بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصـحابه أجمعـين.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުން، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން؛

السّلام عليكم ورحمة اللّه وبركاته.

އާދެ! އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެމިތިބީ ދެންމެ ތިޔަބޭފުޅުންނަށް އިވިވަޑައިގެންނެވި ފަދައިން، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދުވަހުގެ އުފާ ފާޅުކުރަން.

އާދެ، ދިވެހިވަންތަކަމާއި ޤައުމީ ޝުޢޫރުތަކުން އަޅުގަނޑުމެންގެ ހިތްތައް ފުރިފައިވާ މިވަގުތުކޮޅުގެ ތެރޭގައި، މިދުވަހު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން.

ޝައްކެއްނެތް. އަޅުގަނޑުމެން މިއަދު މިފާހަގަކުރާ ޤައުމީދުވަހަކީ، ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަ ޤައުމީދުވަހެއް. އެހެން އެކަން ދިމާވި އެއްސަބަބެއްކަމަށް އަޅުގަނޑު ދަންނަވާހިތްއޮތީ، މީގެ ހަމައެކަނި ތޭރަދުވަސް ކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި ހުޅުވުނު އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތު ހާމަކޮށްދޭ ވަރަށް ވަރުގަދަ މަރުކަޒު ކަމަށް. އާދެ، އެއީ މިއަދުގެ ބަޠަލުގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވާ "مسجد السّلطان محمّد تكرفان الأعظم އާއި إسلامى مركز". އެހެންވީމާ، މީގެ ދެހަފްތާއެއްހާ ދުވަސްކުރިން މާލޭގައި އެ ހުޅުވުނު އިސްލާމީ މަރުކަޒު ހުޅުވުމުގެ އިޙްތިފާލާއި، އަޅުގަނޑުމެންގެ މިއަހަރުގެ ޤައުމީދުވަހުގެ އިޙްތިފާލާ މިއަންނަނީ ގުޅިގެން. ވަރަށް ބޮޑަށްއެ ދެ އިޙްތިފާލުގެ ދޭތެރޭގައި ޚާއްޞަ ގުޅުމެއް އޮވެގެން.

ޝައްކެއްނެތް، އަޅުގަނޑުމެން މީގެ ތޭރަދުވަސް ކުރިން މާލޭގައި އެ ހުޅުވި މަރުކަޒަކީ ރާއްޖޭގެ ނިސްބަތުގައި ވަރަށް ޚާއްޞަ، ވަރަށް މުހިންމު ތަނެއް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތް. އެންމެ މަތިވެރި ނަޞީބު. އެ މަތިވެރި ނަޞީބާއި އެ މަތިވެރި ނިޢުމަތް ރައްކާތެރިކޮށްދިނުމަށްޓަކައި، ހަމައެފަދައިން އެ މަތިވެރި ނަޞީބާއި އެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުކުރުވާ ކަންތައްތައް ވަފާތެރިކަމާއި ތެދުވެރިކަމާއެކުގައި އަދާކުރަމުން ގެންދިޔުމަށް އެހީވުމަށްޓަކައި ރާއްޖޭގައި އުފެދުނު ތަނެއް އިސްލާމީ މަރުކަޒަކީ.

އަޅުގަނޑުމެންގެ ޤައުމިއްޔަތާއި، މާތްވެގެންވާ އިސްލާމްދީނާ ދެމެދުގައިވާ ގުޅުމަކީ، އަޅުގަނޑުހިތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަންޖެހޭނެ އެއްޗެއްނޫން. އެ ގުޅުމަކީ މާކުރިއްސުރެ ވަރަށް ވަރުގަދަ ގޮތެއްގައި އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ގުޅުމެއް. މީގެ ހަތަރުސަތޭކަ ފަންސަވީސް އަހަރު ކުރިން، އަޅުގަނޑުމެންގެ ޤައުމީ ދުވަހު، އާދެ، ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެ ހިނގި ހާދިސާ އެ ހިނގީވެސް، އަޅުގަނޑުމެންގެ ދިވެހި ޤައުމިއްޔަތާއި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ އެ ދެ ކަންތައް ނުވަތަ އެ ދެ މުހިންމު އަސާސް ވަރަށް ބޮޑަށް ގުޅިގެން.

ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވީ، އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންނަށް އަނބުރާ ގެނެސްދެއްވުމަށްޓަކައި. އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިފާޢުކޮށްދެއްވުމަށްޓަކައި. ހަމައެފަދައިން، އަޅުގަނޑުމެންގެ މާތް ޢަޤީދާ ރައްކާތެރިކޮށްދެއްވުމަށްޓަކައި. އެ ޢަޤީދާ ދިފާޢުކޮށްދެއްވުމަށްޓަކައި. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިވަންތަކަމާއި ދިވެހި ޤައުމިއްޔަތާ ދެމެދުގައިވާ ގުޅުމަކީ ތާރީޚާއި ދިވެހި ފަސްގަނޑަށް އޮހޮރިފައިވާ ލެއިން އެކުވެ ގުޅިފައިވާ ގުޅުމެއް.

އާދެ! ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް ދެންމެ ދެއްކެވި ވަރަށް ފުރިހަމަ އަދި ބަލާޣަތްތެރި ވާހަކަފުޅުގައި ވިދާޅުވަނީ، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޤައުމީދުވަސް އައީ މީގެ ސާޅީސް އަހަރު ކުރިންނޭ. އާދެ! ހިޖުރީގޮތުން 1365 ވަނަ އަހަރުއޭ. އާދެ! އެމަނިކުފާނަށް ޙައްޤުވެގެންވާ އިޙްތިރާމް އަދާކުރުމާއެކު، އަދި އެމަނިކުފާނުގެ އަރިހުން ދީލަތި މަޢާފަކަށް އެދެމުން އަޅުގަނޑު ދަންނަވާހިތްއޮތީ، އަޅުގަނޑުމެންގެ ފުރަތަމަ ޤައުމީދުވަސް އައީ، މީގެ 40 އަހަރު ކުރިންނެއްނޫނޭ. 1365 ވަނަ އަހަރަކުނޫނޭ. އަދި ކީއްތޯއޭ، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޤައުމީދުވަސް އައީ މީގެ 425 އަހަރު ކުރިންނޭ. ހިޖުރީގޮތުން 981 ވަނަ އަހަރުއޭ.

އާދެ، އެ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ރޭ އަޅުގަނޑުމެންގެ ރާއްޖެ ދުށް ތާރީޚީ މަތިވެރި ޖިހާދަކީ، ދުވަހަކުވެސް ރާއްޖޭގެ ތާރީޚީ ފަތްފުށްތަކުން ފިލައިގެންދާނެ ޖިހާދެއްނޫން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އެންމެމާތް، އެންމެ އަގުހުރި ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް، ރާއްޖޭގެ ލޮބުވެތި ފަސްގަނޑާއި، ރާއްޖޭގެ މީހުންގެ މާތްވެގެންވާ ޢަޤީދާ ރައްކާތެރިކޮށްދެއްވުމަށްޓަކައި ޖިހާދު ކުރެއްވި ދުވަހަކީ، އަޅުގަނޑުމެންގެ އެންމެފުރަތަމަ ޤައުމީ ހޭލުންތެރިކަން ފެށުނު ދުވަހޭ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޤައުމީދުވަހަކީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހޭ. އެހެންވީމާ، މިއަދު މިއީ އެގޮތުން ބަލާއިރު މިއަދަކީ، އަޅުގަނޑުމެންގެ 425 ވަނަ ޤައުމީދުވަހޭ.

އާދެ! މި ޤައުމީދުވަސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އަނެއް ސަބަބާ ދޭތެރޭގައިވެސް އޮނަރަބްލް އަލްއުސްތާޛު އައްޝައިޚް މުޙަންމަދު ޖަމީލް ވަރަށް ފުރިހަމަކޮށް ބައްލަވައިލައްވައިފި. އާދެ! އެއީ، އައްޑުއަތޮޅުގައި މިދުވަސް މިއަހަރު ފާހަގަކުރެވޭކަން. ނުވަތަ މިދުވަހުގެ އިޙްތިފާލުތަކުގެ ތެރެއިން އެންމެ ޚާއްޞަ އެންމެ މުހިންމު އިޙްތިފާލް އައްޑުއަތޮޅުގައި ބޭއްވޭކަން. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެ ފަސްއަހަރު ކުރިން ޤައުމީދުވަހުގެ އެންމެ މުހިންމު އިޙްތިފާލުތައް ބޭއްވިފައިވަނީ ރާއްޖޭގެ އެންމެ އުތުރު އަތޮޅުކަމުގައިވާ ތިލަދުންމަތީ އުތުރުބުރީގައި. އެއަތޮޅުގެ އުތީމުގައި. ސަބަބަކީ އަޅުގަނޑުމެންގެ ޤައުމީދުވަސް އަޅުގަނޑުމެންނަށް ފެނުމަށް اللّه سبحانه وتعالى މެދުވެރިކޮށްދެއްވި ފަރާތަކީ، އުތީމުގެ ޒުވާނެއް ކަމުގައިވާކަން. އެހެންވީމާ، އޭނާ އުފަންވި ރަށުގައި، މީގެ ފަސްއަހަރު ކުރިން އަޅުގަނޑުމެން ޤައުމީ ދުވަހުގެ އެންމެ މުހިންމު އިޙްތިފާލުކޮށް، އެ ދުވަސް އެތާނގައި ފާހަގަކޮށް ހެދީ.

އޭގެ ފަސްއަހަރު ފަހުން މިއަދު އަޅުގަނޑުމެން ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވޭ އެންމެ މުހިންމު އިޙްތިފާލް މިބާއްވަނީ އައްޑުއަތޮޅުގައި. އެއީ ރާއްޖޭގެ އެންމެ ދެކުނުގައިވާ އަތޮޅު. އައްޑުއަތޮޅަކީ ހަމައެކަނި ރާއްޖޭގެ އެންމެ ދެކުނުގައިވާ އަތޮޅެއްގެގޮތުން ފާހަގަކުރެވޭ އަތޮޅެއްނޫން. އެނޫން ކިތަންމެ ގޮތަކުންވެސް އައްޑުއަތޮޅަށް ލިބިފައިވާ އިމްތިޔާޒުތަކެއް ނުވަތަ ފާހަގަކޮށްލެވޭ ކަންތައްތަކެއްވޭ.

އާދެ! ޤައުމީދުވަސް އުތީމުގައި ގެނައުމާއި އަދި އައްޑުއަތޮޅު ހިތަދޫގައި ގެނައުމާ މިކަންކަމުން ދޭހަކޮށްދޭ އެއްޗަކީ، ދިވެހި ފަސްގަނޑު، ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް، އެންމެ އުތުރު އަތޮޅުން ފެށިގެން، އެންމެ އުތުރު ރަށުން ފެށިގެން އެންމެ ދެކުނުއަތޮޅާ ހަމަޔަށް، އެންމެ ދެކުނު ރަށާ ހަމަޔަށް، މުޅި ރާއްޖެއަކީ، ދިވެހިވަންތަކަމާއި، ދިވެހި ޤައުމިއްޔަތުގެ ވަރުގަދަ ސިލްސިލާއަކުން ބަނދެވިފައިވާ ޤައުމެކޭ.

އާދެ! މީގެކުރިން ޤައުމީދުވަހުގެ އިޙްތިފާލުތައް މުޅިންހެންވެސް ބޭއްވެމުން އައިސްފައިވަނީ މާލޭގައި. އާދެ، އެކަމުގެ ސަބަބެއްވެސް އެބައޮތް. އަދިވެސް އޮންނާނެ. މާލެއަކީ، ރާއްޖޭގެ ވެރިކަންކުރާ ރަށް. އެގޮތުން މުހިންމު ކަންތައްތައް މާލޭގައި ބޭއްވެމުން ދިއުމަކީ ޠަބީޢީ ކަމެއް. އެހެންނަމަވެސް، މާލޭގައި އެފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ އިތުރަށް، ރާއްޖެތެރޭގައިވެސް އެމުނާސަބަތުތައް އެކަށީގެންވާ ގޮތެއްގައި ފާހަގަކުރުމުގެ މުހިންމުކަން ޝައްކެއްނެތްގޮތުގައި މިހާރުދަނީ އިޙްސާސް ކުރެވެމުން. އެއީ، އަޅުގަނޑު ކުރިންވެސް މިދެންނެވި ފަދައިން މުޅި ރާއްޖެއަކީ އެއްޤައުމު. މުޅިރާއްޖެއަކީ އެއްފަސްގަނޑު. ރާއްޖޭގެ ރައްޔިތުންނަކީ އެއްޤައުމެއްގެ އަހުލުވެރިން. އެހެންވީމާ، މި ޤައުމިއްޔަތުގެ ޝުޢޫރު، މި ދިވެހިވަންތަކަމުގެ ޝުޢޫރު އެއީ ހަމައެކަނި މާލެއަށް ޚާއްޞަވެފައި އޮންނަންވީ ޝުޢޫރެއްނޫން. އެއީ، މުޅިރާއްޖެއަށް ފެތުރެންވީ ޝުޢޫރެއް. އަދި ތެދުތެދަށް ދަންނަވަންޏާ މުޅިރާއްޖޭގައި ފެތުރިފައިވާ ޝުޢޫރެއް. އޭގެ އެންމެ ބޮޑު ހެތްކަކީ، އަދިވެސް ދަންނަވާނީ މީގެ 425 އަހަރު ކުރިން އަޅުގަނޑުމެންނަށް އެ ފެނުނު ޤައުމިއްޔަތުގެ މަތިވެރި ފިލާވަޅޭ. އެދުވަހުގެ ބަޠަލު އެއީ، ރާއްޖެތެރެއިން ވަޑައިގެންނެވި ބޭފުޅެއް. އެހެންވީމާ، އެއިންވެސް ދައްކަނީ ޤައުމިއްޔަތަކީ، ނުވަތަ ދިވެހިވަންތަކަމަކީ، ނުވަތަ ޤައުމީ ޝުޢޫރަކީ، ނުވަތަ ޤައުމީ ލޯތްބަކީ، ހަމައެކަނި ރާއްޖޭގެ ވަކިރަށަކަށް، ވަކިއަތޮޅަކަށް ޚާއްޞަވެފައިވާ އެއްޗެއް ނޫންކަން. އެއީ، މުޅިރާއްޖެއަށް އާންމުވެފައިވާ، ރާއްޖޭގެ އެންމެންގެ ހިތްތަކުގައި އޮތް އެއްޗެއްކަން.

