بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޙަމްދާއި ޝުކުރުކުރަނީ ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ، މި އުއްމަތުގެ ކައުނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.


މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ ރައީސުން އަދި މެންބަރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކްޓިވް އޮފިސަރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަޕަރ ސައުތު ޕޮލިސް، އާދެ، ގއ. ވިލިނގިލީގައި، ނެއިބަރހޫޑް ޕޮލިސް އާދެ، މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، އަޅުގަނޑަށް މި ފުރުޞަތު ލިބިގެންދާތީ، އެކަމަށްޓަކައި އުފާކޮށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި އަދި ފުލުހުންގެ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ގަބޫލުކުރަނީ، 2018 ވަނަ އަހަރު، ޑިސެންބަރުމަހު އިފްތިތާޙު ކުރެވިގެން އަދި ފެށިގެންދިޔަ މި ޚިދުމަތް ފުޅާވަމުންގޮސް، މިއަދު މި އަތޮޅަށް އައުމަކީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށް. އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އެއް ސަމާލުކަން ދެއްވާ، އެންމެބޮޑު އަހަންމިއްޔަތުކަން ދެއްވާ އެއްދިމާއަކަށް ވެގެންމިދަނީ، ދިވެހިރާއްޖޭގައި އަމާން ވެށްޓެއް ޤާއިމުކުރުން.

އާދެ، މިއަދު އަޅުގަނޑުމެންނަށް ފުލުހުންގެ ޚިދުމަތުގެ ތެރެއިން ކޮންމެ ދިމާއަކަށް ބެލިނަމަވެސް، ވަރަށް ގާތުން ރައްޔިތުންނާއެކު، ފުލުހުން މަސައްކަތްކުރާތަން ފެނިގެންދާކަން އެއީ، އަޅުގަނޑު ވަރަށްބޮޑަށް އެކަމާ އުފާކުރާ ކަމެއް. އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މި ފެށިގެންދާ މި ޚިދުމަތުގެ ސަބަބުން، ކުރިއަށްވުރެވެސް ބޮޑަށް ޚާއްޞަކޮށް، ރަށުގެ ރައްޔިތުންނާއި އާންމުންނާ އެއްކޮށް ގާތުން މަސައްކަތް ކުރެވޭ، މައްސަލަތަކަށް ފަސޭހަ ފަރުވާ، އަވަސް ޙައްލު ހޯދައި، ކަންތައްތަކަށް މަގު ދައްކުވައިދޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ހަމަހިމޭންކަން، އަމާން ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް، އަޅުގަނޑުމެންނަށް އިތުރަށް އެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އާދެ، މިއަދު ފުލުހުންގެ މިފަދަ ޚިދުމަތެއް ފެށިގެންދާއިރު ޚާއްޞަކޮށް، ވޭތުވެދިޔަ ދުވަސްތަކުގައި 2020 ވަނަ އަހަރު ފެށުނީއްސުރެ، އަދި މިއަދާ ހަމައަށްވެސް ފުލުހުން ކުރަމުން ގެންދަވާ މަސައްކަތްތައް ޚާއްޞަގޮތެއްގައި، ކޯވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ސަލާމަތްތެރިކަމާއި، އަދި ރައްޔިތުންނަށް އެކިގޮތްގޮތުން ބޭނުންވާ ޒަރޫރީ އަދި އެނޫން ކަންތައްތައް، ފުރިހަމަކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ވަކިން ޚާއްޞަކޮށް، މާލޭގައި ލޮކްޑައުންގެ ޙާލަތު މެދުވެރިވިހިނދު، އެ މަސައްކަތުގައި ފުލުހުންގެ ފަރާތުން އެ ފެނިގެންދިޔަ ހިތްވަރު، އާދެ، ރެޔާއިދުވާލު އެ ކުރެއްވި މަސައްކަތްތައް އަދި މިއަދުވެސް އެ ކުރިއަށްގެންދާ ކަންތައްތައް ފާހަގަކޮށް، ހޯމް މިނިސްޓަރަށާއި، ޕޮލިސް ކޮމިޝަނަރަށް، އަދި ފުލުހުންގެ އިސްވެރިންނާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތަފާތުތަކެއް އެބަ ފެނޭ. ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ، އަޅައިލުމާއި، މަގުދައްކައިދިނުމާއި، އެ އޯގާތެރިކަން. މާލޭގެ މަގުމައްޗަށް ބަލައިލިނަމަވެސް، ރާއްޖޭގެ އެހެނިހެން ރަށްރަށުގައި މަގުމަތީގެ އާދެ، ސަލާމަތާއި ރައްކާތެރިކަމަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ރައްޔިތުންނަށް އެހީތެރިވާ މަންޒަރު، ޚާއްޞަކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އެ ކުރައްވާ މަސައްކަތްޕުޅު އަޅުގަނޑުމެންނަށް ވަރަށް ކައިރިން އެބަ ފެނޭ.

އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ފުލުހުންގެ ޚިދުމަތުގައި، މަސައްކަތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތިޔަބޭފުޅުން އިޚްލާޞްތެރިކަމާއި ހިތްހެޔޮކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވާށޭ.

ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމުގައި ހުރި ތަފާތު އެކި މައްސަލަތަކަކީ އެއީ އެންމެ އިދާރާއަކުން، އެންމެ މުއައްސަސާއަކުން ކޮށްގެން އަދި އަޅުގަނޑުމެންނަށް އެ ބޭނުންވާ ނަތީޖާ ހާސިލުކުރެވޭ ވަރަށްވުރެ މާބޮޑަށޭ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި ހުރީ. އަޅުގަނޑުމެން މައްސަލަ ޙައްލުކުރަން ނުކުންނައިރު، އެންމެން އެކުގައި މަސައްކަތްކުރާއިރު، އަޅުގަނޑުމެން ތިބި ހިސާބު އަޅުގަނޑުމެން ދަންނަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންނަށް ލިބޭނެ އެންމެބޮޑު އުފަލަކަށް ވާންޖެހޭނީ، އެންމެބޮޑު ހިތްހަމަޖެހުމަކަށް ވާންޖެހޭނީ، ރީތިގޮތުގައި މުޢާމަލާތް ކުރެވިގެންދިޔުން. ކޮންމެ އިދާރާއެއްގެ ބޭފުޅަކަށްވިޔަސް، އެކަކު އަނެކަކާ ވާހަކަދެއްކުމުގައި، މުޢާމަލާތް ކުރުމުގައި ރީތި ސިފަތައް އަޚްލާޤީގޮތުން އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. އަޅުގަނޑުމެން މުސްލިމުންނަށްވީހިނދު، އަޅުގަނޑުމެންގެ ދީނުގައިވެސް އަޅުގަނޑުމެންނަށް އަންގަވާފައި އޮންނަނީ، އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި، އެކަކު އަނެކަކަށް އޯގާތެރިވުމާއި އެހީތެރިވުން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، މީހަކަށް އަޅުގަނޑުމެން ކިތަންމެ ރަނގަޅުވިޔަސް، ކިތަންމެ ރަނގަޅު ކަމެއް ކޮށްދިނަސް، ކިތަންމެ ހެޔޮކޮށްހިތިޔަސް، ކިތަންމެވަރަކަށް އޯގާތެރިވިޔަސް، އަޅުގަނޑުމެންނަށް އެއިން ހަމަ ލިބެން އޮތީ ހުސް ފައިދާއޭ. އޭގެ ބަދަލުގައި، މީހަކާ ދޭތެރޭގައި ގޯސްގޮތަކަށް ކަންތައްތައް ކުރުމުން، ހިތްހަމަނުޖެހޭ ކަމެއް ކުރުމުން، ރުޅިވެރިކަމުގެ ގޮތުން ކަމެއް ކުރުމުން ލިބޭނީ ކޮން ފައިދާއެއްތޯ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއްތޯ؟ މިއީ އަޅުގަނޑުމެންކަހަލަ މިފަދަ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުން މިއަދު ހަމަ ކޮށްލަން ރަނގަޅު ސުވާލެއް.

އާދެ، ދިވެހިންނަކީ، ޒަމާނުއްސުރެ ފެށިގެން ވަރަށް އެކުގައި ދިރިއުޅޭ ބައެއް. ކުދި ރަށްތަކެއްގައި، ކުދިކުދި ކޮމިއުނިޓީއެއްގައި އަޅުގަނޑުމެން ދިރިއުޅެމުން އަންނައިރު، އަޅުގަނޑުމެންނަށް އެކަކުއަނެކަކު ވަރަށް ރަނގަޅަށް އެނގޭ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންގެ ހުރި މިކަހަލަ ކަންތައްތަކުގެ މައްޗަށް، ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ލިބިފައިވާ މިކަހަލަ އެޑްވާންޓޭޖްތައް އަޅުގަނޑުމެން ބޭނުންކޮށް، ޤައުމައިގެން ކުރިއަށް ދިއުމަށްޓަކައި، އަމާން ވެށްޓެއް ޤާއިމުކުރުމަށްޓަކައި އެ މަސައްކަތް ކުރަން އެބަޖެހޭ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަމާންކަމާއި، ރައްކާތެރިކަމާ، މިކަންތައްތައް ޤާއިމުކުރުމަށްޓަކައި މި މަސައްކަތް ކުރަންވީކީ ވަކިބައެއްނޫނޭ. އެއީ ދިވެހިންގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ ޅަދަރީންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށް، އަޅުގަނޑުމެންގެ މައިންބަފައިން މުސްކުޅިވެދާ ދުވަހު، އެ މީހުންނަށް އޯގާތެރިކަމާއި، ކުލުނާއި ލޯބި ހޯދައިދިނުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ޢާއިލާ ހެޔޮގޮތުގައި ބަލައިބޮޑުކޮށް، އެ މަސައްކަތް ކުރުމުގެ ކަންތައްތައް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަކީ، އަމާން ޤައުމެއްގެ ގޮތުގައި، އަމާން ފަސްގަނޑެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރުކުރެއްވުން. އަދި ދިވެހި ފުލުހުން ކުރައްވާ މަސައްކަތުގައި ބަރަކާތްލައްވައި، ފުލުހުންނަކީ ރައްޔިތުންނާއެކު ގާތުން މަސައްކަތް ކުރެވޭނެފަދަ ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.