بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين،
وعلى آلـه وصحبـه أجمعـين.

އާދެ، މިއަދަކީ ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް. ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް.

ދިވެހިރާއްޖޭގެ މި އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަދި އެދުވަހާ ގުޅިގެން މި ބޭއްވޭ ރަސްމީ އިޙްތިފާލުގައި، އަޅުގަނޑުގެ އެންމެ އިސް އަދި އެންމެ އުފާވެރި ވާޖިބެއް ކަމުގައި ދެކެނީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޤައުމީދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން. އަދި މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށް، ދުވަހުގެ މުބާރަކުބާދީއާއި ތަހުނިޔާ ދެންނެވުން.

އާދެ، އަޅުގަނޑުމެންގެ ޤައުމީދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވެގެންވާ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް، އުތީމު މަހާރަދުންގެ މަތިވެރި ޤައުމީ ޖިހާދުގެ ޒިކުރާ އާކޮށް، އެ މަތިވެރި ޤައުމީ ބަޠަލުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން. ހަމައެފަދައިން، އެ މަހާރަދުންގެ އަރިހުގައި ޖިހާދު ކުރެއްވި ޤައުމީ އަބްޠާލުން އެ ކުރެއްވި މަތިވެރި ޖިހާދާއި، އެ ވެވަޑައިގެންނެވި ޤުރުބާނީގެ މަތިން މިއަދު ހަނދާންކޮށް، އެ ހުރިހާ އަބްޠާލުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކޮށް، އަދި އެ އަބްޠާލުން ރާއްޖެއަށްޓަކައި އެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރު އަދާކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް.

އާދެ، މި ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ތާރީޚުގެ އެކި ދުވަސްވަރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށްޓަކައި ނުވަތަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި އެހެނިހެން ފަހުލަވާނުންގެ މަތިންވެސް އަޅުގަނޑުމެން މިއަދު ހަނދާންކޮށް، އެ ހުރިހާ ފަހުލަވާނުންނަށް، އެ ބޭފުޅުން ރާއްޖެއަށް އެ ކޮށްދެއްވި ޖިހާދާއި، އެ ވެވަޑައިގެންނެވި ޤުރުބާނީއަށްޓަކައި، މާތްﷲ އެ ބޭފުޅުންނަށް ހެޔޮޖަޒާ ދެއްވުން އެދި ދުޢާކުރުމަކީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ވަކިން ޚާއްޞަކޮށް، 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ މާތް ދީނުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ ދިވެހި އަބްޠާލުން، އަޅުގަނޑުމެންގެ ޤައުމަށްޓަކައި އެ ވެވަޑައިގެންނެވި ޤުރުބާނީއަށްޓަކައި، އެހުރިހާ ބޭފުޅުން އެ އަދާކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރުގެ ޖިޒީތައް ރައްދުކުރުމާއެކީގައި، އެ ބޭފުޅުންގެ ފުރާނަފުޅަށް މާތް ﷲގެ ތަނަވަސް ރަޙްމަތް ލެއްވުން އެދި ދުޢާކުރުމަކީވެސް މިއަދު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، ޝައްކެއްނެތް، ޤައުމަށްޓަކައި އެކިއެކި ރޮނގުރޮނގުން ޖިހާދު ކުރައްވައި، އޭގެ ތެރޭގައި އެއްބައި ބޭފުޅުން ޝަހީދުވެވަޑައިގެންފައި. އަނެއްބައި ބޭފުޅުން ޝަހީދުވެވަޑައިނުގެންނެވި ކަމުގައިވިޔަސް، ވަރަށް މަތިވެރި ޤުރުބާނީތަކެއް ވަނީ ވެވަޑައިގެން ދެއްވާފައި. އެ ހުރިހާ ބޭފުޅުން އެކުރެއްވި ޖިހާދާއި، އެ ވެވަޑައިގެން ޤުރްބާނީއަކީ، އަޅުގަނޑުމެން އަބަދުވެސް އެކަމަށްޓަކައި ފަޚުރުވެރިވާންޖެހޭ، އަދި އެ ބޭފުޅުންނަށް ޙައްޤު ޝުކުރު އަދާކުރަންޖެހޭ ޖިހާދަކާއި ޤުރުބާނީއެއްކަން ކަށަވަރު.

އާދެ، ރާއްޖޭގެ ޤައުމީދުވަސް މި އަންނަނީ، ވަރަށް މާތް މައްސަރެއްގައި. އެއީ ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް. ރަބީޢުލްއައްވަލު މަހަކީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަސް. އާދެ، މި މަހަކީ ދިވެހިންގެ ހިތްތަކުގައިވެސް، އަދި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންގެ ހިތްތަކުގައިވެސް، ވަރަށް މަތިވެރި ޤަދަރަކާއި ލޯތްބެއް ދެވިފައިވާ މައްސަރެއް.

މިކަމުން އަޅުގަނޑުމެންނަށް ދޭހަވާ އެއްކަމަކީ، ދިވެހި ޤައުމިއްޔަތާއި އަޅުގަނޑުމެންގެ މާތް ޢަޤީދާއާ އޮތް ގުޅުން. ޝައްކެއްނެތް. އިސްލާމްދީނާއި ދިވެހިވަންތަކަމާ ދޭތެރޭގައި މިއޮތީ، ވަރަށް ވަރުގަދަ ތާރީޚީ ގުޅުމެއް. އެ ގުޅުން ދުވަހަކުވެސް އެހެންގޮތަކަށް ބަދަލުވެގެނެއްނުދާނެ. އަޅުގަނޑުމެން ހަނދާންކުރަންވީ، އަޅުގަނޑުމެން މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ދެމިއޮވެވޭނީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮވެގެންކަން. އެހެންކަމުން، އަޅުގަނޑުމެންގެ ވިސްނުމާއި، ޚިޔާލާ، އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކަށް އެ ތަޞައްވުރު ވަރަށް ރަނގަޅަށް ގެނެސްގެން، އެ ތަޞައްވުރު ދެމެހެއްޓޭތޯ ބެލުމަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަށްޓަކައި، އަޅުގަނޑުމެން ކުރާ ވަރަށް ބޮޑު މަސައްކަތެއްކަމުގައި ނުވެނުދާނެ.

އާދެ، ޤައުމީދުވަހަކީ، ޤައުމީ ރޫޙު ބަދަހިކޮށް، ޤައުމީ ޝުޢޫރު އާލާކުރުމުގެ ދުވަސް. މިއަދު އަޅުގަނޑުމެން އެންމެންގެވެސް އެންމެ ވަރުގަދަ ޢަޒުމަކަށްވާންވާނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުން. އެކަންކަމަށް އަޅުގަނޑުމެން އެންމެން ހޭލާ ތިބުން. އަދި ހުރިހާ އަފުރާދުންނާއި، ޖަމާޢަތްތަކާއި، ސަރުކާރާއި، ރައްޔިތުން ގުޅިގެން، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ މަތިވެރި ނިޢުމަތް، އެގޮތުގެމަތިން ދެމެހެއްޓުމުގެ ޢަޒުމް ކަނޑައެޅުމަކީ، މިއަދު އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއްކަން ކަށަވަރު.

އާދެ، މި އަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރަކީ، "ޤައުމީ އުފެއްދުންތެރިކަން - ރައްޔިތުންގެ ފުދުންތެރިކަން." ޝައްކެއްނެތް، މި ޝިޢާރު އަޅުގަނޑުމެންނަށް، ވަރަށް ފުން މާނައެއް ދޭހަކޮށްދޭ. މުޅި ދުނިޔެ މިއަދު މި ކުރިމަތިލަނީ، ނުވަތަ ކުރިމަތިލާފައި މިވަނީ، އިޤްތިޞާދީ ދަތިތަކަކާ. އަޅުގަނޑުމެންގެ ރާއްޖެވެސް މިވަގުތު މިވަނީ އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިލާންޖެހިފައި. އެއީ، އަޅުގަނޑުމެންގެ ތެރެއިން، ހަމަ ކޮންމެ މީހަކަށްވެސް މިއަދު ވަޒަންކުރެވޭނެ ޙަޤީޤަތެއް. އަޅުގަނޑުމެންނަށް ކުރިމަތިވެފައިމިވާ ދަތިތަކުން ސަލާމަތްވެ، އަދި އަޅުގަނޑުމެންގެ ޤައުމު ތަރައްޤީގެ މަގުގައި ތަނަވަސްކަމާއެކީގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އެޅުމަށްޓަކައި ބޭނުންވަނީ، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރަށްވުރެ ހަރުދަނާ ކުރުން. އޭގެ ބިންގާތައް ފުޅާކުރުން. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުން.

ޝައްކެއްނެތް. ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއް. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިވެގެންދާނެ ކަމެއް. އެހެންވީމާ، މި އަހަރުގެ މި ޝިޢާރަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ޝިޢާރެއް. އަދި އެ ޝިޢާރުގައި އެ ބުނާ އެއްޗެއް ޙަޤީޤަތަކަށް ހެދޭތޯ އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ.

އެހެންވީމާ، އަޅުގަނޑު މިއަދު ޤައުމީދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް މި ގޮވާލަނީ، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރެއްކަމުގައި ހެދޭތޯ އަޅުގަނޑުމެން އެންމެން ބަލަމާތޯއޭ! އަޅުގަނޑުމެންގެ މަސައްކަތަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން އަޅުގަނޑުމެންގެ އިޤްތިޞާދީ ބިންގާ މިހާރަށްވުރެ ހަރުދަނާކޮށްގެން، އަޅުގަނޑުމެންގެ ކުރިއެރުން ތަރައްޤީގެ މަގުގައި އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން ކަމުގައި ހަދަމާތޯއޭ.

މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ކުރިއަށް މިއޮތް އަހަރަކީ، އުފެއްދުންތެރިކަމުގެ އަހަރެއް ކަމުގައި ސަރުކާރުގެ ހުރިހާ ފަރާތްތަކަކުންނާއި، އަދި އަމިއްލަ އަފުރާދުންނާއި، އެކިއެކި ޖަމާޢަތްތަކުން މަސައްކަތް ކުރެއްވުން. އާދެ، ސަރުކާރުގެ ފަރާތްތަކުން އެކަން އެގޮތުގެމަތިން ދެމެހެއްޓުމަށްޓަކައި އަދި ފަސޭހަކޮށްދިނުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވައި، އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވުން. ހަމައެހެންމެ، އުފެއްދުންތެރިކަމުގެ މަސައްކަތްކުރާ ސަރުކާރުގެ ފަރާތްތަކާއި އަދި އަމިއްލަ ފަރާތްތަކުންވެސް މި އަހަރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރެއް ކަމުގައި ހެއްދެވޭތޯ ބެއްލެވުން.

ޝައްކެއްނެތް. އަޅުގަނޑުމެންގެ ފުދުންތެރިކަމަކީ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެގެންވާ އެއްޗެއް. އަދި އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާވެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުން ހެޔޮގޮތުގައި ހިފެހެއްޓިގެން ނޫނީ، އަޅުގަނޑުމެން ބޭނުންވާގޮތަށް އަޅުގަނޑުމެންނަކީ މިނިވަން، މުސްތަޤިއްލު، އަދި ފުރިހަމަ ސިޔާދަތެއް ލިބިގެންވާ ޤައުމެއް ކަމުގައި ދެމިއޮތުންވާނީ ވަރަށް ދަތި ކަމަކަށް.

އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަމުން، އަދި އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދަށްޓަކައި ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް اللّـه سبحـانـه وتعـالىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަދި ރާއްޖޭގެ ރައްޔިތުންނަށް އުފެއްދުންތެރިކަމާއި ކުރިއެރުމުގެ އަހަރެއް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން، އަޅުގަނޑުމެން އެންމެންގެ ޢަޒުމަކީ، އުފެއްދުންތެރިކަން އިތުރުކުރުން ކަމުގައި ހެދުމަށް ގޮވާލަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.