އާދެ! ޝައްކެއްނެތްގޮތުގައި މިއަދުގެ މި އިޙްތިފާލު ހިމެނިގެންދާނީ ތާރީޚީ އިޙްތިފާލެއް ކަމުގައި. ރާއްޖޭގެ އެންމެ އުތުރުގައި އެ އިޙްތިފާލް ފާހަގަކުރުމަށްފަހު، މިހާރު ރާއްޖޭގެ އެންމެ ދެކުނުގައި އެ އިޙްތިފާލް މި ފާހަގަކުރެވެނީ. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އެއިން ދައްކައިދެނީ ރާއްޖޭގެ އެއްބައިވަންތަކަން. ރާއްޖޭގެ ވަޙްދަތު. ރާއްޖެއަކީ އެއްޤައުމެއްކަން. އަޅުގަނޑު ދަންނަވާހިތްއޮތީ ދިވެހިރާއްޖެ ދެހާސްއަހަރު ދުވަސް ވަންދެން، ނުވަތަ ތިންހާސް އަހަރު ދުވަސް ވަންދެން، ނުވަތަ އެއަށްވުރެވެސް ދިގުމުއްދަތެއްގައި، ތަނުގެ އިސްތިޤްލާލާއި މިނިވަންކަން ހިފަހައްޓާފައިވަނީ މިދެންނެވި މަތިވެރި ޝުޢޫރުގެ ސަބަބުންނޭ. އެހެންނޫންނަމަ، އަޅުގަނޑުމެން ރާއްޖެފަދަ ކުދިކުދި ޖަޒީރާތަކަކުން އެކުލެވިފައިވާ ޤައުމަކަށް، އަޅުގަނޑުމެންގެ ރާއްޖެފަދަ މީސްކޮޅުމަދު ތަނަކަށް، ތަނުގެ އިސްތިޤްލާލާއި، މިނިވަންކަމާއި، ސިޔާދަތު ހިފެހެއްޓުމަކީ، އެއްގޮތަކަށްވެސް ވާނެކަމެއްނޫން. އެހެންވީމާ، މިވޭތުވެދިޔަ ޤަރުނުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ތާރީޚު ހާމަކޮށްދީފައިވާ އެންމެ ވަރުގަދަ ފިލާވަޅަކީ، ދިވެހިރާއްޖެއަކީ އެއްޤައުމެއްކަން، ރާއްޖޭގެ މީހުންގެ ހިތްތަކުގައިވަނީ ޤައުމިއްޔަތުގެ އަދި އެއްބައިވަންތަކަމުގެ ވަރަށް މަތިވެރި ޝުޢޫރެއްކަން. އެ ޝުޢޫރު ދަމަހައްޓައިގެންނޫނީ އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި، ސިޔާދަތު ކުރިއަށްއޮތް ތާނގައިވެސް ދެމެހެއްޓޭކަށް ނޯންނާނެ.

އާދެ! މިފަހަރު ޤައުމީދުވަހުގެ އެންމެ މުހިންމު ކަންތައްތައް މި ބޭއްވެނީ އައްޑުއަތޮޅުގައި. އައްޑުއަތޮޅު ހިތަދޫގައި. އަދި ހިތަދޫ ފިޔަވައި އެހެންވެސް ރަށްރަށުގައި. އެކަމަށްޓަކައި އައްޑުއަތޮޅަށް އަންނަންޖެހުނުކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއަތޮޅުގެ ރައްޔިތުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން. އަޅުގަނޑު މިއަތޮޅަށް މިހާރުވެސް އެތައްފަހަރަކު ޒިޔާރަތްކޮށްފިން. ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑާ ރާއްޖޭގެ ރިޔާސަތު ހަވާލުކުރެއްވިފަހުންވެސް ދެތިންފަހަރަކު އާދެވިއްޖެ. އެއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑުއައިސް އައްޑުއަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނާ ވާހަކަދައްކާ ހަދަން. އަދި އައްޑުއަތޮޅަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ވާހަކަވެސް ދަންނަވާލަމުން ގެންދަން.

އާދެ! އެންމެފުރަތަމަ މިއަދު އަޅުގަނޑު ދަންނަވާލާހިތްއޮތީ ޤައުމީދުވަސް މިއަހަރު އައްޑުއަތޮޅުގައި ފާހަގަކުރުމަށް ހަމަޖެހިފައި އޮތުމާއެކު، މިއަތޮޅު އެކަމަށް ތައްޔާރުވެފައިވާލެއް ބޮޑުކަމާއި، އެކަމަށްޓަކައި މިއަތޮޅުގެ ހުރިހާ ރަށްތައް ޒީނަތްތެރި ކުރެވިފައިވާ ޒީނަތްތެރިކުރުން އެއީ، އަޅުގަނޑު ދެކޭގޮތުގައި އައްޑުއަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އޮތްލެއް ބޮޑުކަން ހާމަކޮށްދޭ ވަރުގަދަ ދަލީލެކޭ. އާދެ، މިއަދަށްޓަކައި މިއަތޮޅުގައި ކުރެވިފައިވާ މަސައްކަތްތަކަކީ ވަރަށް މަތިވެރި، ވަރަށް މުހިންމު، ވަރަށް ބޮޑެތި މަސައްކަތްތަކެއް. ހަމައެހެންމެ، މިސާލެއް ދަންނަވާ ކަމަށްވަންޏާ، ގޭގޭގެ މަގުފާރުތައް ރޭނުން އެއީވެސް، އަޅުގަނޑުހިތުން ވަރަށް ބޮޑު ކަމެއް. ރާއްޖޭގެ އެކިއެކި އަތޮޅުތަކަށާއި ރަށްރަށަށް އަޅުގަނޑު ޒިޔާރަތްކުރާއިރު، އެތަންތާނގެ ރައްޔިތުންނަށް ދަންނަވަމުން ގެންދަން. އަޅުގަނޑު ތަނަކަށް ދިއުމުގެ މުނާސަބަތުގައި ރަށް ތައްޔާރުކުރެއްވުމުގެ ގޮތުން ޚަރަދު ކުރެއްވުމާއި، ރައްޔިތުންގެ ވަގުތު ހޭދަކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއްނޫނޭ.

