بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، އެންމެހައި ސިފައިން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ހުރިހާ ސިފައިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދެންނެވުން. ވަކިން ޚާއްޞަ ގޮތެއްގައި، މޭޖަރގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ބަދަލުވި، ތިން އަންހެން ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.


އާދެ، މިއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަދި ދިވެހި އަންހެނުންގެ ޢަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމް.އެން.ޑީ.އެފް.ގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު. މިއިން އެނގެނީ، ދިވެހި ޢަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން.


ސަރުކާރުން އަބަދުވެސް މަސައްކަތް މިކުރަނީ، ޤައުމީ ޚިދުމަތުގެ ކޮންމެ ދާއިރާއަކީވެސް، ގިންތީގެ ތަފާތުކުރުމެއްނެތި، ޤައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެފައިވާ، އަދި ޒަމާނީ ފެންވަރަށް ތަރައްޤީވެފައިވާ ދާއިރާއަކަށް ހެދުމަށް. ދިވެހި ޢަސްކަރިއްޔާ ކުރިއަރުވައި ތަރައްޤީކުރުމުގައިވެސް، މި ދެންނެވި ސިޔާސަތަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާނެ.


މީގެ ކުރިން ދިވެހި ސިފައިންނާ ބައްދަލުކުރި އެކި މުނާސަބަތުތަކުގައިވެސް ދަންނަވާފައިވާނެ ފަދައިން، ދިވެހި ސިފައިންނަކީ ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރަން. ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ޢަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައްވެސް މި އަންނަނީ ޤާއިމުކުރަމުން. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް، ކުރިއަށްވުރެ މިހާރުވަނީ އިތުރުވެފައި.


ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ. ބޭސްފަރުވާގެ ކަންކަމާއި ރެކްރިއޭޝަންގެ ޚިދުމަތްތައްވެސް ފުޅާކުރެވިއްޖެ. އެހެން ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތް
މި އަންނަނީ ކުރަމުން.


މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް. އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި.


މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިސިފައިން، ދިވެހިރައްޔިތުންނަށްޓަކައި ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއް. ކޯވިޑް-19ގެ ވެކްސިން ދިނުމަށް، މިހާރު ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް އަންނަނީ ލިބެމުން.


އާދެ، މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1880 މީހަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވޭ.


މީގެ އިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް.


މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް. މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާޤަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް.


ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް. އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން.


މިދެންނެވި ތައްޔާރީ ޙާލަތުގައި ދިވެހި ޢަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ބޭރު ޤައުމުތަކާއެކު، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރެވިއްޖެ. އަދި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްޤީކުރުމަށް، އެކުވެރި ޤައުމުތަކުގެ ޢަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ ލިބެމުން.


އޭގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ ވާހަކަ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައި.


މީގެ އިތުރުންވެސް، ރާއްޖޭގެ ޢަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއަށް ލިބިފައި. އަޅުގަނޑު ދެކޭގޮތުގައި، މިފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީ. ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ޤައުމަކަށްވާތީ، އަދި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ޤައުމުތަކުންވެސް ޤަބޫލުކުރާތީ. އިރާދަކުރެއްވިއްޔާ މިކަންކަމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެ.


އަޅުގަނޑުގެ ދުޢާއަކީ، ޞުލްޙަ ޤާއިމުކޮށް އަމާންކަންމަތީ ދެމިތިބުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރުކުރެއްވުން. ދިވެހި ސިފައިންނަކީ، އިސްލާމީ ޢަޤީދާގައި ފުރިހަމައަށް ސާބިތުވެ ތިބެ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި، ޤުރުބާންވާން ތައްޔާރަށް ތިބޭ ބަޔަކު ކަމުގައި ލައްވައި، ދިވެހި ޢަސްކަރިއްޔާއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.