަސައްކަތްކުރުން. އެއީ އަޅުގަނޑުހިތުން ކްރިކެޓް ކުޅެނީ ރާއްޖޭގައި ހަމައެކަނި މާލޭގައި. އެހެންނަމަވެސް، އެއީ އެކަން އޮންނަންވީ ގޮތެއް ކަމަށް އަޅުގަނޑަކަށް ހީއެއްނުވޭ. އަދި ތިޔަބޭފުޅުންވެސް ހީފުޅެއްނުކުރައްވާނެ.

އެހެންވީމާ، މި ފައުންޑޭޝަންގެ އެއް މަޤްޞަދަކީ، ކޮންމެވެސް ގޮތަކުން ރާއްޖެތެރެއަށްވެސް ކްރިކެޓް ގެންދެވޭތޯ މަސައްކަތްކުރުން. ހަމައެއާއެކުގައި، ރާއްޖޭގައި ކްރިކެޓް ކުޅުއްވާ ހުރިހާ ބޭފުޅުންގެ މެދުގައި އެކުވެރިކަން އުފެއްދުން. ރަޙްމަތްތެރިކަން އުފެއްދުން. ހުރިހާ މެންބަރުންވެސް ދޭތެރެދޭތެރެއިން އެއްތަނަކަށް އެއްވެ ވާހަކަދައްކައި، އިޖުތިމާޢީގޮތުން އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުންތައް ބަދަހިކުރުން.

އާދެ، މިރޭގެ ބައްދަލުވުމަކީ އެގޮތުން ބޭއްވޭ ފުރަތަމަ ބައްދަލުވުން. މިހާތަނަށް ފައުންޑޭޝަންގެ ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލާއިރު، ދެތިން ނުކުތާއެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެންމެ ފުރަތަމަ، މި ފައުންޑޭޝަން ޤަވާޢިދުން ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީ ކުރެވިފައި ވަނީ 1986 ވަނަ އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހު. މިކަން ހިނގީ ރާއްޖޭގައި ކްރިކެޓަށް ލޯބިކުރައްވާ ފަރާތްތަކެއް އިސްނަންގަވައިގެން. އެބޭފުޅުންގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައި، ޚިޔާލު ބަދަލުކުރައްވާފައި، މިފަދަ ފައުންޑޭޝަނެއް އުފެއްދުމުގެ ބޭނުންތެރިކަން ހުރިހާ ބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވިގެން. ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގެންނެވި ގޮތެއްގެ މަތިން، މި ފައުންޑޭޝަން ރަޖިސްޓަރީ ކުރެވުނީ. މަސްއޫލުވެރިންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވަނީ، އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކާ އަޅުގަނޑު.

ދެން ފުރަތަމަ މިދެންނެވި ނުރަސްމީ ބައްދަލުވުމުގައި ބޭފުޅުން ޚިޔާލު ބަދަލުކުރައްވާފައި، ނިންމެވިގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑެއްވެސް ހޮވުނު. ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އެ ބޯޑުގެ މެންބަރުން އަޅުގަނޑު ދަންނަވާލާނަން. ބޯޑުގައި ތިއްބަވަނީ 12 ބޭފުޅުން. އޮނަރަރީ ޗެއަރމަނެއްގެ ގޮތުގައި މިވަގުތު ހުރީ އަޅުގަނޑު. އޮނަރަރީ ވައިސް ޗެއަރމަނަކަށް ހޮވުނީ އަޙްމަދު މުޖުތަބާ. އޮނަރަރީ ސެކްރެޓަރީއަކަށް ކެނެރީ ޢަބުދުއްސައްތާރު. އެސިސްޓެންޓް ސެކްރެޓަރީއަކަށް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމް. އޮނަރަރީ ޓްރެޜަރަކަށް ކ.ދ. އަޙްމަދު މަނިކު. ދެން ތިއްބެވީ 7 މެންބަރުން. އެ މެންބަރުންނަކީ، ފަތުޙުﷲ ޖަމީލް، ޢުމަރު ޒާހިރު، ޢައްބާސް އިބްރާހިމް، އަޙްމަދު ޢަލީދީދީ، މުޙައްމަދު ޢުމަރު މަނިކު، ޢަންބަރީ އަބުދުއްސައްތާރު، އަޙްމަދު ޖަލީލު. މި 12 ބޭފުޅުން މިއީ ފައުންޑޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިއްބެވި މެންބަރުން.

