ރާއްޖޭގައި ބިން އުފެއްދުމާއި، ބިން އިތުރުކުރުމުގެ ސިޔާސަތު އެކުލަވާލެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޒަމާނުއްސުރެ ބިން އުފައްދައި، އިތުރުކުރަމުން ގެންގޮސްފައިވާކަމާއި އަދި މީހުން ދިރިއުޅޭ ރަށްރަށާއި، ޞިނާޢީ މަސައްކަތްކުރާ ރަށްރަށާއި، ޓޫރިސްޓް ރިޒޯޓްތަކުގެ ބިން އިތުރުކޮށް، ފަޅުތަކާއި ފަރުތައް ހިއްކައިގެން ބިން އުފައްދަމުން ގެންގޮސްފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ބިން އުފެއްދުމާއި، ބިން އިތުރުކުރެއްވުމާ ބެހޭގޮތުން ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުއްވުމަކީ، ޤައުމީ ތަރައްޤީއާއި ފުރިހަމަ ރޭވުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށްފަހު، މި ސިޔާސަތާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރައްވައި ގޮތްތަކެއް ނިންމެވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދެވެ.