ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އިންޑިޔާގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއި އޮން ކްލައިމެޓް ޗޭންޖް ޝިޔަމް ސަރަން މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި، ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށާއި ރަށްގިރުމާއި ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި މިކަންކަމުގައި އިންޑިޔާގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރީގެ ފުރުޞަތުތަކެއް ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން ޔޫޓިލިޓީޒް ކުންފުނިތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތު އިންޑިޔާގެ ކުންފުނިތަކަށް ވެސް ހުޅުވާލެވިފައިވާކަމަށް ނައިބު ރައީސް ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ.
ސްޕެޝަލް އެންވޯއި ޝިޔަމް ސަރަން މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމުގައި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، އިންޑިޔާ ސަރުކާރުން މިހާރު އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މޫސުމާބެހޭ ދިރާސާކުރާ މަރުކަޒުގެ ދިރާސާތަކުގައި ރާއްޖެ ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމުގައި ވިދާޅުވިއެވެ.