ދެން މި ފައުންޑޭޝަން އުފެދުމާ ގުޅިގެން، އަޅުގަނޑުމެން މަސްއޫލުވެރިން ސޮއިކޮށްފައި، ފައުންޑޭޝަނަށް ވެދެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ޤަވާޢިދުން އެކަމަށް އެދިވަޑައިގަތުމަށް ލިޔެ، ބޭފުޅުންނަށް ދެންނެވުނު. އަޅުގަނޑުމެން ފޮނުވި ލިޔުމުގައި، ފައުންޑޭޝަންގެ މަޤްޞަދާއި، ދެން ޗަންދާ އޮންނަގޮތާ، މި ހުރިހާ އެއްޗެއް ބަޔާންކޮށްފައި ފޮނުވީ. ފޮނުވީމާ، ވަރަށް ގިނަ ބޭފުޅުންގެ ތަރުޙީބު މިކަމަށް ލިބުނު. މިހާރު ތިއްބެވި މެންބަރުންގެ ޖުމްލަ ޢަދަދަކީ 92. ފައުންޑަރ މެންބަރުންގެ ގޮތުގައި ތިއްބެވީ 30 މެންބަރުން. އާދައިގެ މެންބަރުންގެ ގޮތުގައި ތިއްބެވީ 62 މެންބަރުން. ދެން އަޅުގަނޑު އުފަލާއެކު ދަންނަވަން ޖެހެނީ، މިފަދަ ކަމެއްގައި ބައިވެރިވެވަޑައިގަންނަވަން އެންމެ އެކަށީގެންވާ ގޮތުގައި ހުރިހާ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައޭ. މިހާތަނަށް އަޅުގަނޑުމެންނަށް އަދި މާބޮޑުކަމެއް ކުރެވިފައެއް ނެތް. އެއީ ފުރަތަމަ އަޅުގަނޑުމެން ޤަޞްދުކުރީ ކޮންމެވެސްގޮތަކަށް ފައުންޑޭޝަންގެ އޮނިގަނޑު ރާވަން.

އެހެންވީމާ، މިދެންނެވި އުޞޫލުގެ މަތިން، ޤަވާޢިދުން ކުރަންޖެހޭ ކަންތައްތައް ކުރީ. ފައުންޑޭޝަން ރަޖިސްޓަރީކުރީ. އަދި ހިންގާނެ ބޯޑެއްވެސް އިޚްތިޔާރުކުރީ. އަދި ހިންގާނެ ވަގުތީ ޤަވާޢިދެއްވެސް ތައްޔާރުކޮށް، އެ ޤަވާޢިދުވެސް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅައި ފާސްކޮށް ހެދީ.

އެހެންވީމާ، ފުރަތަމަ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ފައުންޑޭޝަންގެ އޮނިގަނޑު ހަމަޖެއްސުމުގެ ކަންތަކުގައި އަޅުގަނޑުމެން އުޅުނީ. ދެން ފައުންޑޭޝަންގެ ދިދައެއްވެސް މިހާރުވަނީ ފާސްކުރެވިފައި. އެންމެފަހުގެ ޖަލްސާގައި ބޯޑުން ފާސްކުރައްވާފައިވަނީ. ޖުލައި މަހުގެ ތެރޭގައި ބޭއްވުނު ޖަލްސާއެއް. އެކަން މިހާރު އޮތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ހުށައަޅަންވެފައި. އަޅުގަނޑުހިތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، މިނިސްޓްރީއަށް ހުށައަޅައިގެން ދިދައިގެ ކަންތައް ނިންމޭނެ.

