بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، ކެއަރ ސޮސައިޓީގެ މަސައްކަތް، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، އާ ޢިމާރާތެއްގައި ފަށައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި މުނާސަބަތުގައި ކެއަރ ސޮސައިޓީގެ މަސްއޫލު މެންބަރުންނަށާއި، ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރަށާއި، އަދި މި ސޮސައިޓީގެ ހުރިހާ މެންބަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ކެއަރ ސޮސައިޓީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަދި މި ސޮސައިޓީގެ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެތަނުން ޚިދުމަތް ލިބިގަންނަ ހުރިހާ އެންމެންނަށްވެސް، އަޅުގަނޑު މިފުރުޞަތުގައި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

ޝައްކެއްނެތް، ކެއަރ ސޮސައިޓީގެ މަޤްޞަދުތަކަކީ، ވަރަށް މަތިވެރި މަޤްޞަދުތަކެއް. އެ ޖަމުޢިއްޔާއިން އެ ހިންގަވާ ހަރަކާތްތަކަކީ، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ހަރަކާތްތަކެއް. އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ ވާހަކަ ދެންމެ، އަލްފާޟިލް އިޖާޒުﷲ ޢަބްދުﷲ ޢަލީގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފި. ޝައްކެއްނެތް، އަޅުގަނޑުމެން ހުރިހާ އެންމެންވެސް، އެ މަސައްކަތްތަކަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަމު. އަދި އެބޭފުޅުން އެކުރައްވާ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑުމެން އެންމެން ހިތްވަރުދެމު. ހަމައެހެންމެ، އެބޭފުޅުންގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމު.

މުޖުތަމަޢުގައި ތިބޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ، މުޖުތަމަޢުގެ ވަރަށް މުހިންމު ބައެއް. މުޖުތަމަޢުގެ ދެން ތިބި މީހުންގެ ވާޖިބަކަށް ވާންވާނީ، އެމީހުންނަށް އެހީތެރިވެދިނުން. އެމީހުންނަކީ، އެމީހުންގެ އަމިއްލަ ޒާތުގައި، އަމިއްލަ ޤާބިލިއްޔަތުގައި ކަންތައް ކުރެވޭވަރުގެ ބަޔަކަށް ހެދޭތޯ ބެލުން. އަދި އެމީހުންނަކީ ޤައުމަށް ފައިދާހުރި، ބިނާކުރަނިވި، އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބަޔަކު ކަމުގައި ހެދޭތޯ މަސައްކަތް ކުރުން.

އާދެ، ޝައްކެއްނެތް، މުޖުތަމަޢުގައި ދިރިއުޅޭ އެންމެންނަކީ، ހުރިހާ ކަމެއްގައި ހަމަހަމަވެގެންވާ ބައެއް ނޫން. ޤުދުރަތީ ގޮތުންވެސް، އެކިމީހުންގެ ޤާބިލިއްޔަތު ތަފާތު. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އެބަތިބި. ދުނިޔޭގެ އެހެން ތަންތާނގައިވެސް، އެގޮތަށް ތިބޭ މީހުން ތިބޭ. މުޖުތަމަޢުގެ ދެން ތިބި މީހުންގެ ވާޖިބަކަށްވާނީ، މިފަދަ މީހުންނާ އަޅާލައި، އެމީހުންނަށް ހަމްދަރުދީވެ، އެމީހުންނަށް ކަންތައްތައް ދަސްކޮށްދީ، އެމީހުންނަކީވެސް، އެމީހުންގެ އަމިއްލަ ޤާބިލިއްޔަތުގައި، ދިރިއުޅެވޭވަރުގެ ބަޔަކަށް ހެދޭތޯ ބެލުން.

މި މަސައްކަތަކީ، ވަރަށް މަތިވެރި، ވަރަށް މުހިންމު މަސައްކަތެއް. މި މަސައްކަތް ވަރަށް ކުޑަ ދުވަސްކޮޅެއްގައިވެސް، ވަރަށް ފުޅާކުރައްވައި، ވަރަށް ކާމިޔާބުގޮތެއްގައި ކުރިއަށް ގެންދަވާކަން އަޅުގަނޑަށް އެނގޭތީ، ކެއަރ ސޮސައިޓީގެ މަސްއޫލު މެންބަރުންނަށާއި، ހިންގުންތެރިންނަށާއި، ހުރިހާ މެންބަރުންނަށް، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އިންސާނެއްގައި ހުންނާނެ އެންމެ މާތް ސިފަޔަކީ، އެހެން މީހުންނާ އަޅައިލުމުގެ މާތް ސިފަ. އެހެން މީހުންނާ އަޅާލަންވީ، އެއީ އަޅުގަނޑުމެންގެ ގާތް ބަޔަކަށް ވާތީއެއްނޫން. އަޅުގަނޑުމެންގެ ތިމާގެ ބަޔަކަށް ވާތީއެއްނޫން. އަޅުގަނޑުމެން ދަންނަ ރަޙްމަތްތެރި ބަޔަކަށްވާތީއެއްވެސް ނޫން. އެހެން މީހުންނާ އަޅާލަންވީ، އެމީހުންނަކީ އިންސާނުން ކަމަށްވާތީ. މިގޮތުން، މުޖުތަމަޢުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ އަޅުގަނޑުމެންގެ ލޯތްބާއި، ހަމްދަރުދީއާއި، އަޅައިލުން، އެހެން އެންމެންނަށްވުރެ މާބޮޑަށް ބޭނުންވެފައިވާ ބައެއްކަން ކަށަވަރު.

