ފިލިޕީންސްގެ ކުރީގެ ރައީސާ ކޮރަޒޯން އަކީނޯ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފިލިޕީންސްގެ ރައީސާ ގްލޯރިއާ މަކަޕަގަލް އަރޯޔޯއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރައީސާ ކޮރަޒޯން އަކީނޯ އަވަހާރަވި ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ފިލިޕީންސްގެ ރައްޔިތުންނަށް ޑިމޮކްރަސީގެ ފުރިހަމަ އުޞޫލުތައް ގެނެސްދެއްވުމަށާއި، ޑިމޮކްރަސީ ޙިމާޔަތް ކުރެއްވުމަށް ރައީސާ އަކީނޯ ކުރެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ފިލިޕީންސްގެ ރައީސާއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސާ އަކީނޯގެ ޢާއިލާގެ ބޭފުޅުންނަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.