މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވުމަށް ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނަށާއި، ސްކައުޓް ޙަރަކާތަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ސްކައުޓް ޖަމްޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޕަބްލިކް ރިލޭޝަންސާއި މާކެޓިންގއާބެހޭ ވަރކްޝޮޕެއް އިފްތިތާޙުކޮށްދެއްވުމުގެ ޖަލްސާގައި އާރަށުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކަލަކީ، މަސްތުވާތަކެތީގެ ނުރައްކާ ކަމަށާއި، މި ނުރައްކާތެރި ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް ޢަމަލީގޮތުން އެހީތެރިވެދިނުމުގައި، ސްކައުޓް ޙަރަކާތަށްވުރެ ވަކި މުހިންމު ޙަރަކާތެއް ފެނިވަޑައިނުގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ޤައުމަކުންވެސް އަހަންމިއްޔަތުކަން ދޭންޖެހޭ އެކި ދާއިރާތަކަށް ސްކައުޓް ޙަރަކާތް އަމާޒު ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ، ރާއްޖޭގައި މިގޮތުން ސަމާލުކަން ދޭންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ތިން ދާއިރާއެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ސްކައުޓް ޙަރަކާތް، ތަފާތު ދާއިރާތަކަށް ފުޅާކޮށް، މި ޙަރަކާތް ޒުވާނުންނަށާއި، ސްކޫލްތަކުން ވަކިވާ ކުދިންނަށް އަމާޒު ކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދެވަނަ ދާއިރާއަކީ ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަހަންމިއްޔަތުކަންދީ، އެ މައްސަލަތަކަށް އިޖާބަ ދިނުން ކަމަށާއި، މީގެތެރޭގައި ވަޒީފާގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި ތިންވަނަ ދާއިރާއަކީ، ތިމާވެށީގެ ދާއިރާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، މިކުރިމަތިވާ މައްސަލަތައް، ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަމަށް ގެނައުމަކީ، މުސްތަޤްބަލަށް ބަލާއިރު، އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހިއްޖެ ދާއިރާއެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، ދުނިޔޭގެ ސްކައުޓް ޙަރަކާތަށް 100 އަހަރު ވެގެންދިޔައިރުވެސް، އެ ޙަރަކާތުގެ މައިގަނޑު އަސާސްތަކަށާއި، އެ ޙަރަކާތަށް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މިފެށުނު ބައްދަލުވުމަކީ، ވަރަށް މުހިންމު މަސައްކަތު ބައްދަލުވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ކޮންމެ ޤައުމެއްގައިވެސް ސްކައުޓް ޙަރަކާތް ހިނގަމުންދާގޮތް ދިރާސާކޮށް، އަދި އަހަންމިއްޔަތުކަން ދޭންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމުގެ ފުރްޞަތު ލިބިދޭނެ ބައްދަލުވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިހާރު ސްކައުޓް ހަރަކާތް ފެތުރިފައިވާ ކަމަށާއި، ވީހާވެސް ގިނަ ޒުވާނުންނަށް މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރްޞަތު ދެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންގެ ކުރިއެރުމުގައި، ސްކައުޓުން އަދާކުރާ ދައުރަކީ، ހަމަ ވަރަށް މުހިންމު ދައުރެއް ކަމަށްވުމާއެކު، ވީހާވެސް ގިނަ ރަށްރަށަށާއި ސްކޫލްތަކަށް އަދި ސްކޫލްތަކުން ބޭރަށްވެސް މި ޙަރަކާތް އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.