އަޅުގަނޑުމެންގެ މާތް ކަމުގެ ނުވަތަ އިންސާނެއްގެ މާތް ކަމުގެ ދަލީލަކީ، އެމީހަކީ އެމީހަކު ނުދަންނަ މީހުންނަށް، ދެކިފަރިތަނޫން މީހުންނަށް، އެމީހަކާ އެއްވެސް ގުޅުމެއް ނެތް މީހުންނަށް އަޅާލައި، އެމީހުންނަށް ހަމްދަރުދީވެ، އެ މީހުންނަށް އެހީތެރިވާ މީހަކަށްވާކަން. އެހެންވީމާ، ޝައްކެއްނެތް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅޭ އެހެން އެންމެންނަށް، އެއްވެސް ތަފާތެއްނެތި، އެއީ އަޅުގަނޑުމެން ދަންނަ ބަޔަކު ކަމުގައިވިޔަސް، ނުދަންނަ ބަޔަކު ކަމުގައިވިޔަސް، އަޅުގަނޑުމެންނާ ގާތްގުޅުމެއް އޮތް ބަޔަކު ކަމުގައިވިޔަސް، އަޅުގަނޑުމެންނާ އެއްވެސް ކަހަލަ ގުޅުމެއްނެތް ބަޔަކު ކަމުގައިވިޔަސް، އެމީހުންނާ އަޅާލައި، އެމީހުންނަށް އެހީތެރިވެދީ ހެދުމަކީ، ޝައްކެއްނެތް، އަޅުގަނޑުމެންގައި ހުރި މާތް ﷲ ލައްވާފައިވާ މާތްކަން ހާމަވެގެންދާނެ ކަމެއް.

އަޅުގަނޑުމެންގެ މާތް ދީންވެސް ގޮވާލަނީ އެ މަގުގައި އަޅުގަނޑުމެން ހިނގުމަށް. މުޖުތަމަޢުގައި ދިރިއުޅޭ އެންމެންނަށް އެހީތެރިވެ، އެންމެންނާ އެކީގައި އެއްބާރުލައިގެން އުފާވެރި މުޖުތަމަޢެއް، އެންމެން ދިރިއުޅޭނެ އުފާވެރި ހިޔާވަހިކަމެއް ހޯދައިދެވޭތޯ މަސައްކަތް ކުރުން. އެހެންވީމާ، މި ރޮނގުން ކެއަރ ސޮސައިޓީން އެ ކުރައްވާ މަސައްކަތަކީ ޝައްކެއްނެތް، ވަރަށްވެސް މުހިންމު، ޤައުމަށް ވަރަށް ބޭނުންތެރި، ވަރަށް މާތް މަސައްކަތެއް.

އާދެ، މި ފުރުޞަތުގައި، ކެއަރ ސޮސައިޓީ ނޫނަސް، ރާއްޖޭގައި އެކި ކަންކަމުގައި، އެކި ރޮނގުރޮނގުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާތައް އެބަހުރި. އެހެންކަމުން، އަމިއްލަ ޖަމުޢިއްޔާތަކުން މުޅި މުޖުތަމަޢުގެ ފައިދާއަށްޓަކައި އެކި ރޮނގުރޮނގުން އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަކަށް މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، މި އުފާވެރި މުނާސަބަތުގައި، ކެއަރ ސޮސައިޓީގެ ވެރިންނަށާއި، ހިންގުންތެރިންނަށާއި، އަދި އެ ސޮސައިޓީގެ ޚިދުމަތް ލިބިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާއާއި، މުބާރަކްބާދީ ދަންނަވަމުން. އަދި އެބޭފުޅުން އެ ކުރައްވާ މަސައްކަތުގައި، އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަމުން. ހަމައެހެންމެ، އެ ބޭފުޅުން އެކުރައްވާ މުހިންމު މަސައްކަތުގައި، މާތް ﷲ ބަރަކާތްލައްވައި، އެމަސައްކަތުގެ ހެޔޮ ނަތީޖާ، އަޅުގަނޑުމެންނަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ދިވެހި މުޖުތަމަޢަށް ދެއްކެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والسّلام عليكم ورحمـة اللّـه وبركاته.