بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދު އަޅުގަނޑުމެންނަށް، ޞިއްޙީ ޚިދުމަތްގެ ދާއިރާގައި މިއެޅުނީ ވަރަށް ބޭނުންތެރި ފިޔަވަޅެއްކަމާމެދަކު ޝައްކެއްނެތް. ޞިއްޙީ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ދޭތަނަކީ ހޮސްޕިޓަލް، ނުވަތަ ހަސްފަތާލް. ހޮސްޕިޓަލުގެ ޚިދުމަތުގެ ތެރޭގައި، ބަލިމީހުންނަށް ލޭ އަޅައިދިނުން ހިމެނިފައިވަނީ ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ޚިދުމަތެއް ކަމުގައި. އަޅުގަނޑުމެންގެ މާލޭ ސެންޓްރަލް ހޮސްޕިޓަލް އެއީ އަދި ކިތަންމެ ކުޑަ ތަނެއްގައި ކަމުގައިވިޔަސް، އެތަނުން ދެވޭ ޚިދުމަތްތައް، ދުނިޔޭގެ އެހެން ތަންތަނާ އަޅައިބަލާއިރު، މާ އެކަށީގެންވާ ފެންވަރެއްގައި އަދި ނެތްކަމުގައިވިޔަސް، އަޅުގަނޑުހިތުން މި ހޮސްޕިޓަލުންދޭ ޚިދުމަތްތަކަކީ، ދިވެހި މުޖުތަމަޢަށް ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް. އެހެންވީމާ، އެ ޚިދުމަތްތަކުގެ ތެރެއަށް މިއަދު މި އިތުރުކުރެވުނު ޚިދުމަތް ހިމެނިގެންދާނީ މިހާރަށް ވަރަށް ބޭނުންތެރިވެފައިވާ ޚިދުމަތެއް ކަމުގައި.

ދެންމެ މިނިސްޓަރ އޮފް ހެލްތުގެ ވާހަކަފުޅުގައި އިޝާރަތްކުރެއްވި ފަދައިން، އަޅުގަނޑުމެންގެ ބަލިމީހުންނަށް ވަރަށް ގިނަގިނައިން މިހާރު ލޭ ބޭނުންވަމުންދޭ. ބަލިމީހުންގެ ތެރޭގައި އެމީހުންނަށް ލިބޭ ނުވަތަ އެމީހުންނަށް ދޭންޖެހޭ ހަމައެކަނި ފަރުވާއަކީ ލޭ ކަމުގައިވާ މީހުންވެސް އެބަތިބި. އާދެ، އަޅުގަނޑުމެންގެ ތެރޭގައި ލޭގެ ބައެއް ބަލިބަލި ހުންނަ ތުއްތުކުދިން އެބަތިބި. ދެންމެ، ލޭ ރައްކާތެރިކުރާ ތަން ހުޅުވައިދިނުމަށްޓަކައި އަޅުގަނޑު އަތަށް އެ ކަތުރު ގެނެސްދިން ތުއްތުކުއްޖާ އެއީވެސް އަޅުގަނޑުހިތުން ހަމަ ގަވާއިދުކޮށް ލޭ އަޅަންޖެހޭ ކުއްޖެއް. އެކަހަލަ ވަރަށްގިނަ ކުދިން މިހާރު މާލޭގައިވެސް އަދި ރާއްޖޭގައިވެސް އެބަތިބި. އެކުދިންނަށް ލިބެންޖެހޭ ހަމައެކަނި ފަރުވާއަކީ ލޭ. އެހެންވީމާ، އެގޮތުން ލޭ ރައްކާތެރިކުރެވޭނެ ތަނެއް ހުރުން އެއީ މިވަގުތަށް އަޅުގަނޑުމެންނަށް ވަރަށް ބޭނުންވެފައިވާ ކަމެއް.

އާދެ އެކަންއޮތީ އެހެންކަމަށްވުމާއެކު، މިކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވަރަށް ދުރާލައި ވިސްނަވައިގެން، މިމަސައްކަތް ކުރައްވަމުން މިގެންދެވީ. މިއަދު މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މި "ބްލަޑް ބޭންކް" ނުވަތަ ލޭ ރައްކާކުރާ ތަން މި ހުޅުވުނީ. އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކޮންމެ މަހަކުވެސް އެވްރެޖްކޮށް މަހަކު ސަތޭކަވަރަކަށް ކްރޮސްމެޗް ކުރަންޖެހޭ ލޭ. އޭގެތެރެއިން، އެވްރެޖްކޮށް މަހަކު ހަތްދިހަ ހަތަރު މީހުންނަށް ސެންޓްރަލް ހޮސްޕިޓަލުން ލޭ އަޅުއްވައިދެއްވަން ޖެހޭނެ. އަދި އޭގެ ތެރޭގައި ގާތްގަނޑަކަށް ތިރީސް ހަމީހުން ނުވަތަ ތިރީސް ހަކުދިން އެއީ ލޭގެ އެކިއެކި ބަލިބަލި ހުންނާތީ، އަބަދުއަބަދު ލޭ އަޅަންޖެހޭ ކުދިން. އެކުދިންގެ ޞިއްޙަތު އެދޭވޭ ގޮތެއްގައި ރަނގަޅުވަމުންދާނީ، ލޭ އަޅަންޖެހުނުހާ އަވަހަކަށް ލޭ އެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮވެގެން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބައެއް ކުދިންގެ ޞިއްޙަތު ދެރަވެ، ވަރަށް ބޮޑަށް ބަލިވެ، އަދި ބައެއް ކުދިންގެ ފުރާނަ ނުރައްކާވާ ހިސާބަށް ކަންތައް ދަނީ، ލޭ އެޅުން އެ ކުރަންޖެހޭ ފެންވަރަށް ނުކުރެވޭތީ. އަޅަންޖެހޭހާ އަވަހަށް ނޭޅޭތީ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ރާއްޖޭގައި ވަނީ ވަގުތުން ބޭނުންވާ ލޭ ލިބެންނެތުން. އެއީ މިފަދަ ތަނެއް ނެތުމުގެ ސަބަބުން މީގެ ކުރިން ދިމާވެފައިވާ ވަރަށްބޮޑު ދައްޗެއް.

އާދެ، މިދެންނެވި ކުދިންގެ އިތުރަށް، ބޮޑެތި އޮޕަރޭޝަން ކުރަންޖެހޭ ބަލިމީހުންނާއި، އަދި ވިހެއުމުގެ ތެރޭގައި އެކިއެކި ޞިއްޙީ މައްސަލަތައް ދިމާވާ އަންހެނުންނާއި، މިއެންމެންނަށްވެސް ގަވާއިދުން ލޭ އެޅޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހޭ. އާދެ، އެފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މިއަދު މި ލޭ ރައްކާކުރާ ތަން މިހުޅުވެނީ. އެހެންނަމަވެސް، މި ތަން ހުޅުވުމަކުން އަދި އަޅުގަނޑުމެންނަށް އެ މައްސަލަ ޙައްލުކުރެވުނީ ކަމަކަށް އަޅުގަނޑުމެން ދެކިގެންނުވާނެ. ސަބަބަކީ ވިޔަފާރީގެ ބޭންކެއް ހުޅުވުނަސް، އެތާނގައި ބަހައްޓާނެ ފައިސާއެއް ނެތިއްޔާ، އެ ބޭންކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ފަދައިން، ލޭ ރައްކާތެރިކުރާ ތަނެއް ހުޅުވުނަސް، އެތާނގައި ބަހައްޓާނެ ލޭ ލިބޭކަމުގައި ނުވަންޏާ، އެތަނެއް ހުޅުވުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، ޞިއްޙީގޮތުން ކުޅަދާނަކަން ލިބިގެންވާ ހުރިހާ އެންމެންވެސް، އެމީހުން ލޭ ދިނުމަށް އަވަސްވެގަތުން. ޝައްކެތްނެތްގޮތުގައި އެމީހުންނަށް އޭރުން ދިވެހި ޤައުމަށް، ދިވެހި މުޖުތަމަޢަށް އެކުރެވެނީ ވަރަށްބޮޑު ޚިދުމަތެއް ކަމުގައި ވެގެންދާނެ. އަޅުގަނޑަށްވެސް އެނގޭ، ތިމާގެ ގައިން ލޭފޮދެއް ނެގުމަކީ ނުވަތަ ދިނުމަކީ އެއްވެސް މީހަކަށް ފަސޭހަކަމަކަށް ނުވާނެކަން. އެހެންނަމަވެސް، ގިނަމީހުންނަށް ހީވެފައި އޮންނަގޮތާ ޚިލާފަށް، އަޅުގަނޑަށް ޑަކްޓަރުންގެ ފަރާތުން އާދެ، ކަމާބެހޭ މާހިރުންގެ ފަރާތުން އެނގިފައި އޮންނަނީ، ޞިއްޙަތު ރަނގަޅުކޮށް ހުންނަ މީހެއްގެ ގައިން ލޭ ނެގުމަކީ އެމީހާއަށް މާބޮޑު ގެއްލުމެއް ލިބޭނެކަމެއް ނޫންކަމަށް. ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ލޭ ދެވިދާނެ. އެހެންވީމާ، އެ ލޭ ދިނުމަކީ އޭނާގެ ޞިއްޙަތަށް އެއްވެސްކަހަލަ އުނިކަމެއް ލިބޭނެ ކަމެއްނޫން. އެކަންއޮތީ އެހެންކަމަށްވާތީ، ލޭ ދިނުމަށް އަޅުގަނޑުމެން ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތް.

އާދެ، ލޭ ދިނުމުގެ މުހިންމުކަމާ ދޭތެރޭގައި މާދިގު ވާހަކައެއް ނުދެއްކިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ލޭ ނުލިބިގެން ބައެއްމީހުން މަރުވަން ދިމާވާކަން. ލޭ ދިނުމަކީ މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމެއްކަން. އެހެންވީމާ، އަޅުގަނޑުމެންގެ އަޚެއްގެ އަޚެކޭ މިދެންނެވީ، ދިވެހި ޤައުމުގެ ފަރުދެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެމީހަކަށް ލޭ ދިނުން ވާންޖެހޭނީ އަޅުގަނޑުމެންގެ ހެޔޮ ހިތުންވާ ޤުރުބާނީއަކަށް.

އާދެ، މިމޭރުމުން މާގިނަ ވާހަކަތަކެއް ދައްކާކަށް ގަސްތެއްނުކުރަން. މިހާތަނާ ޖެހެންދެންވެސް، ލޭގެ ޚިދުމަތް ހިތްހެޔޮކަމާއެކު އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކު ދީފައިވާކަން، މިމަޤާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. ވަރަށް ގިނަމީހުން އެއްފަހަރަށްވުރެ ގިނަފަހަރު ލޭ ހަދިޔާކޮށްފައިވޭ. ބައެއް މީހުން ހަފަހަރު، އަނެއްބައި މީހުން ފަސްފަހަރު. މިދެންނެވީ މިވޭތުވެދިޔަ ދެ އަހަރަށް ބަލާއިރުވެސް، އަނެއްބައި މީހުން ހަތަރުފަހަރު ނުވަތަ ތިންފަހަރު ލޭ ހަދިޔާކޮށްފައި ތިބި މީހުން އެބަތިބި. އެހެންވީމާ، އެފަދަ މީހުން މުޖުތަމަޢުގައި ތިބޭކަން އެއީ މުޖުތަމަޢުގެ ވަރަށްބޮޑު ރައްކަލެއް ކަމުގައި ނޫނީ ނުވާނެ.

އާދެ، ލޭ ދޭ މީހުންނަށް ސަރުކާރުންވެސް ކޮންމެވެސްކަހަލަ ކަންތައްތަކެއް ހަމަޖައްސައިދިނުމަކީ ބޭނުންކަމެއް. އެމީހުންނަށް ހިތްވަރުދިނުމުގެ ގޮތުން. އެމީހުން އެ ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން. އެހެންވީމާ، މިހާރު މިނިސްޓްރީ އޮފް ހެލްތުން ހަމަޖައްސާފައިވަނީ، ލޭ ދޭ މީހުންނަށް، މިދެންނެވި ކަހަލަ ލުއިތަކެއް މުސްތަޤްބަލުގައި ޞިއްޙީ ދާއިރާގައި ލިބޭގޮތަށް އޮތުން. އޭގެތެރެއިން އެއްކަމެއް ކަމުގައި އަޅުގަނޑަށް އެނގިފައިވަނީ، އެއް އަހަރު ދުވަހުގެ ތެރޭގައި ދެފަހަރު ލޭ ދޭ ކޮންމެ މީހަކަށް، އެމީހާ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާކޮށްދޭން ޖެހިއްޖެއްޔާ ހޮސްޕިޓަލުގައި ބޭއްވުމާއި، އެދޭ ހުރިހާ ފަރުވާއެއް ސަރުކާރުގެ ޚަރަދުގައި ހިލޭ ކޮށްދޭގޮތަށް އޮތުން. އަދި ލޭ ދޭ ކޮންމެ މީހަކަށް، އެމީހަކު ހޮސްޕިޓަލަށް އައިސް ޑަކްޓަރަށް ދައްކަން ބޭނުންވެއްޖެއްޔާ، ސަފުގައި ހުންނަން ނުޖެހި، ވަގުތުން އެމީހަކު ޑަކްޓަރު ބައްލަވައި، އެމީހަކަށް ދެއްވަންޖެހޭ ފަރުވާއެއް ދެއްވާގޮތަށް.