ހަމައެއާއެކު ދަންނަވަން. އެހެންނަމަވެސް، އަޅުގަނޑުދާ ދިއުމަށްޓަކައި ނަމަވެސް، ދާއިމަށް ދެމިހުންނަނިވި ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް، ނުވަތަ ރަށުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކުރައްވާކަމުގައިވަނީނަމަ، އެއީ އަޅުގަނޑު ދެކޭގޮތުގައި އަތޮޅަށް ނުވަތަ ރަށަށް ލިބޭ ތަރައްޤީއެކޭ. އެހެންވީމާ، އެގޮތުން ބަލާއިރު، މިއަތޮޅުގެ ރައްޔިތުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކަކީ، އަޅުގަނޑު ދަންނަވާނީ އަތޮޅުގެ ރައްޔިތުންނަށް އޭގެފައިދާ ލިބެނިވި ކަންތައްތަކެކޭ. އަދި ގިނަދުވަސް ވަންދެން މިއަތޮޅުގެ ރަށްވެހިކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި މަސައްކަތްތަކެކޭ. އެހެންވީމާ، އެގޮތުން އައްޑުއަތޮޅުގެ ރައްޔިތުންނަށް، އައްޑުއަތޮޅުގެ ވެރިންނަށް، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް، ރަށްރަށުގެ ވެރިންނަށް، އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް އިޝާރާތްކުރި ފަދައިން، އައްޑުއަތޮޅަކީ ޚާއްޞަ އަތޮޅެއް. އަތޮޅު އޮންނަ ގޮތުންނާއި، އަތޮޅަކީ ރާއްޖޭގައި އެންމެ މީސްގިނަ އަތޮޅުކަމަށްވުމާއި، މިއަތޮޅުގައި މީގެކުރިން ފެށިފައިހުރި ކަންތައްތަކާއި، މިއަތޮޅަށް އިޤްޠިޞާދީގޮތުން ލިބިފައިވާ ދިރުމާ، މިހުރިހާ ކަމަކަށް ވިސްނާއިރު، އަތޮޅަކީ ޚާއްޞަ އަތޮޅެއް. އެހެންވީމާ، ސަރުކާރުން އެކަން ދިރުވުމަށްޓަކައި، އެކަން ކުރިއަށް ގެންދިޔުމަށްޓަކައި، މިއަތޮޅަށް ލިބިފައިވާ އެކިއެކި ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި، ނުވަތަ އެ ކުރިއެރުންތައް އެއަށްވުރެވެސް ކުރިއަށް ގެންދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން އާދޭ. މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގައިގެންފި. އައްޑުއަތޮޅު ގަމުގައި ސަރުކާރުން އުފައްދައިގެން ހިންގާ ތައްޔާރީ ހެދުން އުފެއްދުމުގެ ދެ ކާރުޚާނާ ހިނގަމުންދޭ. ހަމައެއާއެކު، ގަމުގެ ވައިގެބަނދަރު ރަނގަޅު ފެންވަރަކަށް ގެންދިޔުމަށްޓަކައި، އަދި ކުރިއަށް އޮތްތާނގައި ރާއްޖެތެރޭގެ ދަތުރުފަތުރަށް އެކަށީގެންވާ ޚިދުމަތެއް ކޮށްދިނުމަށްޓަކައި ބޭނުންވާ ކަންތައްތައް އެތަނަށްދަނީ ކޮށްދެވެމުން. އެކުވެރި ޤައުމެއްގެ އެހީގައި އެ ވައިގެބަނދަރުގެ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެ ހުރިހާ ކަމެއްވެސް ފުރިހަމަވާނެ. ހަމައެއާއެކުގައި މާލެއާއި އައްޑުއަތޮޅާ ދޭތެރޭގައި ވައިގެ ދަތުރުފަތުރުކުރަންވަނީ މީގެކުރިންވެސް ފެށިފައި. އެކަންކުރުމުގެ އެންމެ ބޮޑުބޭނުމަކީ، މުވާޞަލާތަކީ ތަރައްޤީގެ އެންމެ މުހިންމު ވަސީލަތް ކަމުގައިވާތީއާއި، މާލެއާއި އައްޑުއަތޮޅާ ދޭތެރޭގައި މުވާޞަލާތުގެ ހަލުވިމަގެއް އޮތުމުގެ ބޭނުންތެރިކަން ބޮޑުކަން. އެކަން ސަރުކާރަށް އިޙްސާސް ކުރެވިގެން ވައިގެ ދަތުރުފަތުރުތައް މާލެއާއި ގަމާ ދޭތެރޭގައި ކުރަމުން މިގެންދަނީ.

އާދެ، އެހެން އަޅުގަނޑު މިދެންނެވީ، އެކަމުން ސަރުކާރަށް ގެއްލުންވަމުންދާއިރުވެސް، މިހާތަނަށް އެ ދަތުރުތައް ސަރުކާރުން ކުރަމުން ގެންދާތީ. އާދެ! މީގެކުރިން މާލެއާއި ގަމާ ދޭތެރޭގައި މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ދުއްވަމުން އައީ ސްކައިވޭން މަތިންދާބޯޓު. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެއީ ވަރަށް ކުޑަ ބޯޓެއް. އެހެންނަމަވެސް، އެބޯޓު ސަރުކާރަށް ގަނެފައިވަނީ ހަމަ މިކަމަށްޓަކައި ވަރަށް މަތީ އަގެއްދީފައި. އަދި މާލެއާއި ގަމާ ދޭތެރޭގައި އެ ބޯޓުގެ ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގަމުންދޭ. އެ ބޯޓަށް ލިބޭ އެއްޗަކުން އެ ޚަރަދު ދެކޮޅެއް ނުޖެއްސޭ. އެހެންނަމަވެސް، އެ ގެއްލުންވަމުންދާއިރުވެސް، ކަމުގެ މުހިންމުކަން ބޮޑުކަމުން އެ ދަތުރުތަކުގެ ކަންތައް ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދަނީ. އެކަން އެހެންއޮއްވާ މިހާރު اللّـهގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އިތުރު ބޯޓެއް ލިބިއްޖެ. އާދެ، ހަމަގައިމުވެސް މިހާރު ތިޔަބޭފުޅުންގެ ތެރެއިން ބައެއްބޭފުޅުން ވާނީ އެ ބޯޓު ދެކެވަޑައިގެންފައި. މިހާރު އެބޯޓު ގަމަށް ދެތިންދަތުރު ކޮށްފި. އެއީ، އެފް. 27ގެ މަތިންދާބޯޓެއް. 45 ފަސިންޖަރުންނަށް އެރޭވަރުގެ ބޯޓެއް. ސަރުކާރުން މިހާރު ގަސްދުކޮށްފައިވަނީ އެ ބޯޓުގެ ދަތުރުފަތުރުތައްވެސް ގަވާއިދުކޮށް މާލެއާއި ގަމާ ދޭތެރޭގައި ކުރަން. އޭގެސަބަބުންވެސް އަތޮޅަށް އިތުރު ދިރުމެއް ލިބޭނެކަން ކަށަވަރު.

އާދެ! ހަމައެއާއެކުގައި ސަރުކާރުން ދިވެހި ޤައުމަށް، ދިވެހި އުންމަތަށް، ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ދެކަމަކީ ތަޢުލީމާއި ޞިއްޙަތު. އެ ދެ ކަންތައްވެސް އެދެވޭގޮތެއްގައި މިއަތޮޅުގައި ކުރިއަށް ގެންދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރޭ. މިހާރު އަޅުގަނޑުމެން އެތަނެއްގެ ހިޔާވަހިކަމުގެ ތެރޭގައި މިތިބަ މަދަރުސާ ނުވަތަ މި ތަޢުލީމީ މަރުކަޒު އެއީ އަޅުގަނޑު މިދެންނެވި ބަހުގެ ހެތްކެއް. ހަމައެފަދައިން، މިއަދުގެ ހެނދުނުގެ ވަގުތެއްގައި، މީގެ ކުޑައިރުކޮޅެއްފަހުން މިއަތޮޅުގައި ރާއްޖޭގެ ތިންވަނަ ސަރަޙައްދީ ހަސްފަތާލު ހުޅުވުމަށްވަނީ ހަމަޖެހިފައި. އެއީ، ޞިއްޙީގޮތުން މިއަތޮޅަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ނޫނީނުވާނެ.

އާދެ! އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިންވެސް ބައެއް ކަންތައްތައްވަނީ މި ހިސާބުގަނޑަށް އަމާޒުކުރެވިފައި. އޭގެތެރެއިން އެންމެ މުހިންމު މަސައްކަތަކީ، މިހާރު ހިންގަން ފެށިފައިވާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު. އެއީ ބޭރުގެ ފަރާތްތަކެއްގެ އެހީގައި، ދިވެހިސަރުކާރުން ހިންގާ މަޝްރޫޢެއް. އެ މަޝްރޫޢު ބިނާވެފައިވަނީ ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ފަސްއަތޮޅުގެ މަސްވެރިކަން ތަރައްޤީކުރުމަށް.

އާދެ! އެ މަޝްރޫޢުގެ ދަށުން، މި ފަސްއަތޮޅުގެ މަސްވެރިންނަށް ތެޔޮލިބުމުގެ އިންތިޒާމާއި، އެ މީހުން ބާނާމަސް ފިނިކޮށް ބެހެއްޓުމުގެ އިންތިޒާމާއި، އަދި އެމަސް އެކްސްޕޯޓު ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ. އެ މަޝްރޫޢަށް ޢަމަލުކުރަން މިހާރުވަނީ ފެށިފައި. އޭގެތެރެއިން އެއްކަމެއް ކަމުގައިވާ ދޯނިފަހަރު ބަނުމުގެ މަޝްރޫޢު ރ. އަތޮޅު އަލިފުށީގައި ކުރިއަށް އެބަދޭ. އޭގެތެރެއިން ގިނަ އަދަދެއްގެ މަސްދޯނިފަހަރު މިހާރުވަނީ ބަނދެ ނިމިފައި. އަދިވެސް މަސައްކަތްދަނީ ކުރިއަށް.

ރާއްޖެއިން ބޭރުގައި މިކަމަށްޓަކައި ބަންނަންޖެހޭ ބޯޓުފަހަރު ބަނދެ ނިމެމުން އެބަދޭ. ރާއްޖޭގައި ތައްޔާރުކުރަންހުރި ކަންތައްތައް ތައްޔާރު ކުރެވެމުން އެބަދޭ. އެހެންވީމާ، އެކަންކަން ނިމިގެން އެ މަޝްރޫޢު ފެށުމުން، އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ފައިދާގެ އިތުރަށް، މި ފަސްއަތޮޅަށާއި، އަދި ޚާއްޞަކޮށް އައްޑުއަތޮޅަށްވެސް އޭގެ ފައިދާ ލިބޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ! މިކަންތައްތައް މިހެން ގެންދިޔުމުގެ ބޭނުމަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ރާއްޖެ ތަރައްޤީކުރުން. ރާއްޖެއޭ ބުނާ ބުނުމުގައި ހިމެނެނީ ހަމައެކަނި ވަކި ރަށެއްނޫން. ވަކި އަތޮޅެއްނޫން. މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ހުރިހާ ރަށްތަކެއް. އެހެންވީމާ، މުޅިރާއްޖޭގެ ރައްޔިތުންނަށް އިޤްތިޞާދީ ފައިދާތަކާއި، އިޖުތިމާޢީ ޚިދުމަތްތައް ލިބިދެވޭތޯ ސަރުކާރުން ރާވައިގެން ހިންގާ މަޝްރޫޢުތަކަކީ މުޅިރާއްޖެއަށް ހުޅުވާލެވިފައިވާ މަޝްރޫޢުތަކެއް.

އާދެ، އެކަންއޮތީ އެހެންކަމަށްވުމާއެކު، އަޅުގަނޑުހިތުން ރާއްޖޭގެ ރައްޔިތުންނަށްވެސް ސަރުކާރުން ރައްޔިތުންގެ ދިރިއުޅުން ތަރައްޤީކުރުމަށް މިހާރު ކުރާ މަސައްކަތްތައް އެނގިވަޑައިގަންނަވާނެ. އެކަމާދޭތެރޭގައި މާގިނަ ވާހަތަކެއް ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން.

އާދެ، ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ ޤައުމީދުވަހެއް ގެނައުމުގެ ބޭނުމަކީ ކޮބައިތޯއޭ؟ މިކަހަލަ އިޙްތިފާލެއް ބޭއްވުމުގެ މަޤްޞަދަކީ ކޮބައިތޯއޭ؟ އަޅުގަނޑުހިތުން ޤައުމީދުވަސް ގެނައުމާއި ޤައުމީދުވަހުގެ އިޙްތިފާލުތައް ބޭއްވުމާ، މިކަންކަމަކީ އޭގައި ވަރަށް ބޮޑެތި މަޤްޞަދުތަކެއް، ވަރަށް މުހިންމު ބޭނުންތަކެއް އެކުލެވިފައިވާ ކަންތައްތަކެއް.

އާދެ، އެންމެ ފުރަތަމަކަމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އާލާކުރުން. ޤައުމީ ލޯބި އިތުރުކުރުން. އެއީ، އަޅުގަނޑުމެންގެ ހިތްތަކުގައި ނެތް އެއްޗެއްނޫން. މިހާރުވެސް އޮތްއެއްޗެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް މަޝްޣޫލުވެގެން އެމީހާގެ ހުރިހާ ވަގުތުތަކެއް، އެމީހާގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުންގެންދާއިރު، ޖަމާޢަތުގެ މަޞްލަޙަތު ނުވަތަ ޤައުމުގެ މަޞްލަޙަތު ހަނދާންނެތުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމަކަށްވާތީ، އެ ޝުޢޫރަކީވެސް އާލާކުރަންޖެހޭނެ ޝުޢޫރެއް. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރާއިރުވެސް، އޭގެފަހަތުގައި އެއަށްވުރެ މާބޮޑުކަމެއް އެބައޮތްކަން. އެއީ ޤައުމުގެ ކުރިއެރުން. ޤައުމުގެ ތަރައްޤީ. ޤައުމުގެ މަޞްލަޙަތު. މިސަބަބަށްޓަކައި ރާއްޖޭގައިވެސް އަދި ރާއްޖެ ފިޔަވައި އެހެން ޤައުމުތަކުގައިވެސް ޤައުމީދުވަސް ފާހަގަކުރަނީ.

