ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ޚިދްމަތަކީ ވަރަށް މުހިންމު ޚިދްމަތެއް ކަމަށާއި، މިއީ ޤައުމީ ފެންވަރުގައި ވަރަށްބޮޑު ސަމާލުކަމެއްދީގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަޑުއެހުމުގެ މައްސަލަތައް ހުންނަ ކުދިންނަށާއި މީހުންނަށް ޚާއްޞަ ކުރައްވައިގެން، މާލޭ އޮޕްޓިކަލް ކޮމްޕެނީން ފަށްޓަވާ ޚާއްޞަ ކްލިނިކް ”ލިސްން“ އިފްތިތާޙު ކޮށްދެއްވުމަށް، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އަޑު އިވުމުގެ ނަޞީބު ނުލިބި އަދި ވާހަކަ ނުދެއްކޭ ގިނަ ޢަދަދެއްގެ ކުދިން އެބަތިބި ކަމާއި، މިކުދިންނަށް ދޭންޖެހޭ ފުރިހަމަ ޚިދްމަތް އަދި އޮތީ ނުދެވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ، ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އަޑު ނީވޭ ކުދިންނަށާއި ނުފެންނަ ކުދިންނަށް ދޭންޖެހޭ ޚިދްމަތް ފުރިހަމަކޮށް، ހުރިހާ ކުދިންނަށް މި ޚިދްމަތް ލިބޭނެގޮތް ހެއްދެވުމަށްޓަކައި ކުރައްވާ މަސައްކަތުގައި، ސަރުކާރުން ދެއްވެން އޮތް ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މާލޭ އޮޕްޓިކަލް ކޮމްޕެނީން މި ކްލިނިކް ހުޅުއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މޫސާ މުޙަންމަދުގެ ޚިދްމަތް ފާހަގަކުރައްވައި، އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު އާ މަރްޙަލާއަކަށް އޭނާގެ މަސައްކަތް ގެންދެވިކަން އެއީ އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަންވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުއްޖަކު ދުނިޔެއަށް އުފަންވުމަށްފަހުގައި، މި ދުނިޔެއާ ބެހޭގޮތުން އެކުއްޖަކު ދަސްކުރާ އެއްޗެއް ބިނާވެފައި އޮންނަނީ، އެކުއްޖަކަށް އެނގޭ އެއްޗެއްގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަކުދިން ކިޔަވާ ގޮތާއި، ކަންކަން ދަސްކުރާގޮތާ ބެހޭގޮތުން ވަރަށް ބޮޑެތި ދިރާސާތައް ކުރެވެމުންދާ ކަމަށާއި، ކުދިންގެ ސިކުނޑި މަސައްކަތް ކުރާ ގޮތާ ބެހޭގޮތުން ކުރިން ނޭނގޭ ކިތަންމެ ކަމެއް މިހާރު އެނގެމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ކުއްޖާ ދުނިޔެއަށް އުފަންވުމާ ގުޅިގެން، އެކުއްޖާގެ ހުރިހާ ޙިއްސުތަކެއް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައި، އެކަން އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، މިކަމަށް މައިންބަފައިންނާއި ބެލެނިވެރިން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.