ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެ މަޤާމަށް މ. އަތައްސާގިރި މުޙައްމަދު މަބްރޫކް ޢަޒީޒު ޢައްޔަންކުރައްވައިފިއެވެ. އޭނާ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ.

މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް ޢަޒީޒެވެ.

މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަނޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.