ދެން ހުރިހާ މެންބަރުންވެސް މިހާތަނަށް ޗަންދާ ދައްކަވަމުން ގެންދަވާއިވަނީ ވަރަށްވެސް ތަޢުރީފް ޙައްޤުވާފަދަ ގޮތަކަށޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ. ހުރިހާ ބޭފުޅުންވެސް ވަރަށް ފަރުވާތެރިކަމާއެކު އެކަންތައް ކުރައްވަމުން ގެންދަވާތީ. ފަހަރެއްގައި ރާއްޖޭގައި ވަޑައިގެން ނެތުމުގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ސަބަބެއް މެދުވެރިވެގެން ޗަންދާ ދެއްކެވުން ލަސްވެފައިވާ ބޭފުޅަކު ހުންނަވާފާނެ. އެނޫންގޮތެއްގައިވިއްޔާ ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް ޗަންދާ ދައްކަވަމުން ގެންދަވަނީ. މިހާތަނަށް ޖޫންމަހުގެ ނިޔަލަށް ޗަންދާގެ ގޮތުގައި -/54,375 ރުފިޔާ ލިބިފައިވާ ކަމަށް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުން ދައްކާ. ދެން މިހާތަނަށް ކުރެވުނީ ވަރަށް ކުދިކުދި ޚަރަދު. އެ ޚަރަދުތައް ކަނޑާފައި މިހާރު ބާކީހުރި ފައިސާގެ ޖުމްލައަކީ، ޖޫންމަހުގެ ނިޔަލަށް -/53,760 ރުފިޔާކަމަށް މި ހިސާބުން ދައްކާ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިހާތަނަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދިޔައީ، ފުރަތަމަ ފައުންޑޭޝަން އޮނިގަނޑު ހަމަޖެއްސުމުގައި. އެކަމަށް ބޭނުންވާ ކަންތައްތައް ކުރަމުން. ދެން މާ އަވަހަށް ކަންތައް ކުރިއަށް ނުގެންދިޔުމަށްވެސް އަޅުގަނޑުމެންނަށް ފެނުނު ސަބަބަކީ، މާބޮޑު ފޯރިއެއްގައި ފުރަތަމަ ކަންތައްތައް ފަށައިގެންފައި، ދުވަސްކޮޅަކުން ފޯރިކެނޑިގެން ކަންތައް ނުހިނގާގޮތްވުމަށްވުރެ، މަޑުމަޑުން ފަށައިގަނެގެން، އަޅުގަނޑުމެންގެ ވަގުތާއި، އަޅުގަނޑުމެންގެ ލިޔާޤަތު ހުރިވަރަކުން ކުރިޔަށް ގެންދިއުން މޮޅުކަމަށް އަޅުގަނޑުމެންނަށް ފެނިގެން. އާދެ، އަޅުގަނޑު ހަނދާންވާގޮތުގައިވިއްޔާ، ސީނުކަރައިގެ ހަރުބަހެއް ނުވަތަ އެހެން ޤައުމެއްގެ ހަރުބަހަކަށްވެސް ވެދާނެ. އެ ހަރުބަހުގައި ބުނަނީ "އެއްހާސް މޭލުގެ ދަތުރެއްވެސް ފެށެނީ އެއް ފިޔަވަޅުންނޭ." އެހެންވީމާ، ގާތްގަނޑަކަށް އެކަހަލަގޮތަކަށް އަޅުގަނޑުމެންނަށް މިފަށައިގަނެވެނީ. ފުރަތަމަ އެއް ފިޔަވަޅު އަޅަނީ. އޭގެފަހުން ދެން އަނެއް ފިޔަވަޅު. އެކަހަލަގޮތަކަށް ކުރިޔަށްގެންދަން ކަމަށް ޚިޔާލުކުރެވިފައި އޮތީ.

ދެން މިހާރު އަޅުގަނޑުމެން މިދެންނެވި، އެންމެފަހުން ބޭއްވުނު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ ބޭފުޅުން ވާހަކަފުޅުދައްކަވާފައި، ޚިޔާލުކުރައްވާފައި އޮތީ، އެންމެ ފުރަތަމަކަމަކަށް މިކަހަލަ ޖަލްސާއެއް ބޭއްވުން. ފައުންޑޭޝަންގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ބޭއްވުން. އެއީ މިރޭ މިބޭއްވޭ ޖަލްސާއަކީ ނުވަތަ ބައްދަލުވުމަކީ. ދެން ކަންދިމާވިގޮތުން، މިވަގުތު ފައުންޑޭޝަންގެ މެންބަރުންގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ރާއްޖޭގައި ވަޑައިގެން ނެތް. އެއީ އަޅުގަނޑުމެންނަށް މިރޭ ލިބުނު އުނިކަމެއް. ބައެއް ބޭފުޅުން ޙައްޖަށް ވަޑައިގަތީ. އަނެއްބައި ބޭފުޅުން އެނޫންވެސް އެހެން ކަންތަކުގައި ރާއްޖެއިން ބޭރުގައިވަނީ. އެހެންވުމާއެކު، މިރޭ ފައުންޑޭޝަންގެ ހުރިހާ މެންބަރުންނާ ބައްދަލުކުރެއްވޭ ގޮތެއް މެދުވެރިއެއްނުވި. ދެން މި ބައްދަލުވުން ފަސްކޮށްލިނަމަވެސް، އަޅުގަނޑަށް ހީވަނީ އަބަދުވެސް އެކަހަލަ ގޮތްތައް ދިމާވާނެހެން. އެކި ބޭފުޅުންގެ މަސައްކަތްޕުޅު ހުންނަ ގޮތުން އަބަދު ހުރިހާ ބޭފުޅުންނަށް މާލެއަކު ނުތިއްބެވޭނެ. އެހެންވީމާ، މިރޭ ނުބާއްވައި އަދި މީގެފަހުން އެހެން ރެޔަކު ބާއްވަން ހަމަޖެއްސިޔަސް، ހަމަ މިކަހަލަގޮތެއް މެދުވެރިވުމަކީ އެކަށީވެގެންވާ ކަމެއް. އެހެންވީމާ، ދެން މިރޭ ބާއްވާގޮތަށް ހަމަޖެއްސީ.

ދެން އެރޭ ނިންމެވި އަނެއްކަމަކީ، ކޮންމެވެސްވަރަކަށް ކްރިކެޓް ޕްރެކްޓިސް ފެށުން. އަދި ބައެއް މެޗުތައް ކުޅެން ފެށުން. މިދޭތެރެއިން އަޅުގަނޑުމެންގެ ދަނޑުގައި، ރަސްމީ ދަނޑުގައި ވަރަށް ގިނަ މަސައްކަތްތަކެއް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ކުރެއްވުމާ ގުޅިގެން ދަނޑު ލިބެން ނެތިގެން، އެއްވެސް ކަމެއް ނުކުރެވި ދުވަސްކޮޅަކު މިދިޔައީ. އެހެންނަމަވެސް، މިހާރު މިނިސްޓަރ އެވިދާޅުވާގޮތުގައި، އަޅުގަނޑުމެން ބޭނުންވެއްޖެއްޔާ ކޮންމެވެސްވަރަކަށް ދަނޑު ލިބިދާނެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ގިނަބޭފުޅުން އެގޮތަށް އެދިވަޑައިގަންނަވާ ކަމަށްވަންޏާ، ކޮންމެވެސްވަރަކަށް ޕްރެކްޓިސް ކުރަން ރަނގަޅު ފުރުޞަތެއްހެން މިއީ. ހިސާބަކަށް ޕްރެކްޓިސް ކޮށްލައި ހަދާފައި، މެންބަރުންނަށް ފެނިވަޑައިގަންނަވާ ކަމަށްވަންޏާ މެޗެއްވެސް ކުޅެވިދާނެ. ބައެއް ބޭފުޅުން އެބަ ހުށަހަޅުއްވާ، މި އަންނަ ހުކުރުދުވަހު މެޗެއް ބާއްވަން. ދެން ގިނަ ބޭފުޅުންނަށް އެގޮތަށް ފެނިވަޑައިގަންނަވަންޏާ، އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު، އެގޮތަށް ކުރިއަށް ގެންދެވުން. ކޮންމެއަކަސް، ބޭނުމަކީ ގިނަގިނައިން އަޅުގަނޑުމެން ބައްދަލުވެ ވާހަކަދައްކައި، ދެން ކްރިކެޓްވެސް ޕްރެކްޓިސްކޮށް އަދި މެޗް އެއްޗެހި ބާއްވައި، މިހެން ހެދުން.

ހަމައެއާއެކުގައި ފައުންޑޭޝަނުން މިހާރު ޚިޔާލުކޮށްފައި އޮތް އަނެއްކަމަކީ، ރާއްޖޭގެ ކްރިކެޓްގެ ތާރީޚާބެހޭ މަޢުލޫމާތު އެއްކޮށް، ފޮތެއްގެ ސިފައިގައި ޝާއިޢުކުރުން. އަޅުގަނޑަށް ހީވަނީ އެއީ ހަމަ ވަރަށް ބޭނުންތެރިކަމެއްހެން. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކްރިކެޓަކީ ރާއްޖެއަށް އާ ކުޅިވަރެއް ނޫން. ރާއްޖެގައި މިހާރު ކޮންމެވެސް ސިފައެއްގައި ކްރިކެޓް ކުޅެވޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. އަދި ރާއްޖޭގެ އެކި ދައުރުގައި، ސަރުކާރުގެ އެންމެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންވެސްވަނީ ކްރިކެޓް ކުޅުއްވާފައި. އަދި ރާއްޖޭގެ ފެންވަރުގައި އެކަށީގެންވާ ކުޅުންތެރިންވެސް ވަނީ އުފެދިފައޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ.

