ވީ.ޓީ.ވީ އިން ދައްކާ މާކަނާ ޝޯގައި ހިމެނޭ ޚިޔާލީ ރާއްޖެއެއްގެ ރައީސްގެ ބައި ދައްކުވައިދޭ ޝަޚްޞިއްޔަތު ބަދަލުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަރުޙީބު ދެއްވާ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ޚިޔާލީ ރައީސަކާއި ޢާންމު ފަރާތްތަކާ ދެމެދު އެކިކަންކަމާމެދު ދެކެވޭ ޚިޔާލީ ވާހަކަތަކަކުން ސީދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ނިސްބަތްވާ ކަމަށް ދެކެފާނެތީ، ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ސިޔާސީ ކަންކަމާ ބެހިވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން ނަމަވެސް، ޚުދު އެކަމަނާވެސް ވީ.ޓީ.ވީ.ގެ މާކަނާ ޝޯގެ ޚިޔާލީ ހުށަހެޅުންތަކަށް އިޢްތިރާޟު ނުކުރައްވާ ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ.

މާކަނާ ޝޯގައި ދައްކާ ޚިޔާލީ ހުށަހެޅުންތަކަކީ، އަދި އެހެންވެސް އެފަދަ އުފެއްދެވުންތަކަކީ ޑިމޮކްރަސީގެ ރޫޙާ އެއްގޮތަށް ކުރިއަށް ގެންދެވުމުގައި ތަފާތު ހުނަރުވެރި މަސައްކަތްތަކެއް ކުރެވޭ ހުށަހެޅުންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށާއި، ޚިޔާލީ ހުށަހެޅުމެއް އެމަނިކުފާނަށް ނިސްބަތްވުމަކީ، އެމަނިކުފާނު އެކަމާ ދެކޮޅަށް ކުޑަވެސް ފިޔަވަޅެއް އަޅުއްވަން ބޭނުންފުޅުވާނެ ކަމެއް ނޫން ކަމުގައިވެސް ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ.