بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މީގެ އެއް އަހަރު ކުރިން، ތިޔަ ޢިއްޒަތްތެރި މެންބަރުންނާ، މިމަޤާމުގައި އަޅުގަނޑު ބައްދަލުކުރި އިރު، ރާއްޖޭގެ ޙާލަތު އޮތް ގޮތާ އަޅައިބަލާއިރު، މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ޙާލަތެއްގައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަޤްދީރުގެ ނިޔާގެ މަތިން، ކަންކަން ބަދަލުވެ ފުރޮޅިގެން ދިޔައީ، އަޅުގަނޑުމެން ތަދުބީރުކުރި ރޭވުމާ މުޅިން އެއްގޮތަކަށް ނޫން.
ޤައުމުގެ ހުރިހާ ކަމެއްހެން ހުއްޓި، ދިރިއުޅުމުގެ ޢާންމު ޙާލަތު މިވަނީ، މުޅިން ބަދަލުވެފައި. ޤައުމުގެ އިޤްތިޞާދު މިއޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައި. ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިޙާލަތަށް ކަންތައް ދިޔައީ، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް. އެކަމަށްޓަކައި އެޅި ފިޔަވަޅުތަކަކީ، އޭގެ ނަތީޖާ އެނގި ތިބެ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެއް. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ވެރިރަށް ފުރަބަންދުކުރުމަކީ، ފަސޭހަ ކަމެއް ނޫން.
މި ފިޔަވަޅުތަކާއެކު، މި ބައްޔަށް ފަރުވާކުރެވޭވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފެށިން. ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، 362 ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރިން. އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު އެބަހުރި. އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَى ގެ އޯގާވަންތަކަމާއި މަދަދުވެރިކަމުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ފުރަބަންދުގެ ހިފެހެއްޓުންތަކަށް ލުއިތަކެއް ދީ، ރާއްޖޭގެ ބޯޑަރު ހުޅުވާލައި، މިހާރު މިވަނީ ފަތުރުވެރިންނަށް އަލުން މަރުޙަބާ ކިޔަން ފަށާފައި.
ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޯވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން. އަދި މިބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި، އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތްތަކުންކަން އަޅުގަނޑު މި ވަގުތުގައިވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދުނިޔޭގެ އެކި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، އެންމެހައި ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެންމެން، މިބަލިން ރައްކާތެރިކުރުން. ކުރިއަރާފައިވާ ޤައުމުތަކުން، ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފެށިން.
އެކަމުގައި މިއަދާ ހަމައަށް ކުރެވުނު މަސައްކަތުން، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައި. އިރާދަކުރެއްވިއްޔާ، އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، އަޅުގަނޑުމެން ކޯވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ.
ކޯވިޑުގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެ. އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތާމެދު، ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު އަޅުގަނޑަށް ވަޒަންކުރެވޭ. ރައްޔިތުންގެ ޙާލަތު އެގޮތަށް ދޫކޮށްލި ނަމަ، އަދި އިޤްތިޞާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެ ޙާލަތަށް ދޫކޮށްލި ނަމަ، މުޅި ޤައުމަށް ކުރިމަތިވާނެ ގެއްލުން އަޅުގަނޑުމެންނަށް އަންދާޒާކުރެވުނު.
އެ ޙާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންގެ ވިސްނުމަކަށްވީ، މި ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދިނުން. ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން. ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން.
އެގޮތުން، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން. ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުޠުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި.
އަދި ހައުސިންގ ލޯނުތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ. އޭގެ އިތުރުން، ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދިނިން. އަދި ކޯވިޑުގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދިނިން.
ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ. މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ.
ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ތެރެއިން، ކޮންސްޓްރަކްޝަން ދާއިރާއަށްވެސް، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީވެސް ވަރަށް ގިނަ ބަޔަކު ޙިއްޞާވާ، އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޯވިޑުގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ.
މިދިޔަ އަހަރަށް މި ޢިއްޒަތްތެރި މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ، ޖުމްލަ ޚަރަދަކީ، 37.9 ބިލިއަން ރުފިޔާ. ކޯވިޑުގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ޚަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ. އެހެންކަމުން، ކޯވިޑުގެ ޚަރަދުތަކާ އެކު، މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ޚަރަދަކީ 28.5 ބިލިއަން ރުފިޔާ.
ޚަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދެމުން މިއައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް. ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުޞަތު ލިބުނު. ޢާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ. ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް، އިޤްތިޞާދީ ޙަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް، ސަރުކާރުން މިވަނީ މަސައްކަތް ފަށާފައި.
ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާޢަތުގެ ފައިދާ، ރާއްޖޭގެ އެންމެ އުތުރަށާއި ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސް އެޅުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވާނީ ބީލަމަށް ލައިފައި.
މީގެ އިތުރުން ރިޒޯޓުތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، މިހާރުވާނީ ޤާނޫނަށް ބަދަލު ގެނެސްފައި. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް. އަދި މިހާރު ތަރައްޤީކުރަމުން އަންނަ ރިޒޯޓުތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިޒޯޓެއް މުޅިން އަލަށް ހުޅުވި، 5062 އެނދު މާރުކޭޓަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ.
އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު، އެ ޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި. މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައި.ސީ.ޓީ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ކޯވިޑުގެ ފުރަބަންދުގެ ތެރޭގައިވެސް، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. މާލެއާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑުގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި، އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ. މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް "އެކްސްކްލޫސިވިޓީ" މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލާފައި.
މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓުކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި. މީގެ އިތުރުން، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ.
މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މިމަސައްކަތް ނިމުމުން، މިފްކޯއަށް މަސް ގަނެވޭ މިންވަރު، ދުވާލަކަށް 61 އިންސައްތަ އިތުރުވާނެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓުކުރެވޭނެ އިންތިޒާމެއް ނެތުމާއި، ގަންނަން ބޭނުންވާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި، އުފެއްދުންތައް ލިބޭނެކަމުގެ ޔަޤީންކަން ނެތުން. މިކަން ޙައްލުކުރުމަށް، މިހާރުވާނީ "އެގްރޯ ނޭޝަނަލް ކޯޕަރޭޝަން"ގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދާފައި. މިދިޔަ ފުރަބަންދުގެ ތެރޭގައިވެސް ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމުގައި، މި ކުންފުނިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރި.
ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެށްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުން. މަޤްޞަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ. ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ.
އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކުރާނީ، ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް. އިސްލާމްދީނުގެ މަތިވެރި އިޖުތިމާޢީ އުޞޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖުތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ.
އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރުމާ ޙަވާލުވިއިރު، ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި، ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ޙާލަތެއްގައި ދިރިއުޅެމުން ގެންދިޔަ ކުދިންތަކެއް ތިބި. އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއްވެސް ލިބިފައި އެބަހުރި. އެ މައްސަލަތައް މިހާރު މި އަންނަނީ ތަޙުޤީޤުކުރަމުން.
އެފަދަ ކުދިންނަށް އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ފަށާފައި. އެގޮތުން، ބ. އޭދަފުށްޓާއި، ށ. ފުނަދޫ އަދި ފުވައްލުމަކުގައި ޤާއިމުކުރި އަމާން ވެށްޓަށް 51 ކުއްޖަކު މިހާރު ވާނީ ބަދަލުކޮށްފައި. މިބަދަލުގެ ސަބަބުން، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، "ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ" ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން ފަށާނަން. އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން. ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑުއަތޮޅުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުން. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެށްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް.
ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޢާދަކޮށް ބަދަހިކޮށް އާލާކުރުމަށް. ކޯވިޑް-19ގެ ދަތިކަމުގައިވެސް، ރަޙްމަތްތެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ، ޚާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް.
ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މިއަންނަނީ މަސައްކަތްކުރަމުން. މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި ޢައްޔަނުކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޞުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން. މިކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ އެންމެހައި ފުލުހުން އަންނަނީ، މުހިންމު ދައުރެއް އަދާކުރަމުން.
އެ ދެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ޤާނޫނުތައް އިޞްލާޙުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައި.
ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލްކޮށް، ނެއިބަރހުޑް ޕޮލިސިންގގެ އުޞޫލުން ޚިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ﷲގެ ރަޙްމަތްފުޅުން، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.
ކުޑަކުދިންކުރާ ކުށްތަކާއި، ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، ގެވެށި އަނިޔާއާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަޙުޤީޤުކުރުމަށް، ފުލުހުންގެ ތެރޭގައި ޚާއްޞަ ވިންގެއް މިދިޔަ އަހަރު ވާނީ އުފައްދާފައި. އޭގެ އިތުރުން، ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާޓްމަންޓެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެ. އަދި ލޯކަލް ޕޮލިސިންގ ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަން މިއަންނަނީ މަސައްކަތް ކުރަމުން.
މިހާރު އައްޑޫގައި ހަދަމުން އަންނަ، ”ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓް“ ވެސް، މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެ. އަދި މިހާރު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާއެކު، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، ޢާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި. އެކަން ޙައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދެއްވި.
ދިވެހިރާއްޖެއަށް ބޭނުންވާވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް. ރައްޔިތުން ބޭނުންވާވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
އިޖުތިމާޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. އެފަދަ އެއްކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ. ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން.
އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41,000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރަޖިސްޓްރީވެއްޖެ. އަދި ޞައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދެވިއްޖެ. އަދި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ޤައުމަށް ފޮނުވައިދެވިއްޖެ. މި ޕްރޮގްރާމް މިއަހަރުވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.
އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި. މީގެ ތެރެއިން އެންޓި-ޓްރެފިކިންގ އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން. މި މަސައްކަތުގެ ދަށުން އަޅުގަނޑުމެން ތަރައްޤީކުރި ހއ. ހޯރަފުށީ އެއަރޕޯޓު، މިދިޔަ އަހަރު ހުޅުވައި، މިހާރު އަންނަނީ ޚިދުމަތް ދެމުން. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރަން. އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ. ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި.
ދަތުރުވެރިންނާއި މުދާ އުފުލާ ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވާރކްގެ މަސައްކަތް އަޅުގަނޑުމެން ޤަޞްދުކުރީ މިދިޔަ އަހަރުގެ ތެރޭގައި ފަށަން. ނަމަވެސް، ކޯވިޑުގެ ސަބަބުން އެކަން ހުއްޓިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 17 ވަނަ ދުވަހު، އެމަސައްކަތް ވާނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައި.
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން، ބީލަމުގެ މަރުހަލާ ނިންމައި، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި، އެމަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެ. އަދި އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫޢުތަކެއް، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.
މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރުވަނީ ނިންމާފައި. އެބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި، ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ފެށިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން. ޅ.ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. އަދި މ. ކޮޅުފުށީގެ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. މިއިން ކޮންމެ ރަށެއްގައި 100 ހައުސިންގ ޔުނިޓް ހަދާނެ.
މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވަނީ ސޮއިކޮށްފައި. އަދި މިޔުނިޓުތަކުގެ ޢަމަލީ މަސައްކަތް، މޭ މަހުގެ ތެރޭގައި ފެށޭނެ. މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ.
އަދި އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ. އޭގެ އިތުރުން، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން.
ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް. މިދިޔަ ދެ އަހަރުގެ ތެރޭގައި، ވަރަށް ގިނަ ރަށްރަށުގައި އެ މަޝްރޫޢުތައް ވަނީ ފަށާފައި. މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެކި ފަރާތްތަކާ ޙަވާލުކުރެވޭނެ. އަދި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރެވޭނެ. އޭރުން، މިއަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް ﷲގެ ވާގިފުޅާއެކު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައިވެސް އަދި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުމުގައިވެސް، ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލި ކުރުމަށް، އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދެން. ކަރަންޓު އުފެއްދުމުގައިވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރުވަނީ ޤާއިމުކޮށްފައި. އަދި އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ. އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިދިޔަ ދެ އަހަރުގެ ތެރޭ ގާތްގަނޑަކަށް ތިންގުނަ އިތުރުކުރެވިއްޖެ.
މިހާތަނަށް ޤާއިމުކުރި އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72,871 ޓަނު މަދުވެގެންދާނެ. މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީ.ވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ.
ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަކީވެސް، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކުރުމަށް އެކުލަވައިލާފައިވާ ޕްލޭނާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް، މިދިޔަ ޑިސެންބަރު 30 ވަނަ ދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. އެ ލިސްޓުގައި ހިމެނޭ 9 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް، މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާވާނެ.
ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތައިނުލެވި އެބަހުރި. މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވަނީ ޙަވާލުކޮށްފައި.
މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން. މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް.
ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައިވެސް، ރާއްޖެއިން މިއަންނަނީ ވަރަށް ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖެއިން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެހީ ކަށަވަރުވެއްޖެނަމަ، އަޅުގަނޑުމެންގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
އަޅުގަނޑުމެންގެ ތަރައްޤީގެ ފަލްސަފާއަކީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި، ތަރައްޤީގެ ވިސްނުން ހުރި ޒުވާން ތަޢުލީމީ ޖީލެއް ބިނާކުރުން. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތަޢުލީމަށް ހުޅުވައިލި ލޯނުގެ ފުރުޞަތުތަކަކީ، މިދެންނެވި ފަދަ ޒުވާން ޖީލެއް އުފެއްދުމަށްޓަކައި، ކުރެވޭ ވަރަށް އަގުހުރި އިންވެސްޓްމަންޓެއް ކަމަށް އަޅުގަނޑު ދެކެން. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުވާނީ ފަހިކޮށްދީފައި.
ކޯވިޑުގެ ސަބަބުން އިޤްތިޞާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި. ފުރަބަންދުގެ ޙާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ޤައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ. އެކަމުގައި ވަރަށް ދީލަތި އެއްބާރުލުމެއް ދެއްވި، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި އެންމެހައި މުދައްރިސުންނަށް އަދި އެންމެހައި ބެލެނިވެރިންނަށް ވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިދިޔަ އަހަރުގެ ތެރޭގައިވެސް، މަތީ ތަޢުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުޞަތު ހުޅުވައިލިން. މިހާރު އަޅުގަނޑުމެން ވާނީ އެ ޢަދަދު 770 އަށް އިތުރުކޮށްފައި. އަދި
މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިޢުލާނު ކުރެވޭނެ. މި އިތުރުކުރި ލޯނުގެ ފުރުޞަތުތަކަކީ، އިޤްތިޞާދު އާރާސްތުކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުޞަތުތަކެއް.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްޞަ ކެޓަގަރީއެއް މިހާރު ހިމަނާފައިވާނެކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ ޒުވާނުން ބިނާކުރުމުގަޔާއި، ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ނިންމި ނިންމުމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ސަރުކާރުން ހިންގާ އެންމެ ބޮޑު އެންމެ މުހިންމު މަޝްރޫޢަކީ، ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ ގޮތް ހަމަޖައްސައިދިނުން. ލާމަރުކަޒީ ނިޒާމުން، ރައްޔިތުންނާ ވީހާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތް މިއަހަރުގެ ތެރޭގައިވެސް، އިރާދަކުރެއްވިއްޔާ ނުހުއްޓި ކުރިއަށް ދާނެ. މިދެންނެވި 5 ސަރަޙައްދުގައި ޓާޝަރީ ޚިދުމަތްތައް ތަރައްޤީވަމުން އަންނަ ވަރަކަށް، ޞިއްޙީ ޚިދުމަތް ހޯދަން، މާލެ އަންނަ މީހުންގެ ޢަދަދު އަންނަނީ މަދުވަމުން.
ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ސިޔާސަތަކީ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް ރަށްރަށުގައި ހަރުދަނާ ކުރުން. މިއީ މީގެ ކުރިން ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކު ދެމުން އައި ޚިދުމަތެއް. އަހަރުތަކެއް ވަންދެން އަޅައިނުލެވި އޮތުމަށް ފަހު، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އެ މަސައްކަތް އަލުން ހަރުދަނާކުރަން ފަށާފައި. މިއަހަރުގެ ތެރޭގައި މި މަސައްކަތް އިތުރަށް ތަރައްޤީކޮށް، ކޮމިއުނިޓީ ހެލްތް ވަރކަރުންގެ ދައުރު އިތުރަށް ފުޅާކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކޯވިޑުގެ ދަތިކަމުގައި ހޭދަވި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ފާޅުވެގެން ދިޔަ އެންމެ ބޮޑު ޙަޤީޤަތަކީ، އެކަންކަން ޙައްލުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި، ދޫކޮށްލެވިފައި ހުރި އިޖުތިމާޢީ މައްސަލަތަކުގެ ގިނަކަން. އޭގެތެރެއިންވެސް، ގެވެށި އަނިޔާގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކަކީ، އަވަސް ޙައްލަކަށް ބޭނުންވާ ކަންކަން.
މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އެކުލަވައިލާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިއަހަރު ކުރާނެ އެންމެ މުހިއްމު ކަމަކީ، އެފަދަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުން. އޭގެ ތެރެއިންވެސް ލ. ކަޅައިދޫގައި ހަދާ މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތަކެއް ހިންގޭނެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ، 2011 ވަނަ އަހަރު ޢަމަލުކުރަން ފެށި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުން ލާޒިމުކޮށްފައި އޮތް ކަމެއް. 10 އަހަރަށް ފަހު، މާލެ އަތޮޅު ގުޅީފަޅުގައި އެމަރުކަޒު ޤާއިމުކޮށް، އެތަނުގައި ބައެއް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. މާތްﷲގެ ވާގިފުޅާއެކު، މި ސެންޓަރުގެ ސަބަބުން މަގުމަތިވެފައިވާ ޒުވާނުންގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ޢަދުލު އިންޞާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް. ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް. ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރުފު ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން އަޅުގަނޑު ޤަޞްދުކުރަން.
ރައްޔިތުންނަށް ޚިދުމަތްކުރަން އަޅުގަނޑުމެން ނުކުމެ ތިބިއިރު، މިކަމުގައި އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، މި ޢިއްޒަތްތެރި މަޖިލީހުންކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އެކަމުގައި އަޅުގަނޑުގެ ޕާޓީގެ މެންބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން، މި މަޖިލީހުގެ ތަޅުމުގަޔާއި ކޮމިޓީތަކުގައި ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި، މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، ނައިބު ރައީސަށް އަދި ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިދިޔަ އަހަރު މަޖިލީހުން ފާސްކޮށް ތަޞްދީޤުކުރުމަށްޓަކައި އަޅުގަނޑާ ހަމައަށް ފޮނުވި 35 ބިލު އަޅުގަނޑު ވާނީ ތަޞްދީޤު ކޮށްފައި. ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން، ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައިވެސް މި ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑުމެން ފޮނުވާނަން. އެ ބިލުތައް، ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާއާއި ފުން ބަހުސްތަކުން މުއްސަނދިކުރައްވައި، މި މަޖިލީހުން ފާސްކޮށްދެއްވާނެކަމާ މެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް.
މިއަދު ފެށިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރާއެކު، މި ޢިއްޒަތްތެރި މަޖިލީހަށާއި، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބާއި ކުރިއެރުމަށް. ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން، ޤައުމުގެ ހެވާއި ލާބަޔަށް ތިޔަ ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި!
މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވައި، މިލޮބުވެތި ވަޠަނުގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތް ކާމިޔާބު ކުރައްވައި، ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގައި ކުރިއަށް ދިޔުމުގެ ނަސީބުވެރިން ކަމުގައި، އަޅުގަނޑުމެން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.