بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް ކަނދޮޅުދުއަށް މިއައީ، މިދިޔަ ހަފްތާގައި މުޅިރާއްޖެއަށް ކުރިމަތިވި ބޮޑުރާޅު އެރުމުގެ ހާދިސާގައި މިރަށަށް ލިބިފައިވާ ގެއްލުންތައް ބަލައިލުމަށާއި، މިރަށުގައި މިވަގުތު ތިއްބެވި މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި. އާދެ، އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަނީ، މިކަމުގެ ހިތާމައިގައި ބައިވެރިވުމަށްޓަކައި.

ޙަޤީޤަތުގައި، މިފަހަރު މިދިމާވި ޤުދްރަތީ ކާރިސާގެ ހިތާމަވެރި އަސަރު ނުފޯރާ އެއްވެސް ދިވެހިރައްޔިތަކު ނެތް. އަސަރު ނުފޯރާ އެއްވެސް ރަށެއް ރާއްޖެއަކު ނެތް. އަޅުގަނޑުމެންގެ ތެރެއިން ލޮބުވެތި އަޚުންތަކަކާއި އުޚްތުންތަކެއް ވަނީ މި ހާދިސާގައި ނިޔާވެފައި. މި ދުނިޔެ ދޫކޮށް، ދާއިމީ މަންޒިލަށް ދަތުރުކޮށްފައި. މި ރަށުގެ ރައްޔިތުންގެ ތެރެއިންވެސް ތިންމީހަކު މި ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން މި ދިމާވި ޤުދްރަތީ ކާރިސާގައި މިދުނިޔެ ދޫކޮށްދިޔަ އެންމެންނަށް މާތް ﷲ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި އެ އެންމެންނަށް ސުވަރުގޭގެ ބާއްޖަވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. ހަމައެޔާއެކީގައި، އެމީހުންގެ ޢާއިލާތަކަށާއި، ރަށްރަށުގެ ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާކިޔައި، ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރަން.

އާދެ، މިބާވަތުގެ ކަންތައްތަކަކީ ދުނިޔޭގައި ދިމާވެދާނެ ކަންތައްތައް. ކޮންމެ ކަމެއްވެސް، ދުނިޔޭގައި ހިނގަމުން މިދަނީ ޤުދްރަތީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން. اللّـه سبحـانـه وتعـالى މިންވަރުކުރައްވާ ގޮތެއްގެމަތިން. އެހެންވީމާ، އަޅުގަނޑުމެން މިކަން ދެކެންވާނީވެސް އެއީ ﷲގެ މިންވަރުފުޅުން ވީ ކަމެއްގެގޮތުގައި. އަޅުގަނޑުމެންނަކީ މުއުމިނުން ކަމަށްވާއިރު، މުއުމިނުންގެ ގޮތަކީ މާތް ﷲ ދެއްވާ ނިޢުމަތްތަކަށް ޝުކުރުކުރުން. ޙަމްދުކުރުން. އެކަލާނގެ އަންގަވާފައިވާގޮތަށް އަބަދުވެސް އުޅުމަށް ގަދައަޅައި މަސައްކަތްކުރުން. ހަމައެހެންމެ، ހިތާމައެއް ކުރިމަތިވެއްޖެ ކޮންމެ ހިނދެއްގައި، އެ ހިތާމައެއް ތަޙައްމަލުކޮށް ކެތްކުރުން.

އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކީ، މިއަދު އަޅުގަނޑުމެންނަށް މިދިމާވި މުޞީބާތަށް ކެތްކުރުން. އަދި އަޅުގަނޑުމެންނަށް މާތްﷲ އަބަދުމެ ދެއްވާ ހެޔޮރަޙްމަތްތަކާއި، ނިޢުމަތްތަކަށް ޝުކުރު ދެންނެވުން. އަބަދުވެސް ޙަމްދުކުރުން. އަދި އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން އަޅުގަނޑުމެންގެ ޢަމަލުތަކާއި، ސުލޫކާއި އަޚްލާޤު ބެހެއްޓޭތޯ ގަދައަޅައި މަސައްކަތް ކުރަމުންގެންދިއުން.

އަޅުގަނޑުމެން މިކަހަލަ ކަންތައްތަކަށް ކެތްކޮށްފިނަމަ އަދި މި ދެންނެވި އުސޫލުގައި ސާބިތުވެ ތިބެއްޖެނަމަ، މާތް ﷲގެ ހެޔޮރަޙްމަތްފުޅު އަޅުގަނޑުމެންނާ އެކުގައި ވާނެކަމާމެދަކު ޝައްކެއްނެތް. އެކަލާނގެ އަޅުގަނޑުމެންނަށް މަދަދާއި ތައުފީޤު ދެއްވާނެ. މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ހަނދާންކުރަންވީ، ހިތްހަމަޖެހުން ލިބެނީ ކޮންފަރާތަކުންތޯ. އާދެ، ޝައްކެއްނެތް، ހިތްހަމަޖެހުން ލިބޭ ފަރާތް ވަނީ މާތް ﷲ ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި. އެކަލާނގެ ވަޙީކުރައްވާ، أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ (الرعد - ٢٨). "މާތް ﷲ ހަނދުމަކުރުމުންނޭ ހިތްތަކަށް ހިތްހަމަޖެހުން ލިބެނީ. ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ލިބެނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުންނޭ". އެހެންވީމާ، މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން މިކަން ހަނދާންކުރަންޖެހޭނެ. އަޅުގަނޑުމެން ވަގުތުންވަގުތަށް ނަމާދުކޮށް، މާތްﷲ އަންގަވާފައިވާ ގޮތުގެމަތިން ހެޔޮޢަމަލުކޮށް، އިޙްސާންތެރިވެ، އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤު ސީދާކޮށް، އަޅުގަނޑުމެންނަށް ރަޙްމަތްލައްވާތޯ، ހެޔޮގޮތްތައް މިންވަރުކުރައްވާތޯ މާތްﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުން އެއީ އަޅުގަނޑުމެން މިވަގުތު ކުރަންޖެހޭނެ ކަމަކީ. އެކަން އެގޮތަށް ކޮށްފިނަމަ، މާތްﷲ އަޅުގަނޑުމެންގެ ހިތްތަކަށް ތަސައްލީ ދެއްވާނެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ދެއްވާނެ. މުސްތަޤްބަލު އަޅުގަނޑުމެންނަށް އެއީ ބާއްޖަވެރި ޒަމާނެއްގެގޮތުގައި ދައްކަވާނެ.

އާދެ، އަޅުގަނޑު މިއަދު މިއައީކީ މާގިނަ ވާހަކަތަކެއް ދައްކާކަށެއްނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް ދިމާވެފައިވާ ހިތްދަތިކަމުގައި ބައިވެރިވެ، ސަރުކާރުންނާއި ރައްޔިތުންގެ ފަރާތުން މިކަމުގައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން އެރުވުމަށްޓަކައި. މި ފުރުޞަތުގައި، އަޅުގަނޑުމެންގެ ރަށްރަށުގެ އަހުލުވެރިންގެ ތެރެއިން، ގެދޮރުނެތިގެންދިޔަ މީހުންނަށް ހިޔާވަހިކަމުގެ ތަނަވަސްކަން ދިން އަޅުގަނޑުމެންގެ އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނަށާއި އަދި އެނޫން ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކަނދޮޅުދޫގެ ވަރަށް ގިނަބަޔަކު ވަނީ ތަފާތު ގިނަ ރަށްރަށުގައި، އެރަށްރަށުގެ ރައްޔިތުންގެ ބެލުމުގެ ދަށުގައި. އަދި ކަނދޮޅުދޫ ނޫނަސް މި ހާދިސާގައި ގެދޮރު ނެތިގެންދިޔަ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ މީހުންވަނީ އެހެން ރަށްރަށަށް ގޮސްފައި. އެހެން ރަށްރަށުގެ މީހުން އެމީހުން ގެންގޮސްފައި. އެމީހުންނަށް ހިޔާވަހިކަންދީ، އަޅާލުމާއި ހުރިހާ ކަމެއް ރައްޔިތުން ކުރަމުން އެބަގެންދޭ. ޝައްކެއްނެތް، އެއީ އަޅުގަނޑުމެންގެ މާތް އިސްލާމްދީން އަޅުގަނޑުމެންނަށް ލާޒިމުކުރާ ކަމެއް.

ދިވެހިރައްޔިތުން މިއަދު މި ދައްކަމުން ގެންދަނީ، އިސްލާމީ އުޚުއްވަތުގެ ރީތި މިސާލެއް. މި މަސައްކަތުގައި އަމިއްލަ ފަރާތްތަކުންނާއި، އަމިއްލަ ޖަމުޢިއްޔާތަކުންނާއި، ވިޔަފާރިވެރިންނާއި، އަދި ސަރުކާރުން ބައިވެރިވެގެން މަސައްކަތް ކުރަމުން މިގެންދަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ލިބިފައިމިވާ ގެއްލުންތައް ފޫބައްދައި އަދި އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރުމުގައި މުޅި ޤައުމު ބައިވެރިވަމުން އެބަދޭ. އެހެންވީމާ، މި ކަމުގެ ޝުކުރާއި ތަޢުރީފު، މުޅި ޤައުމަށް ޙައްޤު.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ ތެރެއިން ގެދޮރުނެތް މީހުންގެ އެންމެ ބޮޑު ބޭނުމަކީ ހިޔާވަހިކަމެއް ލިބުމޭ. ކަނދޮޅުދޫ މީހުންނަށްވެސް އަދި ކަނދޮޅުދޫ ފިޔަވައި މި ހާދިސާގައި ގެދޮރު ނެތިގެންދިޔަ އެންމެންގެވެސް އެންމެ ބޮޑު އުންމީދަކީ، ގެދޮރުގެ ތަނަވަސްކަން ލިބުން. އެއީ ސަރުކާރުވެސް މިވަގުތު އެންމެ އިސްކަންދޭ ކަމަކީ. އެގޮތުން، ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މިއަދުން ފެށިގެން މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ބައެއް ރަށްރަށުގައި ވަގުތީ ހިޔާވަހިކަމުގެގޮތުން ތަންތަން ހަދައި، ދުވަސްކޮޅެއް ވަންދެންނަމަވެސް، މީހުންނަށް އެތަންތާނގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް، ޓާސްކްފޯހުން ފަށްޓަވައިގެން ކުރިއަށް އެބަގެންދަވާ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ހަމަ މިއަދު އެމަސައްކަތް ފެށޭނެ. އާދެ، މިއީ ވަގުތީކަމެއް. އެ ހިޔާވަހިކަމުގައި ރައްޔިތުންނަށް ތިބެވޭނީ ދުވަސްކޮޅެއްވަންދެން. އޭގެފަހުގައި، އެމީހުންގެ އަމިއްލަ ވަޒަނަށް، އަމިއްލަ ގެދޮރަށް ދާން އެބަޖެހޭ. ދާން ބަލައިލާއިރު، އެކަހަލަ ތަންތަން ނެތް މީހުން މިތާނގައި މިތިބީ. އެހެންވީމާ، އެކަމާދޭތެރޭގައިވެސް ސަރުކާރުން ވިސްނާފައި، އިރާދަކުރެއްވިއްޔާ، ހުރިހާ ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދެވޭތޯ މަސައްކަތްކުރާނެ. ދާއިމީ ހިޔާވަހިކަމެއް.

މިރަށުގެ ރައްޔިތުންނަކީ، މީގެކުރިންވެސް ދިމާވެފައިވާ ހާދިސާތަކުގެ ސަބަބުން މިހާރު މިރަށުގައި ދިރިއުޅެން ބޭނުންވާ ބައެއް ނޫންކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. މިރަށަކަށް، ކަނދޮޅުދޫއަކަށް މުސްތަޤްބަލެއް ނެތް. ކަނޑުގެ ލޮނުގަނޑު އުސްވުމާއި، ރާޅުއެރުމާއި، މިކަހަލަ ޤުދުރަތީ ވަރަށް ގިނަ ކަންތައްތައް، މިވޭތުވެދިޔަ އަހަރުތަކުގައި މި ރަށަށް ވަނީ ދިމާވެފައި. އެހެންވީމާ، މި ރަށުގެ ރައްޔިތުން މިހާރު ނިންމަވާފައިވަނީ، އެހެން ކޮންމެވެސް ތަނަކަށް ބަދަލުވާން. އެހެންވީމާ، އެ މަސައްކަތް ސަރުކާރުން އެބަކުރޭ. ކަނދޮޅުދޫގެ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަމެއް ހަދައިދޭނީ، ކަނދޮޅުދޫގެ ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތަކަށް ވިސްނާފައި، ކަނދޮޅުދޫ ރައްޔިތުންވެސް ބޭނުންވާގޮތަކީ ކޮބައިތޯ ބަލާފައި. މިކަމުގައި ހުރިހާ އެންމެން އެކަތިގަނޑަކަށްވެގެން، އެއްޚިޔާލެއް ފާޅުކޮށްފީވިއްޔާ، އަޅުގަނޑުހިތުން އެއީ ވަރަށް ރަނގަޅުކަމަކަށްވާނެ. ކޮންމެގޮތެއްގައިވެސް، ސަރުކާރުން ގޮތެއް ނިންމާއިރު ނިންމާނީ، ގިނަބައެއްގެ ޚިޔާލާ އެއްގޮތްވާ ގޮތުގެމަތިން، ގިނަބަޔަކު އެދޭގޮތަކަށް. އިރާދަކުރެއްވިއްޔާ އެގޮތަށް ތިޔަބޭފުޅުންގެ ޚިޔާލުފުޅުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދެއްވައިފިއްޔާ، އޭރުން ސަރުކާރުން ގޮތެއް ނިންމުމަށް ވަރަށް ފަސޭހަވާނެ.

އާދެ، މި ވާހަކަތައް ދަންނަވާލުމަށް އަޅުގަނޑު މިއައީ. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރުދީ އަދިވެސް އެއްފަހަރު ކަނދޮޅުދޫ ރައްޔިތުންނަށް ރައްދުކުރަން. އަދި ސަރުކާރާއި ދިވެހިރައްޔިތުންނާއި، މުޅި ޤައުމު ގުޅިގެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދީ، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ދިރިއުޅުން ރަނގަޅު ފެންވަރަކަށް ގެންދެވޭތޯ ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވާލަން.

އާދެ އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالىގެ ހެޔޮރަޙްމަތާއި ޘަވާބު. މިވަގުތު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ހިތާމަތައް ފިލުއްވައި، އަޅުގަނޑުމެންނަށް ތަނަވަސް އަދި ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނެ މަގެއް އެކަލާނގެ ތަނަވަސްކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.