އާދެ، އަޅުގަނޑުހިތުން މިބާވަތުގެ ލުއިފަސޭހަތަށް ނުވަތަ ޚިދުމަތްތައް، ލޭ ދޭ މީހުންނަށް ދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. ކުރަންޖެހޭނެވެސް ކަމެއް. ދުނިޔޭގެ އެހެން ތަންތާނގައިވެސް ކޮށް އުޅޭކަމެއް. އެއާ ޚިލާފަށް، ލޭ ދޭ މީހުންނަށް ފައިސާގެ ހަދިޔާދިނުމަކީ އެއީކީ އަޅުގަނޑު ދަންނަވާނީ މިކަމުގެ ބާވަތަށް ބަލާއިރު، މާ ރަނގަޅު ކަމެކޭ ދެންނެވޭކަށް ނެތޭ. އަދި ދުނިޔޭގެ ޞިއްޙަތާބެހޭ ފަރާތްތަކުންވެސް އެއްގޮތަކަށްވެސް ބާރުއަޅުއްވާ ކަމެއްނޫން. އެފަރާތްތަކުންވެސް އަންގަވަނީ އެމީހުންނަށް ފައިސާ ދިނުމުގެ ބަދަލުގައި، އެމީހުންނަށް ލިބެންޖެހޭ ޞިއްޙީ ޚިދުމަތް ލިބުމުގައި އަވަސްވުމާއި، އަދި ބައެއްކަހަލަ ޞިއްޙީ ޚިދުމަތްތައް، ކުރިންވެސް އަޅުގަނޑު އެ އިޝާރަތް ކުރިފަދަ ޚިދުމަތްތައް، ހިލޭ ލިބޭގޮތަށް އޮތުމުން ފައިދާ މާބޮޑުވާނެއޭ.

އާދެ، ދެންމެ މި އިޙްތިފާލު ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައިވެސް، އެބާވަތުގެ ކަންތައްތަކުގައި އެހެން މީހުންނަށް އެހީވެދޭ މީހުންނަށް، ތިމާގެ ފައިސާއިން ނުވަތަ ތިމާއަށް ލިބިފައިވާ އެއްޗަކުން އެހެން މީހުންނަށްޓަކައި ހޭދަކުރާ މީހުން އެކުރާ ކަންތައްތަކުގެ މޮޅުކަމާއި، އެއަށްހުރި ޘަވާބު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ތިމާ އަތުގައިވާ އެއްޗަކުން އެހެން މީހުންނަށް ހޭދަކުރާ މީހާއަށް ވަރަށް ބޮޑު ޘަވާބާއި، ހެޔޮ ދަރުމަ ލިބޭނެކަން އެ އާޔަތްތަކުގައި އަންގަވާފައިވޭ. އަދި ތިމާއަށް ލިބިފައިވާ އެއްޗަކުން އެކުރާ ޚިދުމަތަކީ ތިމާގެ އަމިއްލަ ނަފްސަށް ކުރާ ޚިދުމަތެއް ކަމުގައިވެސް ވަނީ އަންގަވާފައި. އެހެންވީމާ، އަޅުގަނޑުހިތުން ޞިއްޙަތު ސަލާމަތުން ހުރި މީހަކު ކަމުގައިވަންޏާ، ލޭ ދިނުމަކީ އެއްގޮތަކަށްވެސް ޖެހިލުންވާންވީ ސަބަބެއްނޫން. އެކަމުގެ ސަބަބުން މުޖުތަމަޢަށްވެސް ވާނީ ފައިދާ. އަދި އެކަމުގެ ސަބަބުން އެމީހާއަށް ﷲގެ ޙަޟްރަތުގައިވެސް ވަނީ މަތިވެރި ނިޢުމަތާއި، ދަރުމައާއި، ޘަވާބު.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ އާޔަތުން ބައެއް ދަންނަވާލަމުން. أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى اْلْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ ﷲ ވަޙީކުރައްވަނީ، "މީހަކު މެރުމަކާ ނުލައި މީހަކު މަރައިފިމީހާ ނުވަތަ އެމީހަކު ބިމުގައި ފަސާދަކުޅައުމަކާނުލައި މީހުން މަރައިފިމީހާ، އެބަހީ އެމީހަކު މެރުން ޙައްޤުވާފަދަ ކުށެއް ނުފެނިހުއްޓައި މީހަކު މަރައިފިމީހާ ދަންނާށޭ. ފަހެ އެމީހާ ދުނިޔޭގައިވާ އެންމެހާ މީސްތަކުން މަރައިފި މީހަކުފަދައޭ. ހަމައެފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފި މީހާ، އެންމެ މީހަކު ދިރުވައިފި މީހަކު، އެމީހަކު ފުރާނަ ސަލާމަތްކުރުމަށް ބޭނުންވެފައިވާ ޚިދުމަތެއް ނުވަތަ ކަމެއް ކޮށްދީފި މީހާ ދަންނާށޭ. ފަހެ އެމީހާ ދުނިޔޭގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްކޮށްދީފި މީހެއްފަދައޭ."

والسّــلام عليكم ورحمـة اللّـه وبركاته.