އެހެން ޤައުމުތަކުގައިވެސް މިހާރު އެންމެ މުހިންމުކަންދޭ ކަމަކީ، ތަނުގެ ތަރައްޤީ. ތަނުގެ ތަރައްޤީއޭ ބުނީމާ، އޭގައި ވަރަށް ގިނަ ތަފާތު ކަންތައްތަކެއް ހިމެނޭ. އާދެ، އެއީ ހަމައެކަނި މާއްދީ ތަރައްޤީތޯ، ނުވަތަ މާއްދީ ތަރައްޤީއާ އެކުގައި އެހެން ތަރައްޤީއެއްވެސް އޭގެތެރޭގައި ހިމެނޭތޯ؟ މިކަންކަން މިއީވެސް، އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަންކަން. އެކަންކަމާ ދޭތެރޭގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ މީހުންވެސް ވިސްނާ. އަޅުގަނޑު ދަންނަވާނީ ޤައުމުގެ ތަރައްޤީއަކީ ހަމައެކަނި މާއްދީ ތަރައްޤީއެއްނޫނޭ. މާއްދީ ތަރައްޤީއަކީ، ޝައްކެއްނެތްގޮތުގައި ކޮންމެހެން ބޭނުންކަމެއް. ކޮންމެ މީހަކުވެސް އެދޭނެ، އެމީހަކަށް އެކަށީގެންވާ ގެއެއް ހުންނަން. އެކަށީގެންވާ އާމްދަނީއެއް ލިބުން. އަދި ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ދިޔުން. އެއީ، ކޮންމެ މީހަކުވެސް އެދޭނެ ކަމެއް. ޠަބީޢީކަމެއް. އޭގެތެރޭގައި ހިމެނެނީ މާއްދީ ކަންތައްތައް. އެހެންވީމާ، މާއްދީ ކަންތައްތަކަކީ ބޭނުން ކަންތައްތަކެއްކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ، މާއްދީ ތަރައްޤީއާ އެއްވަރަށް ރޫޙާނީ ތަރައްޤީ ކުރިއަށް ނުދާކަމަށްވަންޏާ، އެ މާއްދީ ތަރައްޤީގެ މާބޮޑު ބޭނުމެއް ނޯންނާނެކަން.

އާދެ، ވަރަށް ކުޑަކުޑަ ހެތްކެއް ދަންނަވާލިޔަދެއްވާ! މީގެ ދިހަވަރަކަށް އަހަރު ކުރިން، ނުވަތަ ފަނަރަ އަހަރު ކުރިން ނުވަތަ ވިހި އަހަރު ކުރިން، ދީންވެރިކަމަށް މުޅިދުނިޔޭގައި ދެވެމުންއައި އަހަންމިއްޔަތު އޮތީ ވަރަށް ދަށަށްގޮސްފައި. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި، ޚާއްޞަކޮށް، ޔޫރަޕާއި އެމެރިކާގައި ފައްޅިއަށްދާ މީހުންގެ އަދަދުތައް އޮތީ ވަރަށް ބޮޑަށް ދަށްވެފައި. ވަރަށް މަދުމީހަކުނޫނީ ފައްޅިއަކަށްނުދޭ. ނުވަތަ ދީނުގެ ކަންތައްތައް ކުރިޔަކަށް ނުގެންދޭ. އެކަން އެހެންއޮއްވައި، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އެ އޮއިވަރު މުޅިން އޭގެ އަނެއްކޮޅަށް ޖެހިއްޖެ. މިހާރު މިދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގައި، ހުރިހާ ޤައުމެއްގައިވެސް ދީންވެރިކަމަށް އިތުރު ކުރިއެރުމެއް އަތުވެއްޖެ. އިތުރު ދިރުމެއް ލިބިއްޖެ. ފައްޅިޔަށް ދާމީހުންގެ އަދަދުތައް ގިނަވެއްޖެ. ހަމައެފަދައިން ދީނަކީ ބޭނުން އެއްޗެއްކަމަށް ދެކޭމީހުންގެ އަދަދު އެތައް ގުނައަކަށް ގިނަވެގެން ހިނގައްޖެ.

އިސްލާމީ ދުނިޔޭގައިވެސް އެކަންއޮތީ އެހެން. އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިސްކިތަށް އަރާމީހުންގެ އަދަދުތައްވެސް ވަރަށްބޮޑަށް އިތުރުވެގެން ހިނގައްޖެ. އަދި ދީނަށް ޙުރްމަތްތެރިކޮށްހިތާ، ދީނަކީ މުހިންމު އެއްޗެއްކަމަށްދެކެ އަދި ދީނުގެ އުސޫލުތަކުގައި ހިފަހައްޓާ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހަމަ އެކަން ދަނީ އެގޮތަށް. ތިޔަބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެ. އިތުރު ދެންނެވުމަކަށް ބޭނުމެއްނުވޭ. ރާއްޖޭގެ މިސްކިތްތައް އެއްދުވަހުން އަނެއްދުވަހަށް ގިނަކުރެވެމުންދާއިރުވެސް އެ މިސްކިތްތައް ފުރިގެން ނަމާދަށް އަރާމީހުން އަބަދުވެސް މަގުމަތީގައި ނުވަތަ ބޭރުގައި ނަމާދުކުރަން ޖެހިފައިވާތަނަކީ މިހާރު ހުރިހާ ތަނަކުންވެސް ފެންނަމުންދާ ކަމެއް. އާދެ، މިކަން މިހެން ދިމާވި ސަބަބަކީ ކޮބައިތޯ، އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެއީ ހަމައެކަނި އިސްލާމްދީނަށް މީހުން ލެނބޭ ލެނބުމެއްނޫން. އާދެ، އެފްރިކާގައި، އެމެރިކާގައި، އަޅުގަނޑުމެން މީގެކުރިން އިސްލާމްދީނުގެ ވާހަކަ ނުވެސް އަހާ ތަންތާނގައި އިސްލާމްދީނަށްވެސް ވަރަށްގިނަ ޢަދަދަކަށް މީހުންދަނީ ވަންނަމުން.

ދާދިފަހުން އަޅުގަނޑު މިދިޔައީ ދެކުނު ކޮރެޔާއަށް. އެތާނގައިވެސް މިހާރު އިސްލާމީ މަރުކަޒެއް ހުރޭ. މިސްކިތްހުރޭ. މުސްލިމުންގެ އެތައްބަޔަކު އެތާނގައި އެބަދިރިއުޅޭ. ހަމަ އެތާނގެ އަހުލުވެރިން. އިނގިރޭސިވިލާތުގައިވެސް، އިސްލާމީ މަރުކަޒެއް އެބަހުރި. އިސްލާމްދީނުގެ ކަންތައްތައް ކުރިއަށްގެންދާ ވަރަށް ގިނަ މީހުން އެބަތިބި. ދާދިފަހުން އަޅުގަނޑާ ބައްދަލުކުރި އިސްލާމްވެފައި ހުރި އިނގިރޭސިއެއް. އޭނާގެ ވާހަކައިންވެސް އަޅުގަނޑަށް އެނގުނީ، އިސްލާމްދީނަކީ މިހާރު ހުޅަނގުގެ ޤައުމުތަކުގައިވެސް އެއްދުވަހުން އަނެއްދުވަހަށް މަޤްބޫލުވަމުން އަންނަ، އެ ދީނަށް މީހުން ލެނބޭ، އެދީނަށް މީހުން ވަންނަމުންދާ ދީނެއްކަން.

