ސަރުކާރުގެ ވަޢުދުތައް ފުއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ރައްޔިތުންގެ މަޖިލީހާއި ޢާންމު ރައްޔިތުންގެ އިތުރު އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރަށް ކަންކަން ރިވެތި ގޮތުގައި ބާރަށް ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ލިބިގެންނެވެ. ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ބާރަށް ހިންގުމަށް މި ފެށޭ ހަފްތާގެ ތެރޭގައި، ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަން ހާމަކުރައްވަމުން، ސަރުކާރުގެ ވަޢުދުތައް، އިރާދަކުރެއްވިއްޔާ ސަރުކާރުން ރައްޔިތުންނަށް ފުއްދަވައި ދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅުވާލުމުގެ މަޝްރޫޢަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވާ މަޝްރޫޢެއް ކަމަށް ވިދާޅުވެ، އަޅުގަނޑުމެންނަށް ފުރަތަމަ މިފަށައިގަނެވެނީ، ތ. އަތޮޅާއި ލ. އަތޮޅުގެ ދަތުރުފަތުރުގެ މަޝްރޫޢުކަން ހާމަކުރެއްވިއެވެ. އަދި މިހާރު ބިޑް ކޮށްފައި ހުރި ފަރާތްތަކުގެ ތެރެއިން، ކަމަށް މުޅިން އެކަށީގެންވާ ފަރާތާ އެކުގައި އިތުރަށް އެއްބަސްވާން ހުރި އެއްބަސްވުންތައް ހިމަނާފައި، ރަނގަޅު އެގްރީމެންޓެއް އެކުލަވާލެއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަމުގެ ތެރެއަށް ޢަމަލީގޮތުން ވަދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާދަމާ މިފެށެނީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ގާތުން ކިރު ދިނުމުގެ ހަފްތާ ކަމަށްވުމާއެކު، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ގާތުން ކިރު ދިނުމަކީ، ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ޞިއްޙީ ދާއިރާތަކުން ވަރަށް ބޮޑަށް އިލްތިމާސް ކުރަމުން އަންނަ ކަމެއްކަން ބަޔާންކުރައްވަމުން، ތުއްތު ކުއްޖާއަށާއި އަދި މައިމީހާއަށް އެކަމުގައި ހުރި ފައިދާ، ސައެންސުންނާއި އަދި ޢާންމު ތަޖުރިބާއިން ފާހަގަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުރިހަމަ ގޮތުގައި، ރަނގަޅު ގޮތުގައި ދަރިއަކު ބޮޑުކުރުމަށާއި، ތަރުބިއްޔަތު ކުރުމަށްވެސް އަދި ރަނގަޅު ޞިއްޙަތެއްގައި ބެހެއްޓުމަށްވެސް ގާތުން ކިރު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވުމާއެކު، ގާތުން ކިރު ދިނުމަށް މައިން ފަރިތަވުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވަން ބޭނުންފުޅުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްތަކުގައި ސަރުކާރުގެ އިޝްތިހާރު ޖެހުން ހުއްޓަވާލެއްވުމަށް ނިންމެވުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެޑިޓަރުން ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ފޮނުއްވާފައިވާތީ، އެމައްސަލައިގެ މައްޗަށް ބައްލަވާލައްވައި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އެމަނިކުފާނު ހާމަކޮށްދެއްވިއެވެ. ނޫހަކަށް ސަބްސިޑީއެއް ދޭން ބޭނުންވަންޏާ، ބަޖެޓުގައި ހިމަނާފައި، އެ ނޫހަކަށް ދިނީމާ، އެކަމަކާ ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ނޫސްތަކަށް ވިޔަފާރީގެ ދަތިކަމެއް ކުރިމަތިވެދާނެތީވެ ނުވަތަ ފައިސާގެ ދަތިކަމެއް ކުރިމަތިވެދާނެތީވެ، އެ ދަތިކަން ޙައްލުކޮށްދިނުމަށްޓަކައި އިޝްތިހާރެއް ޖަހަން ސަރުކާރުން ދިނުން އެއީއަކީއެއް ސީދާ މަޤްޞަދާއި އަދި އެކުރާ ކަންތަކާ ދިމާވާ ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްތަކަށްވާގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ނޫސްވެރިކަމަށްވެސް ސަބްސިޑީއެއް ދެއްވަން ޖެހިއްޖެ ތަނެއްގައި ނުދެއްވުމަށް، އެއްވެސް ޙާލެއްގައި ސަރުކާރުން ވިސްނާވަޑައިނުގަންނަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނޫސްވެރިކަން ތަރައްޤީ ކުރެއްވުމާއި، ނޫސްވެރިކަން ކުރިއެރުއްވުމަށް މަސައްކަތް ކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށާއި، އެއީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މި ސަރުކާރުން މި ރާއްޖޭގައި ފޮހެވިގެންނުދާނެ މިންވަރަށް އަށަގަންނުވަން ބޭނުންފުޅުވާ ކަމަކަށްވާތީ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.