ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑޮކްޓަރ މުޙައްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެން.އައި.ޑީ.އޭ) އިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.