ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މި ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މި ކަމަށް ގޮވައިލެއްވީ، ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ ފަންނުވެރިން، އަދި ޚާއްޞަކޮށް ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިޙުތިރާމާއި ޤަދަރު ލިބިފައިވާ ބައެއް ކަމުގައެވެ. އެހެންކަމުން، ޞިއްޙީ ޚިދުމަތްތެރިންނެކޭ އެއް ފަދައިން އެ ބޭފުޅުންނަށް ވެސް، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި، މޭސްކު އެޅުމާއި، ޢާންމު ސާފުތާހިރުކަމުގެ ޢަމަލުތަކަށް ޢާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި، ވެކްސިން ޖެހުމަށް ޢާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުލަބުތައް ތަމްޞީލުކުރައްވާ ބޭފުޅުން ވަނީ، ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ޚިޔާލުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. އަދި، މި ކަމުގައި ހުރި ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވާ، ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ. ހަމަ އެއާއެކު، އެ މަނިކުފާނު ވަނީ ކުޅުންތެރިންނެކޭ އެއް ފަދައިން، ކުލަބުތަކުން ވެސް އިސްނަގައިގެން ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެހެން މީހުންނަށް ވެސް އެކަމަށް ގޮވާލުމަށް އެދިވަޑައިގަންނަވާފައެވެ.