އިނގިރޭސިވިލާތުގައި، ފަރަންސޭސިވިލާތުގައި، ޖަރުމަނުވިލާތުގައި، އެމެރިކާގައިވެސް މިކަން އޮތީ މިގޮތަށް. އެމެރިކާގެ ކަޅުމުސްލިމުންގެ ޖަމާޢަތުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އަދި އެނޫންވެސް އިސްލާމީ ޖަމާޢަތްތައް އެބަހުރި. ދެކުނު އެމެރިކާގައިވެސް އެބަހުރި. އެހެންވީމާ، އިސްލާމްދީނަށް މީހުން ވަންނަމުންދާ އަދަދުދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. އެހެންދީންދީނަށް މީހުން ވަންނަމުންދާ އަދަދަށްވުރެ މާގިނަ އަދަދަކަށް އިސްލާމްދީނަށް މީހުން ވަންނަމުންދޭ.

އާދެ! އަޅުގަނޑުގެ ނުކުތާއަކީ އެއީއެއްނޫން. އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ، މާއްދީ ކުރިއެރުމަކީ، ހުރިހާ ކުރިއެރުމެއްކަމަށް ގަބޫލުކޮށްގެން ތިބިމީހުންވެސް، މިހާރު އެކަން މަޑުމަޑުން ދޫކޮށްލާފައި، މާއްދީ ކުރިއެރުން އެކަނި އޮވެގެން މިދުނިޔޭގައި އުފާވެރި ބާއްޖަވެރި ޙަޔާތެއްގައި ދިރިނޫޅެވޭނޭކަން އެމީހުންނަށް ޔަޤީންވެއްޖެއޭ. އެހެންވުމުގެ ސަބަބުން މިހާރު ރޫޙާނީ މަގަށް މަޑުމަޑުން ނަމަވެސް ދަނީ، މީސްތަކުން ލެނބެމުންނޭ.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ސައްޔާޙުންވެސް ބުނޭ، ޔޫރަޕުގައި ދިރިއުޅުމުގެ ކަންތައްތައް ކިތަންމެ މަތީފެންވަރަކަށް ތަރައްޤީވެފައިއޮތަސް، އެތާނގައި އެމީހުން ބޭނުންވާ ހިތްހަމަޖެހުމެއް ނުލިބެޔޭ. އެމީހުން ބޭނުންވާ އަމަންއަމާން ކަމެއްނެތޭ. ރާއްޖެއަކީ، ޔޫރަޕުގެ ނިސްބަތުގައި ވަރަށް ފަޤީރު ވަރަށް ނިކަމެތި ތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅުމުގެ ފެންވަރު، ޔޫރަޕުގެ ނިސްބަތުގައި އޮތީ ވަރަށް ދަށު ދަރަޖައެއްގައި. އެހެންނަމަވެސް، ރާއްޖޭގެ މިނިކަމެތި މާޙައުލުގައި، ބޭރު ޤައުމުތަކުގެ މީހުން، މިދެންނެވި ސައްޔާޙުން ހިތްހަމަޖެހުމާއެކު ދިރިއުޅެމުން އެބަދޭ.

މިދެންނެވީ ހަމައެކަނި ހަފުތާއަކަށް، ދިހަ ދުވަހަށް އަންނަ މީހުންގެ ވާހަކައެއްނޫން. ބައެއްމީހުން މިހާރު އައިސް އެބަތިބޭ މާގިނަދުވަސްވަންދެން. އެތައް އަހަރުތަކެއް ވަންދެން ރާއްޖޭގެ ބައެއް ކުދިކުދި ރަށްރަށުގައި ވަޒަންވެރިވެގެން އެމީހުން ދިރިއުޅެމުން އެބަދޭ. އެއިންވެސް ދައްކައިދޭ އެއްޗަކީ، އެމީހުންނަށް ލިބެންޖެހޭ އަމަންއަމާންކަމާއި ހިތްގައިމުކަމާއި ހިތްހަމަޖެހުން، އެމީހުންގެ އެމާއްދީ ތަރައްޤީއަކުން ލިބެމުންނެއްނުދާކަން. އެހެންވީމާ، އަޅުގަނޑުމެންވެސް މި ރާއްޖޭގެ މީހުންވެސް އެކަމާ ދޭތެރޭގައި ވިސްނަންޖެހޭނެ. އެހެން މީހުންނަށް ދިމާވާ ކަންތައްތަކުން ޢިބްރަތް ހާސިލުކުރުމަކީ އެއީ ބުއްދިވެރިގޮތަކީ. އަޅުގަނޑުމެންގެ ރާއްޖެއަށް ހުރިހާ ކަމެއް އައިސްގެން، އޭގެ ޢިބްރަތެއް ލިބިގަނެގެން، އޭގެފަހުގައި އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޅުގަނޑުމެންގެ ސިޔާސަތު އިޞްލާޙު ކުރުމުގެކުރިން އެހެން ތަންތަނަށް އެދިމާވާ ކަންތައްތަކުން ޢިބްރަތް ލިބިގަނެގެން އަޅުގަނޑުމެންގެ ކަންތައްތަކާއި ސިޔާސަތު އިޞްލާޙުކުރުން އެއީ، އެންމެ ބުއްދިވެރިގޮތަކީ. އެހެންވީމާ، އަޅުގަނޑުމެން އެ ނުކުތާއަށް ސަމާލުކަން ދޭންޖެހޭ.

