ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކުރައްވާފައެވެ.
ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން ބަލާއިރު، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު އެއް ޤައުމަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއެވެ. މިކަމުން އަރައިގަނެ، އިޤްތިޞާދު އަލުން އާރާސްތު ކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެ މަނިކުފާނުގެ ސިޔާސަތަކީ، އިޤްތިޞާދީ ޙަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމެވެ. ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތާ އެއްފަންތިއެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ، ރައްޔިތުންގެ މަޖިލީސް 2021 ވަނަ އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހި ރައްޔިތުންނަށް ކުރިމަތިވި، އަދި އުފުލަންޖެހުނު ދަތިތަކާއި ތަކުލީފުތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެދެއްވިއެވެ. ސަރުކާރުން ވަނީ، ހައުސިންގ ލޯނުތަކާއި، މަތީ ތަޢުލީމުގެ ލޯނުތަކަށް ލުއިދީފައެވެ. ކޮވިޑް-19 އާއެކު ދުނިޔޭގެ އެކި ޤައުމުތަކުގައި އަމަލުކުރަން ފެށި ފުރަބަންދުތަކާއެކު ބޭރު ޤައުމުތަކުގައި އެނބުރި ރާއްޖެ ނާދެވި ބަންދުވި ދިވެހިން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއެވެ. މި ގޮތުން، 2,421 މީހަކު ވަނީ އަނބުރާ ޤައުމަށް ގެނެސްދީފައެވެ.
މި ބަލިމަޑުކަމާއެކު އިޤްތިޞާދު ހީނަރުވެގެންދިޔައެވެ. މުވައްޒަފުންނަށް މުސާރަދިނުމަށް ކުންފުނިތަކަށް ދަތިވިއެވެ. ދިރިއުޅޭ ތަނަށް ކުލި ދެއްކުމަށް ދަތިވިއެވެ. ވިޔަފާރިވެރިންނާއި ޢާންމުންނަށް ބޮޑެތި ކަންބޮޑުވުންތަކަކާ ކުރިމަތިވިއެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ރައްޔިތުން އެ ޙާލަތުގައި ދޫކޮށް ނުލުމަށެވެ. އިޤްތިޞާދުގެ ދިރުން ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ސަލާމަތްކުރުމަށެވެ. ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވެދިނުމަށެވެ. މި ގޮތުން، ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުމަށް، އަދި ޢާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، މި ސަރުކާރުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް 17,147 މީހަކަށް 221 މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދީފައެވެ.
"މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ވާނީ ނިންމާފައި. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިޔަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ،" ކުރިއަށް އޮތް އަހަރު ވެސް، ވިޔަފާރިވެރިންނާއި ޢާންމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ އުންމީދު އައުކޮށްދެމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް، ކަރަންޓާއި ފެން ބިލުތަކުން 117 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް އުނިކޮށްދިނެވެ. އަދި، ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން 6 މަސްދުވަސް ފަސްކޮށްދިނެވެ.
މި ހުރިހާ ކަމެއް ސަރުކާރުން ކޮށްފައިވަނީ، ޚަރަދު ކުޑަކުރުމަށް ވެސް އިސްކަންދީގެންނެވެ. މިދިޔަ އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ޚަރަދަކީ 37.9 ބިލިޔަން ރުފިޔާއެވެ. ނަމަވެސް، ޚަރަދު ކުޑަކުރުމުގެ ނަތީޖާއަކީ، ކޮވިޑާ ގުޅިގެން ކުރި ޚަރަދުތަކާ އެކުވެސް މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ޚަރަދު 28.5 ބިލިޔަން ރުފިޔާއަށް ދަށްކުރުމެވެ.
"ޚަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދެމުން މިއައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް. ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުޞަތު ލިބުނު. ޢާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު،" ޚަރަދު ކުޑަކުރުމާއި ވިޔަފާރިތަކާއި ޢާންމުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް އެޅި މި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއެކު އިޤްތިޞާދަށް ކުރިމަތިވި ދަތިތަކާއެކު ވިޔަފާރިވެރިންނާއި ޢާންމުންނަށް ޑޮލަރު ހޯދުމުގައި ވެސް ދަތިވިއެވެ. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރު ކުރުވޭނެ ގޮތް ހެދުމަށް މި ސަރުކާރުން ސިޔާސަތުތަކަށް ބަދަލުގެންނަމުން ދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރެއްވިއެވެ.
އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށް ވެސް ކުރާނެހެން އެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ރަށު ފަތުރުވެރިކަމާއި، ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް ހެދުންފަދަ މުހިންމު ބަދަލުތައް ގެނައުމަކީ ވެސް މި ސަރުކާރުގެ މުހިންމު ވިސްނުމެކެވެ. ސަރުކާރުން މިހާރު ވެސް ދަނީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިފައިވާ އެހެން ދާއިރާތަކުން ދިވެހިން އިތުރަށް ތަމްރީނުކޮށް، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތަކަށް ބަލައިލާއިރު، ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް އެ ސިނާއަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މަސް ގަތުމުގެ ވިޔަފާރީގެ "އެކްސްކްލޫސިވިޓީ" ނިމުމަކަށް ގެނެސް އެ ވިޔަފާރިއަށް ވަނުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލާފައެވެ. މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ ބައެއް ތަކެތިން އިމްޕޯރޓް ޑިއުޓީކަނޑައިލާފައެވެ. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރުންފަދަ ބަދަލުތައް ގެނެސްފައެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްގަނެވޭ މިންވަރާއި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމާއި އިތުރު ސަރަޙައްދުތަކުގައި ކޯލްޑް ސްޓޯރޭޖު ފަދަ ވަޞީލަތްތައް ޤާއިމުކުރުން ވެސް ކުރިއަށް އޮތީ ރޭވިފައެވެ.
އިޤްތިޞާދު ސިންދަފާތުކުރުމުގައި ސަރުކާރުން ދެން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ ދަނޑުވެރިކަން ތަރައްޤީ ކުރުމަށެވެ. ކޮވިޑް-19ގެ ދަތިތަކުގެ ތެރެއިން ވެސް، ދަނޑުވެރިންނަށް، އެ މީހުންގެ އުފެއްދުންތައް ފަސޭހައިން ބާޒާރާ ހަމައަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ "އެގްރޯ ނެޝަނަލް ކޯޕަރޭޝަން" ގެ ނަމުގައި ކުންފުންޏެއް އުފައްދާ، ޚިދުމަތް ދޭން ފަށާފައެވެ. ކުރިއަށް އޮތީ، ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގގެ މަސައްކަތެވެ. މި އުޞޫލުގެ ދަށުން، ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު އެއްބަސްވުން ހެދުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކޮވިޑް-19 ގެ ހާލަތާއެކު އިޤްތިޞާދަށް ކުރިމަތިވި ހާލަތުން އަރައިގަތުމާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގައި ދިވެހި ޚާރިޖިއްޔާއިން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކޮށްލަންޖެހެއެވެ. މި ދާއިރާއިން ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމެވެ.
"ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޢާދަކޮށް ބަދަހިކޮށް އާލާކުރުމަށް. ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަޙްމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް،" ދިވެހި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.