އެހެންވީމާ، ރާއްޖޭގެ ކްރިކެޓާބެހޭ މަޢުލޫމާތުތައް އެއްކުރެވެންޖެހޭނެ ކަމަށް ފެނޭ. އޭގެތެރޭގައި އަޅުގަނޑުމެންގެ ރެކޯޑްތައް، ކުޅެވުނު މެޗުތަކާއި، އެންމެ ގިނައިން ލަނޑުދީފައިވާ މީހަކާއި، އެންމެ ގިނަ ވިކެޓް ނަގާފައިވާ މީހަކާއި، އަޅުގަނޑުމެންގެ ރަސްމީ މެޗުތަކުގައި އެކިއެކި ކުޅުންތެރިން ޙާޞިލުކޮށްފައިވާ އެވްރެޖްތަކާ، މިހުރިހާ އެއްޗެއް ރައްކާތެރިވެފައި ހުންނަންޖެހޭނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަންކުރޭ. އަޅުގަނޑުމެންނަށް، އަޅުގަނޑަށް ހީވަނީ އަދި މާ ފުރިހަމަގޮތެއްގައި މިރާއްޖޭގައި އެކަން ބެލެހެއްޓިފައެއްނެތްހެން. އެހެން ދެންނެވިޔަސް، އަޅުގަނޑަށް އެނގޭ، ސަރުކާރުގެ ކަމާބެހޭ ފަރާތުގައި، އެކަމާބެހޭ މަޢުލޫމާތު ކޮންމެވެސްވަރަކަށް އެބަހުރިހެން. ހަމަގައިމުވެސް، ފަހަކަށްއައިސް މި ކުޅެވޭ ހުރިހާ މެޗުތަކެއްގެ ސްކޯ ޝީޓްތަކާ، ހުރިހާ އެއްޗެއް ޤަވާޢިދުން ބެލެހެއްޓެމުން އެބަގެންދޭ. އެހެންނަމަވެސް، ރާއްޖޭގައި ކްރިކެޓް ކުޅެން ފެށުނީއްސުރެ، މިހާތަނާ ޖެހެންދެން މިދެންނެވި ބާވަތުގެ މަޢުލޫމާތުތައް އަދި ރަނގަޅަށް އެއްކުރެވިފައި ހުރިކަމަކަށް ނުފެނޭ.

އެހެންވީމާ، އެމަސައްކަތް ކުރުމަށް ކުރިމަތިލުން އެއީ ފައުންޑޭޝަނުން ޤަޞްދުކޮށްފައި އޮތްކަމެއް. އެއީކީ ފަސޭހަ މަސައްކަތެއް ނޫން. އެހެންވީމާ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން، އެ މަޢުލޫމާތު ސާފުކުރެވޭތޯ މިހާރު މިބަލަނީ. އެ މަޢުލޫމާތު ސާފުކޮށްފައި، މީގެ ކުރިންވެސް ދެންނެވިހެން، އެކަމަށް، އެ މަޢުލޫމާތުތަކަށް އެދޭ މީހުންނަށް ފެންނަން އޮންނާނެ ސިފައެއްގައި، ކޮންމެވެސް ސިފައެއްގައި ސާފުކޮށްގެން ނެރެން ޤަޞްދުކުރެވިފައި އޮތީ.