އާދެ! ބައެއްމީހުން ބުނެފާނެ، ކޮބައިހޭ ރޫޙާނީ ނުވަތަ ތިޔަ ބުނާ އިޖުތިމާޢީ ކުރިއެރުމުގެ ބޭނުމަކީ. ބޭނުމަކީ މުއްސަނދިކަމޭ، ފައިސާ ގިނައިން ހުރުމޭ، ތަންތަން ހެދިފައި ހުރުމޭ، ދިރިއުޅުމުގެ އެކިއެކި މުހިންމު ބޭނުންތެރި ވަސީލަތްތައް ލިބޭގޮތަށް ކަންތައްތައްވުމޭ. މިޒަމާނަކަށްއައިސް ކާރެއް އޮތުމާއި، ކުލަ ޓެލެވިޜަނެއް ހުރުމާއި އަދި ވައިފިނިކުރާކަހަލަ އެއްޗެތި ލިބިފައިހުރުމާ، މިހެންގޮސް ޒަމާނުގެ ތަރައްޤީއާ ގުޅިފައިވާ ފަސޭހަތައް ލިބުމޭ. ހަމައެފަދައިން، ޢިލްމާއި ޓެކްނޯލޮޖީގެ މައިދާނުގައި ކުރިއަށް ދިޔުމޭ. އެއީއޭ ބޭނުންކަމަކީ. އެކަމަކު އަޅުގަނޑު ދަންނަވާލާހިތްއޮތީ، އެކަންކަން ކުރިއަށް ދިޔުމުން ޝައްކެއްނެތްގޮތުގައި ޤައުމު ކުރިއަށްދާނެއޭ. އެހެންނަމަވެސް، އެފަދަ ކުރިއެރުންތަކުގެ ފަހަތުގައިވެސް ކޮންމެވެސް މަގުދައްކައިދޭނެ ބާރެއް ނެތިއްޔާ ޤައުމުދަނީ ސަލާމަތްކަން ލިބިގެންވާ މަގެއްގައިކަން ނުވަތަ ހަލާކުގެ މަގެއްގައިކަން ދައްކައިދޭނެ އެއްވެސް އެއްޗެއް ނޯންނާނެޔޭ.

އާދެ! ވަރަށް ކުޑަކުޑަ މިސާލެއް އަނެއްކާވެސް ތިޔަބޭފުޅުންނަށް ހާމަކޮށްލަދިނުން ހުއްދަ ކުރެއްވުން އެދެން. މިސާލަކަށް، އާގު ބޯޓެއް. އެއީ، މިޒަމާނުގެ ޓެކްނޯލޮޖީގެ ވަސީލާއިން ނަމަވެސް ވަރަށްމަތީ ފެންވަރަކަށް ހެދިފައިހުރި އާގު ބޯޓެއް. ނުވަތަ ކަނޑުގައި ދުއްވާ އެހެންވެސް އުޅަނދެއް. އޭގައި ހުންނަ މެޝިންތައް ވެދާނެ އެޓޮމިކް ބާރުން ހިނގާ އެއްޗަކަށްވެސް، ނުވަތަ މިޒަމާނަކަށްއައިސް ހޯދިފައިވާ، ނުވަތަ އީޖާދު ކުރެވިފައިވާ ޤުދުރަތީ އެހެންބާރަކުން ހިނގާ އެއްޗަކަށްވެސް. އެ އުޅަނދަކީ ކިތަންމެ ބާރުހުރި ހަކަތައަކުން ހިންގާ މެޝިންތައް ހުރި އުޅަނދަކަށްވިޔަސް، އެ ދާމަގު، މިސްރާބު ކަނޑައަޅަނީ ކޮންފަރާތަކުންތޯ! އެ މިސްރާބު ކަނޑައެޅުމަށްޓަކައި އޭގައި ހުންނަން އެބަޖެހޭ ދުއްވާ މީހަކު. ނުވަތަ އޭގައި ހުންގާނެއް ހުންނަން އެބަޖެހޭ. ހުންގާނެއް ނެތީވިއްޔާ ކިތަންމެ ވަރުގަދަ މޮޅު ބޯޓެއްވެސް އެދާގޮތަށްގޮސް ފަރަށްވެސް އަރާފާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ނާވެސް ފަރަށް އެރުމުގެ ކުރިން، އޭގެ މަގުދައްކައިދޭނެ ވަސީލަތެއް ނުވަތަ ހުންގާނެއް އޭގައި ހުންނަންޖެހޭނެ. އަޅުގަނޑު ދަންނަވާނީ، އެ ހުންގާނަކީ، ވަސީލަތަކީ، ރޫޙާނީ ކުރިއެރުމޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެވެސް މިހާރު ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، މިދެންނެވި ދެބަޔަށް އެކަށީގެންވާ ސަމާލުކަމެއް ދޭންޖެހޭނެ. ރޫޙާނީ ތަރައްޤީއަކީ ތިލަފަތަކުން ކިރޭނެ އެއްޗެއްނޫން. ނުވަތަ ފޫޓުފީތާއަކުން މިންއެޅޭނެ އެއްޗެއްނޫން. އޭގެ ވަޒަންކުރެވޭނެގޮތަކީ، އަޅުގަނޑުމެންގެ ހިތްތަކަށްލިބޭ ހަމަޖެހުން. އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ އުފާ، ނުވަތަ ބާއްޖަވެރިކަން، ނުވަތަ އަމަންއަމާންކަން. އެއީ، އޭގެ މިންގަނޑަކީ. އެހެންވީމާ، މިދެންނެވި އަމަންއަމާންކަމާއި، ހިތްހަމަޖެހުމާއި، އެއްބައެއްވަންތަކަމާއި، އުޚުއްވަތްތެރިކަން، މިޝުޢޫރުތައް އާލާވަމުންދާނީ އަޅުގަނޑުމެންގެ ރޫޙާނީ ކުރިއެރުން އަޅުގަނޑުމެންނަށް ލިބެމުންދިޔަ މިންވަރަކުން ކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، މާއްދީ ތަރައްޤީއާމެދު މަސައްކަތް ކުރަމުންދާއިރު، މިދެންނެވި ނުކުތާ އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެ. އެގޮތުން، އަޅުގަނޑުމެންގެ މިޤައުމީދުވަހާއި އަޅުގަނޑުމެންގެ ޢަޤީދާއާ ގުޅިފައިވާ ގުޅުމަކީވެސް، އަޅުގަނޑު މިދެންނެވި ނުކުތާއަށް ވަރަށް ބޮޑު އަލިކަމެއް އަޅުވައިދޭ ގުޅުމެއްކަން ކަށަވަރު.

އާދެ، އަޅުގަނޑުގެ ފަހުން މިޖަލްސާގައި ވާހަކަފުޅުދައްކަވަން ތިއްބެވި އެހެން ބޭފުޅުންވެސް އެބަތިއްބެވި. އޭގެފަހުން މިއަދަށް ހަމަޖެހިފައިވާ އެހެން ޕްރޮގްރާމްތައްވެސް އެބަހުރި. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ގަސްދެއް ނުކުރަން. ޤައުމީ ދުވަހުގެ މުނާސަބަތުގައި އައްޑުއަތޮޅަށް އައުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، اللّه سبحانه وتعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި މިއަތޮޅުން އަޅުގަނޑަށް ލިބުނު ހޫނު މަރްޙަބާއަށްޓަކައި އަތޮޅުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّه سبحانه وتعالى ރާއްޖެއަށް އިތުރު ތަރައްޤީއާއި ތަނަވަސްކަން ދެއްކެވުން. އަޅުގަނޑުމެންގެ ރާއްޖޭގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓެވުން. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ ހެޔޮ ތައުފީޤު ރާއްޖޭގެ ރައްޔިތުންނަށް ދެއްވުން. އަޅުގަނޑުމެންގެ ވިސްނުން އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާ ކުރައްވައި، މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކުރައްވައި، އަޅުގަނޑުމެންގެ ޤައުމަށް ނިޢުމަތާއި ބަރަކާތާއި ރަޙްމަތް ލެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.