އެމެރިކާ އެމްބަސީގައި ހުންނަވާ ޝާޒޭ ދަފެއަރ، މިސްޓަރ ޖޭމްސް މޯރ އާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކޮށްލެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ އެމްބަސީގެ ޝާޒޭ ދަފެއަރގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، މިސްޓަރ ޖޭމްސް މޯރ ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ މޯރ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއާއި ދިވެހިރާއްޖެއަކީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ދެޤައުމު ކަމަށާއި، ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހުރިހާ ދާއިރާއަކުން އޭނާއަށް ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.