ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ ދާއިރާތަކާއި ރޮނގުތަކާއި، އިނާމު ދިނުމުގައި ބެލޭނެ މިންގަނޑުތައް ކަނޑައަޅުއްވައި، އިނާމަށް ނަން ހުށަހެޅުމަށް، މި އޯގަސްޓް މަހުގެ މެދެއްހާ ތާނގައި ޤައުމީ އިނާމު ކޮމިޓީއިން އިޢްލާނު ކުރައްވާނެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، މި ހުސްވި ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކޮމިޓީއިން މިހާރު ގެންދަވަނީ އިނާމަށް ހުށަހެޅޭނެ ދާއިރާތަކާއި އަދި އެދާއިރާތަކުން އިނާމު ދެއްވޭނެ ރޮނގުތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިރޮނގުތައް ކަނޑައެޅުއްވުމުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ލަފައާއި މަޝްވަރާވެސް ގެންދަވަނީ ހޯއްދަވަމުންނެވެ. މި އިނާމު ދެއްވުމުގައި ބައްލަވާނެ މިންގަނޑުތައް ކަނޑައެޅުއްވުމާ ބެހޭގޮތުންވެސް އެކޮމިޓީގައި މިހާރު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ޤައުމީ އިނާމުގެ ނަމުގައި މި އިނާމު ދެއްވަން ހަމަޖައްސަވާފައިވަނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެންނެވެ.