بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ، ދައުލަތުގެ ވަޒީރުން، ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، އެން.ޑީ.އޭ.ގެ އިސްވެރިން، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ ރައީސުން އަދި މެންބަރުން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، އަދި ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނާއި، ހުވަދުއަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެފުރަތަމަވެސް އަޅުގަނޑު ޝުކުރު އަދާކޮށްލާނީ، އިއްޔެ އަޅުގަނޑުމެން މި ރަށަށް އައުމުން، ވިލިނގިލީގެ ރައްޔިތުން ވަރަށް އުފާވެރިކަމާއެކު، އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. އެނގިވަޑައިގަންނަވާނެ، ކޯވިޑްގެ މި ޙާލަތުގައި އަޅުގަނޑުމެންގެ ކޮންމެ ފިޔަވަޅެއްވެސް ބަހައްޓަން މިޖެހެނީ ވަކިގޮތަކަށް. އެހެންވީމާ، އަޅުގަނޑުމެންނަށް އިއްޔެވެސް އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހުނީ.

ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން، ވިލިނގިލި ވެގެންދިޔައީ އާދެ، 26 ޑިސެންބަރު އަޅުގަނޑުމެން މި ފާހަގަކުރަނީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި. އާދެ، 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26ވީ ދުވަހު، މުޅި ޤައުމަށް ކުރިމަތިވި ހިތާމަވެރި ކާރިސާގައި، ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއްގެ ގޮތުގައި، ލިބުނު ރައްޔިތެއްގެ ގޮތުގައި ވިލިނގިލި ވެގެންދިޔައީ. އާދެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިހާހިސާބަށް އައުމަށްޓަކައި ފެނިގެންދިޔައީ، ރައްޔިތުންގެ އެކުވެރިކަމާއެކުގައި ކުރެވުނު މަސައްކަތްތައް.

އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެންގެ ތެރޭގައި، ޚާއްޞަކޮށް، އިޖުތިމާޢީގޮތުން ތަފާތު ގިނަގުނަ މައްސަލަތައް އެބަހުރި. ޤައުމާއި އަދި ރާއްޖޭގެ އެކި ރަށްރަށުގައި މި މައްސަލަތައް ވަރަށްބޮޑަށް އެބަހުރި. އާދެ، އިޖުތިމާޢީ މައްސަލަތަކަކީ ގިނަފަހަރަށް ޢާންމުގޮތެއްގައި އެހާބޮޑަށް ނުފެންނަ ކަންތައްތައް. އަޅުގަނޑުމެންނަށް ބޮޑަށް ބޭނުންވެފައި މި އޮންނަނީ ޢިމާރާތްކުރުމާއި، މަގުތާރުއެޅުމާއި، މިބާވަތުގެ ފެންނަން ހުންނަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްކުރުން. އެހެންނަމަވެސް، ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކު ޚާއްޞަކޮށް، އިޖުތިމާޢީ މިކަހަލަ ކަންތައްތަކަކީ އެއީ، އަތުންހިފައި، ލޮލަށް އެގޮތަށް ފެންނަ އެއްޗިއްސަށްނުވާތީވެ، ބައެއްފަހަރަށް މިކަހަލަ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި. އެހެންނަމަވެސް، މި ސަރުކާރުން މުޅިން ތަފާތު. ރައީސުލްޖުމްހޫރިއްޔާ، ސޯޝަލް ކައުންސިލް އެކުލަވައިލައްވައި، އަޅުގަނޑާއި ޑޮކްޓަރ މުޞްޠަފާ ލުޠުފީއާ ދެ މީހުންނާއި، މި މަސައްކަތުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެއްކޮށް ޙަވާލުކުރައްވައި، ވަރަށްބޮޑު މަސްއޫލިއްޔަތުތަކެއް، ވަރަށްބޮޑު ޒިންމާތަކެއް އަޅުގަނޑުމެންނާ ޙަވާލުކުރެއްވި. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަރަށް ސާފުކޮށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވިދާޅުވާ ކަމެއް، ޤައުމުގައި، އާދެ، މުޅި ޤައުމަށް، މުޅި ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު، އެކަމަކުން އެންމެބޮޑު ގެއްލުމެއް ތާއަބަދަށް ލިބިގެންދާ ކަމެއްގެ ގޮތުގައި މި އޮންނަނީ މަސްތުވާތަކެތީގެ ވަބާއޭ. ނުވަތަ މަސްތުވާތަކެތީގެ މި މައްސަލައޭ. އަދި މި މައްސަލައަކީ، ގިނަ ދުވަސްތަކެއް ވަންދެން އެ ކުރެވުނު މަސައްކަތަކުންވެސް އެކަށީގެންވާފަދަ ނަތީޖާއެއް ލިބިފައިނުވާ މައްސަލައެކޭ. އެހެންވީމާ، މުޅި ސޯޝަލް ކައުންސިލާއި، ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މިނިސްޓްރީތަކުގެ އަމާޒު ބަހައްޓާށޭ، މި މައްސަލަ ޙައްލުކުރުމަށްޓަކައި. މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި. މިކަމަށް މަސައްކަތްކުރާށޭ.


އާދެ، އިއްޔެ އަޅުގަނޑު މި އަތޮޅަށް، މި ރަށަށް އައުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އަޅުގަނޑު ދިޔައިން. އަޅުގަނޑު ކައިރި ވިދާޅުވި، ތިޔަ ފަށްޓާ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެކޭ. އެކަމަކު، އެ މަސައްކަތް ނުހުއްޓި، ނަތީޖާނެރެނިވި ގޮތަކަށް، ހާސިލުކުރެވޭނެފަދަ ގޮތަކަށް ތިޔަ ކަންތައް ކުރިއަށް ގެންދެވެންޖެހޭނެއޭ. އެ މެސެޖް، ރަށުގެ ރައްޔިތުންނަށް، މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް، އަޅުގަނޑު އެ މެސެޖް ދޭށޭ.

އެހެންވީމާ، އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަތޮޅު ކައުންސިލްގެ ރައީސް، އަޙްމަދު ފުއާދުގެ ވާހަކަފުޅުގައި ވިދާޅުވި، ޢިމާރާތުގެ ބާ ވާހަކަ. އަޅުގަނޑުމެން މިއަދު ގަބޫލުކުރަންވީ، އަޅުގަނޑުމެން ކަމެއްކުރާއިރު، މޮޅު ޢިމާރާތެއް ހުރެގެންނެއް، ރީތި ޢިމާރާތެއް ހުރެގެނެއް އަދި ނުފުދޭ. އަޅުގަނޑުމެންނަށް މުހިންމުވަނީ އިޚްލާޞްތެރިކަމާއެކު، ހެޔޮނިޔަތުގައި ކުރާ މަސައްކަތް.

އަޅުގަނޑަށް ފެންނަނީ، މި ޢިމާރާތުގައި މިދެންނެވި ގޮތަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ނަތީޖާ ހާސިލުކުރެވޭތަން. އަޅުގަނޑުމެން މިއުޅެނީ ނަތީޖާ ހޯދަން. ނަތީޖާ ހާސިލުކުރެވޭނީ، ޢަމަލު ރަނގަޅު ކުރެވިގެން. އުރުދޫ ޅެން ބައިތެއްގައި އޮވޭ، "ނަތީޖާ ކިޔުންކަރު އައްޗާ ހޯ ނަހޯ ޖަބްތަކް ޢަމަލު އައްޗާ." އެހެންވީމާ، އަޅުގަނޑުމެންގެ ޢަމަލުތަކާއ، އަޅުގަނޑުމެން ކުރާ ކަންތައްތައް ރަނގަޅު ނުވާހައި ހިނދަކު، ނަތީޖާ ރަނގަޅެއް ނުވާނެ.

އާދެ، މިއަދު މި ފެށިގެންދާ، އާދެ، "ދެގުން". އަޅުގަނޑަށް ވަރަށްބޮޑަށް ފާހަގަވެގެންދިޔަ، އަޅުގަނޑުމެން މިއަދުވެސް މިއުޅެނީ ރަނގަޅު ކަންތައްތައް ކުރުން އަށަގެންނެވުމަށްޓަކައި. އަޅުގަނޑުމެންގެ މާޒީގެތެރެއިން އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންނަށް ދައްކުވައިދިން ރިވެތި ކަންތައްތައް އަށަގެންނެވުމަށްޓަކައި، ކުދިން "ދަގުނަ" އަށް އަރުވަން މިއުޅެނީ. ދެން އަޅުގަނޑު، އަޅުގަނޑުގެ ބަހެއްވެސް މި ލީ. ދެން ފަހަރެއްގައި ނުގުޅިދާނެ. މިއީ، މީގެތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ ހުވަދޫބަސް، އަޅުގަނޑަށް ހަމަގައިމުވެސް ހަމަ އެންމެ ރީތި އެއްބަސް ހުވަދޫބަސް މިއީ. އެހެރަ މުއްސަނދިކަމާއި، ރީތި ޗާލުކަން.

އެހެންވީމާ، އަޅުގަނޑުމެންގެ އުޅުމުގެތެރޭގައި ހުރި އަޅުގަނޑުމެން ކަންކުރަމުން އައި ރީތި ގޮތްތައްވެސް އަޅުގަނޑުމެން އެބަޖެހޭ އިޢާދަކޮށް، މިކަހަލަ ޕްރޮގްރާމެއްގެ ތެރެއިންވެސް، އެކަންތައްވެސް ދަސްކޮށްދޭން. އަޅުގަނޑުމެންނަށް ލިބިފައި ހުރި އެއްވެސް ރަނގަޅު އެއްޗެއް، ތަރައްޤީއަކީ އެއީ އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗެއްގައި ހިފައިގެން އަޅުގަނޑުމެންނަށް ދަސްވެފައި ހުރި ރީތި އާދަތަކާއި، ރީތި އާދަކާދަތައް ދޫކޮށްލުމެއްނޫން. މިއަދުގެ ދަރިންނަށް އަޅުގަނޑުމެން ދަސްކޮށްދޭންވީ، މާޒީގައި އެ ދުވަހުވެސް، އަޅުގަނޑުމެން ކުރި ރަނގަޅު ކަންތައްތަކާއި، ރިވެތި ބަހުރުވަ. ރިވެތިގޮތުގައި މުޢާމަލާތް ކުރުން އެއީ އަޅުގަނޑުމެން ކުރަންވީ ކަމަކީ.

އާދެ، މި ޕްރޮގްރާމް، ﷲ އިރާދަފުޅުން އަޅުގަނޑުމެންނަށް ފެށިގެން، ރަނގަޅު ކާމިޔާބު ޕްރޮގްރާމަކަށް ހެދިއްޖެ ކަމަށްވަންޏާ، މިއީ މުޅި ރާއްޖެއަށް އޭގެ ފައިދާތަކެއް ކުރަމުންދާނެ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޒުވާނުންގެ ވަރަށްބޮޑު ބަޔަކަށް މި މައްސަލައިގައި، އަޅުގަނޑު ގަބޫލުކުރަނީ، ސިސްޓަމެއް އޮވެގެން، އެ ސިސްޓަމެއްގެ ތެރެއިން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ ބަދަލުކުރަން. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ވޭތުވެދިޔަ ދުވަސްތަކުގައި، އެތައްސަތޭކަ ޒުވާނުންނަށް މި މައްސަލަ ދިމާވެ، ޤައުމުގެ ތަރައްޤީގައި އެ ޒުވާނުންނަށް ފުރުޞަތު ލިބިފައިނެތީ ކީއްވެގެންތޯ؟ ރަނގަޅު ނުކުރެވުނީ ކީއްވެގެންތޯ؟ އެއީ މިއަދު އެން.ޑީ.އޭ. ބޭފުޅުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރަންޖެހޭ ކަމެއް. ބަދަލަކީ ހެޔޮކަމެއް، ހެޔޮބަދަލެއް ކަމަށްވަންޏާ ކުރަންޖެހޭ ކަމެއް. ބަދަލުގެންނަނީ ރައްޔިތުން. ރައްޔިތުން ބަދަލުގެނޭ. ވަރަށް ގިނަގިނައިންވެސް ބަދަލުގެނޭ. ކަންތައްތަކުގައި ބަދަލުގެންނަން، އެ ވާހަކަދައްކާ.

އެހެންވީމާ، މިއަދު އަޅުގަނޑު ގަބޫލުކުރަނީ، އެތައް އަހަރުތަކެއްވީއިރު، އެކަށީގެންވާ ޙައްލެއް ލިބިފައި ނެތް މި މައްސަލައަށް ބަދަލުގެނެސްގެންވެސް، ގެންނަންޖެހޭ ކޮންމެ ކަމެއް ކޮށްގެންވެސް، މިކަން ކާމިޔާބު ކުރުމަށްޓަކައި މަސައްކަތްކުރަންވާނެ. މިއީ، އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު އެޅިފައިވާ މަސްއޫލިއްޔަތެއްގެ ގޮތުގައި، އަޅުގަނޑުމެން އެންމެން، ޚާއްޞަކޮށް، އެން.ޑީ.އޭ. ހިންގަވަން ތިބި ފަރާތްތަކާއި، ޖެންޑަރ މިނިސްޓަރ، އަދި މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެކަން ގަބޫލުކުރެވިގެން ނޫނީ، އަޅުގަނޑުމެންނަށް ރަނގަޅު ފިޔަވަޅެއް ނޭޅޭނެ.

އާދެ، އަޅުގަނޑުމެން މި މަސައްކަތް، މި ޕްރޮގްރާމް މިއަދު ފެށިގެންދާއިރު، އިރާދަކުރެއްވިއްޔާ، މި ޕްރޮގްރާމް ގެންދެވޭނީ، އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އަޅުގަނޑުމެންގެ ކޮންމެ ބައްދަލުވުމެއްގައިވެސް، ޚާއްޞަކޮށް، ސޯޝަލް ކައުންސިލާ ގުޅިފައި ހުންނަ މަސައްކަތުގެ ތެރެއިން، ވަރަށް ގިނައިން އަޑުއިވޭ ބަހެއް އެއީ ވަށައިޖެހޭ ވާހަކަ. އެ ވާހަކަ އެންމެ ގިނައިން ދައްކަވާނީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ. ހަމައެކަނި ފަރުވާއަކުން އަޅުގަނޑުމެންނަކަށް ނުނިމޭ. ފަރުވާދިނުމަށްފަހު، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތެރި ބައެއް، ޒަމާނުއްސުރެ ފެށިގެން ދިވެހިންނަކީ މަސައްކަތްތެރި ބައެއް. ހުވަދޫ ރައްޔިތުންނަކީ، ވަރަށް މަސައްކަތްތެރި ބައެއް. މަސައްކަތްކުރި ބައެއް. ކުރަމުންދާ ބައެއް. އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދާ ބައެއް. ދިވެހިންނަކީ އެފަދަ ބައެއް. މިއަދު އަޅުގަނޑުމެން ހަމައެކަނި ފަރުވާދީފައި މިކަން ނިންމާލެވޭކަށް ނެތް. އަޅުގަނޑުމެންގެ ޤައުމުގައި ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުމެންގެ އުންމީދުތައް ހާސިލުކުރުމަށްޓަކައި ބައިވަރު ކަންތައްތައް އެބަހުރި. މިކަން ކުރަންޖެހެނީ އަޅުގަނޑުމެން. ކުރާ ކޮންމެ ކަމަކީ ބޭރުން، އެހެން ކަރަކަރަތަކުން މީހުން ގެނެސްގެން ކުރަންޖެހޭ ކަމެއްނޫން. އަޅުގަނޑުމެންނަށް ނުކުރެވޭ ކަންތައް، އަޅުގަނޑުމެންގެ މީހުންނަށްވުރެ، އިތުރަށް މީހުން ބޭނުންވެއްޖެ ކަމަށްވަންޏާ، އެ ޙާލަތުގައި އަޅުގަނޑުމެން އެގޮތަށް އެކަންތައް ކުރަންޖެހެނީ.

އާދެ، މި ފަރުވާގެ ނުވަތަ މި ޕްރޮގްރާމާއެކު، މަސައްކަތް ދަސްކޮށްދިނުމަކީ އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ، މީގައި ހިމެނިގެންދާނޭ ކަމެއް. ހަމައެއާއެކު، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒުވާން 'އޮންޓަރޕްރޮނަރޝިޕް' އާދެ، އެ އުފެއްދުމަށްޓަކައި އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ އުންމީދުތަކެއް ކުރަން އެބަޖެހޭ. ދަރީންނާމެދު، އަޅުގަނޑުމެންގެ ޒުވާނުންނާމެދު، އަޅުގަނޑުމެންގެ އެކުވެރިންނާމެދު، އަޅުގަނޑުމެންގެ އަތްތައް އަޅުގަނޑުމެން ހުޅުވައިލަން އެބަޖެހޭ. އަޅުގަނޑުމެން ޕޮޒިޓިވް ތިންކިންގއެއްގައި، ޕޮޒިޓިވް އެޓިޓިއުޑެއް އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. މިއަދު އަޅުގަނޑުމެން މި ބިންގާ އެޅުމަށްފަހު، އެ އުންމީދުތައް ހާސިލުކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެއް ކޮށްދޭން އެބަޖެހޭ. އަބަދުވެސް އަޅުގަނޑުމެން ނުރަނގަޅު ވާހަކަތައް، ނުވާނެކަމުގެ ވާހަކަތައް ދައްކާހައި ހިނދަކު، ކަމެއް ރަނގަޅެއް ނުވާނެ. އަޅުގަނޑުމެން ބަލަންވީ، ކަންވާނެ ގޮތްތައް ހޯދަން. ކޮން ގޮތަކަށްތޯ ކަންވާން އޮތީ. އެނގޭކަމަކީ މިއީ ނުކޮށް ދޫކޮށްލެވޭވަރުގެ ކަމެއް ނޫންކަން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް، ވިލިނގިލީގެ ލޮބުވެތި އެންމެހައި މައިންބަފައިން އާދެ، ރައްޔިތުންނަށް، އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި އަދި މަދަނީ ޖަމުޢިއްޔާތަކާ، އެންމެން އެކުގައި އެއް ރޫޙެއްގައި އަޅުގަނޑުމެން މި ދެންނެވިގޮތަށް، އެ ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑުމެން ފުރުޞަތުތައް ހޯދައިދޭން އެބަޖެހޭ. ގޯސްކަމެއް ކުރެވުމުން، އަޅުގަނޑުމެންގެ މުސްލިމުންގެ މައްޗަށް މި އޮންނަނީ، ރަނގަޅު ކަމެއް ކުރުން. ގޯސްކަމެއް ކުރެވިއްޖެ ކަމަށްވަންޏާ، ދެން އޮތީ އަޅުގަނޑުމެން އަވަހަށް ރަނގަޅު ކަންތައްތައް ކުރުން. މީހާއަށް ވިސްނޭ ހިސާބުން އެމީހާ ރަނގަޅު ކަންތައްތައް ކުރުން. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން މި ފުރުޞަތުތައް ހޯދައިދީ، އެ އުންމީދު، އަޅުގަނޑުމެން ހިތްވަރުދޭން އެބަޖެހޭ. އަޅުގަނޑުމެންނަކީ، ހިތްވަރުދޭ ބަޔަކަށްވާން އެބަޖެހޭ. ބަލައިގަންނަ ބަޔަކަށްވާން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ހަމަ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، މިފަދަ ޕްރޮގްރާމެއްގެ ކާމިޔާބަކަށްވާނީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންނަށް އެ ފުރުޞަތުތައް ހޯދައިދެވިގެން. އަޅުގަނޑުމެންނަށް މިކަންތައްތައް ބެލިގެން. ކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކުން، އެއް މިސްރާބަކަށް ވާސިލުވުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްގެން. އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުމެންނަށް މިއަދު މި އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ދާއިރާގެ ވިލިނގިލި، ހުވަދޫ، ގއ. އަށް ނިސްބަތްވާ ޢިއްޒަތްތެރި މެންބަރުންނާ އެއްކޮށްވެސް އަޅުގަނޑުމެންނަށް ބައްދަލުވުންތަކެއް ބޭއްވިގެން ގޮސްފި. ހަމަ އޭގައިވެސް މުޅިން ދެކެވިގެން ދިޔައީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި، ރައްޔިތުންގެ މުސްތަޤްބަލް އުޖާލާކުރުމަށްޓަކައި ގިނަގުނަ ކަންތައްތަކެއްގެ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެންގެ ކުރިއަށް ހުރި މަސައްކަތްތައް ވަރަށް ގިނަ.

އަޅުގަނޑު ވަރަށް އުފާކުރަން، ޚާއްޞަކޮށް އަޅުގަނޑުމެންނަށް މި އަތޮޅުތަކުގެ ތެރޭގައި ވަރަށް ގާތް ގުޅުމެއް ފެނިގެން އެބަދޭ. އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް، ދަތުރުފަތުރުގެ ނިޒާމާ ގުޅިގެން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކާއި އަދި ދެކުނުގެ އަތޮޅުތަކުގައި ވަރަށް ޚާއްޞަކޮށް، އެކުވެރިކަމުގެ ގުޅުންތަކެއް އަޅުގަނޑުމެންނަށް ފެނި، އެކްސްޗޭންޖް ޕްރޮގްރާމްތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކަންތައްތަކެއް ފެނިގެން އެބަދޭ. އަޅުގަނޑު މީގައި ދަންނަވާލަން އޮތީ، ކުރިއަށް އޮތްތާނގައިވެސް، އެ ރޫޙުގައި އެގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެއޭ.

އާދެ، މިއަދު އަޅުގަނޑުމެންނާ އެއްކޮށް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު، އަޅުގަނޑުގެ ކުށްހީއަކަށް ނުވާނަމަ، ކޮމިޝަނަރ އޮފް ޕޮލިހަކީ ވިލިނގިލި، އާދެ، މި ރަށުގެވެސް ބޭފުޅެއް. އެހެންވީމާ، އެކަން ހަމަ އަޅުގަނޑު ފާހަގަކޮށް، އަދި މިއަދު، ޚާއްޞަކޮށް ފުލުހުންގެ ޕްރޮގްރާމްތަކެއް މި ރަށުގައި ފެށިގެންދާތީ، އެކަމަށްޓަކައި އަޅުގަނޑު ކޮމިޝަނަރ އޮފް ޕޮލިހަށް، މި ފުރުޞަތުގައިވެސް އަޅުގަނޑު ހަމަ ޝުކުރު އަދާކޮށްލަން. އެއީވެސް މިކަމާ ވަރަށްބޮޑަށް ގުޅިފައި އޮތް ކަމެއްގެ ގޮތުގައި، މިކަމުގެ ކާމިޔާބާ ވަރަށްބޮޑަށް ގުޅިފައި އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ، ނިންމާލަމުން އަދިވެސް އެއްފަހަރު، ވިލިނގިލީގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި އަދި ޚާއްޞަކޮށް، ވިލިނގިލީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ސްކޫލް، ޕޮލިސް، އަދި އަންހެނުންގެ ކޮމިޓީ، އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ. އެނގިވަޑައިގަންނަވާނެ، މިފަދަ ކޮންމެ ކަމެއްގައި، އެންމެ އަވަހަށް ނަތީޖާ ނެރެވެނީ، ކަންތައްތައް އެންމެބޮޑަށް މި ކުރެވެނީ، އަންހެން ބޭފުޅުންގެ ހިތްވަރާއި މިންނަތުން. އެހެންވީމާ، އެކަންވެސް އަޅުގަނޑު ހަމަ ފާހަގަކޮށް، އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކޮށްލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެއްކޮށް، އެކުގައި މިކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. އަދި އަޅުގަނޑުމެންގެ ޒުވާނުންނަކީ، ޤައުމަށް ފައިދާކުރަނިވި، ޤައުމުގެ މުސްތަޤްބަލް އުޖާލާކުރުވަނިވި، ބޭނުންތެރި، އުފެއްދުންތެރި ބައެއްގެ ގޮތުގައި ލެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.