ދެން ކްރިކެޓް ޕްރެކްޓިސްކޮށް ދިނުމާއި، އަޅުގަނޑުމެންގެ ޒުވާނުންނަށް ކްރިކެޓްގެ ހުނަރުތައް ދަސްކޮށްދިނުމާއި، އަދި އައު ކުޅިންތެރިން އުފެއްދުމާ، މިއީވެސް ފައުންޑޭޝަންގެ ވަރަށް ބޮޑު މަޤްޞަދެއް. އެކަމަށް މިހާތަނަށް ޚިޔާލުކުރެވިފައި އޮތީ އެކަމަށް ބޭނުންވާ ޕިޗްގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް، ބޭރުން ކޮންމެވެސް ކޯޗެއް ނަމަވެސް ގެނެސްގެން ކުދިންނަށް ދަސްކޮށްދެމުން ގެންދާގޮތަކަށް. އަޅުގަނޑަށް ހީވާގޮތުގައި މާލަހެއްނުވެ، މިހާރު މި ތައްޔާރުކުރެވޭ އިންޑޯ ކްރިކެޓް ޕިޗް ނިމޭނެ. ފަހަރެއްގައި މަހެއްހާދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް ދިގުވިޔަސް، މާލަހެއްނުވެ އެޕިޗްގެ ކަންތައްވެސް ނިމޭނެ. އޭރުން ޕްރެކްޓިސް ކުރުމުގެ އިންތިޒާމް އަޅުގަނޑުމެންނަށް ހަމަޖެހިދާނެ، ދުވާލުވެސް، ރޭގަނޑުވެސް، ވިއްސާރަޔަސް، ވިއްސާރަނޫނަސް، އިންޑޯ ޕިޗް ހުންނަނިކޮށް. އެގޮތަށް މިހާރު ޚިޔާލުކުރެވިފައި އޮތީ. އެތަން ނިމުނީމާ، އެތާނގައި ކްރިކެޓް ޕްރެކްޓިސްކޮށްދޭ ގޮތަކަށް. ބޭރުން ކޮންމެވެސް ކޯޗެއްވެސް ގެނެސްގެން. އެކި ގަޑިގަޑިއަށް ބަހާލައިގެން މަދަރުސާ ކުދިންނަށް، އަދި އަލަށް ދަސްކުރަން ބޭނުންވާ ކުދިންނަށް، ކުލަބްތަކުގެ ކުދިންނަށް. އަދި އެނޫންވެސް ކްރިކެޓްގެ ކަންތައްތައް ދަސްކޮށް، އިތުރަށް ކްރިކެޓްގައި ކުރިއަށްދާން ބޭނުންވާ ހުރިހާ އެންމެންނަށް، އޭގެ ފައިދާ ލިބޭކަހަލަގޮތަކަށް ފައުންޑޭޝަނުން މިހާރު ޚިޔާލުކޮށްފައި އޮތީ.

އެއީ ދެން އަޅުގަނޑު މިރޭ ހުރިހާ މެންބަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކަކޮޅަކީ. ދެން، މި ބައްދަލުވުމަކީ މިގޮތަށް ވާހަކަދައްކަން ގަސްތުކުރެވިގެން ހަމަޖެހިފައި އޮތް ބައްދަލުވުމެއްނޫން. ކުރިންވެސް ދެންނެވިހެން، މަޢުލޫމާތުތަކެއް ތިޔަބޭފުޅުންނަށް އަރުވާފައި، ދެން ތިޔަބޭފުޅުންގެ ޚިޔާލުފުޅުވެސް ހޯދާލަން، ވަކިވަކިން އެއްބޭފުޅަކު އަނެއްބޭފުޅަކާ މަޝްވަރާކޮށްލައްވައި، ވާހަކަފުޅުދައްކަވައިލައްވައި ހައްދަވާކަހަލަގޮތަކަށް މި ބައްދަލުވުން ރޭވިފައި އޮތީ.

ދެން އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ފުރަތަމަ ޖަލްސާއަށް، ފުރަތަމަ ބައްދަލުވުމަށް ވަޑައިގެންދެއްވި ކަމަށްޓަކައި މި މަރުޙަބާ މިދަންނަވަނީ، މިވަގުތު މި ފައުންޑޭޝަންގެ އޮނަރަރީ ޗެއަރމަންގެ ޙައިޘިއްޔަތުން ހުރި މީހާގެ ގޮތުންވެސްމެ. ކްރިކެޓަށް ލޯބިކުރާ މީހެއްގެ ގޮތުންވެސްމެ. ދެން އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއެކުގައި، ފައުންޑޭޝަންގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުން. އަދި ފައުންޑޭޝަންގެ މަޤްޞަދުތައް، އަޅުގަނޑުމެންނަށް ވެވުނުވަރަކުން މާ ލަސްނޫންގޮތެއްގައި ޙާޞިލުވަމުން ދިޔުން.

والسّــلام عليكم ورحمـة اللّـه وبركاته.