ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޑިޔާގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް، ޝިޔަމް ސަރަން މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ތިމާވެށްޓާ ބެހޭގޮތުން މިހާރު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އިތުރަށް އުންމީދު އާވެފައިވާކަމަށް ވިދާޅުވިއެވެ. ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދެމިއޮތުމަށާއި ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ތިމާވެށްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް އިންޑިޔާއާއެކު މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، މުސްތަޤްބަލުގައި އިޢާދަ ކުރަނިވި ހަކަތައާއި، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ޓެކްނޮލޮޖީ އުފެއްދުމުގެ ދާއިރާގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާނީ އިންޑިޔާއާއި، އިންޑިޔާގެ ކުންފުނިތައް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއި އޮން ކްލައިމެޓް ޗޭންޖް، ޝިޔަމް ސަރަން ދެއްކެވި ވާހަކަފުޅުގައި، ތިމާވެށީގެ ދާއިރާއިން އިންޑިޔާއާއި ރާއްޖެއަށް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ މުސްތަޤުބަލްވަނީ ގުޅިފައި ކަމަށާއި، ރާއްޖޭގެ ދެމިއޮތުމަށް ކުރިމަތިވެފައި ނުރައްކަލަކީ، އިންޑިޔާއަށްވެސް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށް ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަކީ އިންޑިޔާއިންވެސް ގެންގުޅޭ ސިޔާސަތުކަން ބަޔާންކުރައްވަމުން، އިންޑިޔާއިން ދެކޭގޮތުގައި އެއީ ތަރައްޤީއާއި ކުރިއެރުން ހޯދުމުގައި ތިމާވެށްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރުން ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، އިންޑިޔާގެ ކުންފުނިތަކުން އުފައްދާ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ރާއްޖެއާއެކު ޙިއްޞާކުރަން އިންޑިޔާއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެށްޓަށް އަންނަ ބަދަލުތަކާބެހޭގޮތުން ކުރެވޭ މަސައްކަތްތަކާއި، އެ މަސައްކަތުގައި ރާއްޖެއާއި އިންޑިޔާއިން ގެންގުޅޭ ސިޔާސަތާބެހޭގޮތުންނާއި، މިކަމުގައި ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު ޒަމާނުއްސުރެ އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. އަދި ދެ ޤައުމަށާއި މި ސަރަޙައްދަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން ސަލާމަތްވުމުގައި ދެ ޤައުމުން އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.