ރާއްޖޭގެ ޤައުމީ ރިޒަރވާއި އިޤްތިޞާދީ ޙާލަތު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ރަނގަޅު ކުރެވޭނެ ކަމަށާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވައި، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯއްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ޤައުމީ ރިޒަރވާއި އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރެސް ކޮންފަރެންސްގައި މިކަމާބެހޭ އިތުރު މަޢްލޫމާތު ދެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދެވެ.

ސަރުކާރުން ކުރައްވަން ޖެހިވަޑައިގެންފައިވާ ޚަރަދުތައް ބޮޑުވެފައިވުމާއެކު، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޚަރަދުތައް ބޮޑުވެގެން ދިއުމުގެ އެއް ސަބަބަކީ، 2008 ވަނަ އަހަރު ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް ފަށްޓަވާފައިވާތީ ކަމުގައި ވިދާޅުވިއެވެ. މި ސަރުކާރުން ނިންމަވާފައިވަނީ، ކުރީ ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތައްވެސް ހުއްޓާނުލައްވައި ކުރިއަށް ގެންދެވުމަށް ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، ކުރީ ސަރުކާރުން ކުރައްވާފައިވާ ކޮންޓްރެކްޓްތަކަށް ފައިސާ ދެއްވަމުން ގެންދަވާތީއާއެކު، މާލީ ދަތިތަކާ ކުރިމަތިވަނީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފައިސާ ނުދައްކަވައި މަޝްރޫޢުތައް ހުރުމާއެކު، އެއީވެސް މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ރިޒަރވާއި އިޤްތިޞާދާ ބެހޭގޮތުން ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށް ވިސްނާވަޑައިގެން، ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ކުރައްވާ ޚަރަދު ބޮޑުވެފައިވުމާއެކު، ޤައުމީ ރިޒަރވަށާއި އިޤްތިޞާދަށް ކުރިމަތިވާ މައްސަލަތައް ޙައްލު ކުރެއްވުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށާއި، ޚަރަދުތައް ކުޑަކުރައްވައި، މައްސަލަތައް ޙައްލު ކުރެއްވޭނެ ކަމުގެ ވަރަށްބޮޑު ޔަޤީން ކަމެއް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަޒީފާތައް މަދުވާނެ ގޮތެއް ސަރުކާރުން ނުހައްދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ސަރުކާރަށް ލިބިވަޑައިގަންނަވާ އެއްޗަކަށްވުރެ ޚަރަދުތައް ކުޑަކުރައްވަން ޖެހިވަޑައިގެންފައިވާތީ، އެކަމަށް ދެއްވަން ޖެހިފައިވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި ފިނޭންސް މިނިސްޓަރާއި، ސްޓޭޓް ފިނޭންސް މިނިސްޓަރު ބައްލަވާލެއްވިއެވެ.