ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، "ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކެމްޕޭންގެ ދަށުން މިއަދު އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ އެއް ބޭފުޅެއް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ޝިރާނީ ޢަބްދުއްރަޙްމާނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މި ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައެވެ. އަދި، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް މިއަދާ ހަމައަށް އާދެވުނީ، ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވައި، ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި އެކުގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކެމްޕޭންގެ ދަށުން ދެން ވެކްސިން ޖަހާފައި ވަނީ އައި.ޖީ.އެމް.އެޗް.ގެ ނަރުހަކާއި ހަކުރު ބަލި ހުންނަ ބޭފުޅެކެވެ. އެއަށްފަހު ވެކްސިން ޖެއްސެވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިންނާއި، ފްރޮންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާއާއި އެހެނިހެން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، ބަލީގެ ނުރައްކާތެރިކަން ބޮޑު އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތުން ޖުމްލަ 36 މީހަކަށް މިއަދު ވެކްސިން ޖަހާފައިވެއެވެ.

މާލެއާ އެކުގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެސް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މާލެ ސިޓީގައި ވެކްސިން ޖެހުން ކުރިއަށްގެންދާނީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ. ހޮސްޕިޓަލް، އަދި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ. މިއީ، ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދީފައިވާ ވެކްސިނެކެވެ.