ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި ސިފައިންގެ ޝަރަފުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު، ނައިބު ރައީސް ޑޮކްޓަރ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި، ރޭ ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަންނަވާ ސިފައިން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލް ދެއްވި ޚާއްޞަ ފަތްކޮޅާއި އަދި އެބޭފުޅުންނަށް ޚިދުމަތުގައި ލިބިވަޑައިގެންފައިވާ ކުލައާއި މެޑެލް، އެފަރާތްތަކާ ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. އަދި ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގެންނެވި ބޭފުޅުން، ސިފައިންގެ ޚިދުމަތުގައި އުޅުއްވިއިރު ޢާއިލާގެ ފަރާތުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް، އެޢާއިލާތަކަށް އެމް.އެން.ޑީ.އެފް.އިން ދެއްވި ޚާއްޞަ ލިޔުން ހަވާލުކޮށްދެއްވީ، ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިނެވެ.