މާލެ އަތޮޅު ކާށިދޫ ޗަސްބިން ސަރަޙައްދާއި، މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މި ދެ ސަރަޙައްދު ހިމާޔަތްކުރުމަށް އެ މަނިކުފާނު ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ހުށަހަޅާފައިވާ ކަރުދާހަކަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅާ އެއްގޮތަށެވެ.

ކާށިދޫ ޗަސްބިން ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 2003 މެއި 22 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަޙައްދެކެވެ. ކަންޒުކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ރަށެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ޤުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ.

މި ސަރަޙައްދު ހިމާޔަތްކުރުމުގެ ބޭނުމަކީ ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ މި ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ޚާއްޞަކޮށް ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަޤްޞަދު ހާޞިލުވާނީ އެ ތަކެތި ދިރިއުޅޭ މާޙައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީވެ އެ ކަން ޙާޞިލްކުރުމާއި، މި ސަރަޙައްދަކީ ރާއްޖޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ނުހެދޭ ކުއްޅަވައް ގަސް ގިނަ އަދަދަކަށް ހެދިފައިވާ ސަރަޙައްދެއްކަމުގައިވާތީ މި ބާވަތުގެ ގަސްތަކާ ވެސް އެކު ޤުދުރަތީ އެ މާޙައުލު ހިމާޔަތްކޮށް ދިރުންތައް ދިރުވާ އާލާކުރުމެވެ.

މިއަދު ދެން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި މޯލްޑިވްސް ވިކްޓަރީ އުރިފައިވާ ސަރަޙައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ދިޔަ ސަރަޙައްދެވެ. މި ބޯޓު އަޑިއަށްގޮސްފައިވާ މި ސަރަޙައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ޚާއްޞަ މާޙއުަލެއް ލިބިފައިވާ ސަޙައްދެއްވެސް މެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް މާލެ އަތޮޅުގެ 13 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޑައިވް ސައިޓަކާއި، ރަސްފަރި އަދި ކ. ހުރާގެ ކަނޑޫފާ ސަރަޙައްދެވެ. މީގެ އިތުރުން ވެސް، ބޮޑު ތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލަކު ސިޓީގެ އެއް ސަރަޙައްދު އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ. ކުރިން ހިމާޔަތްކޮށްފައިވާ 47 ސަރަޙައްދަކާއި، މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއެކު ޖުމްލަ 71 ސަރަޙައްދެއް ރާއްޖެގައި ވަނީ ހިމާޔަތްކޮށްފައެވެ.