ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް މި ގެނެވުނު އިޞްލާޙުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް މި ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ލިބިގެންވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި ޤާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ޙިއްޞާ އެ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް މި ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ޙިއްޞާގެ ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ ޢަދަދަކަށް، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ޙިއްޞާދާރަށް ނުވަތަ ޙިއްޞާދާރުންނަށް ވިއްކާލުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އެދި، އެގޮތަށް ޙިއްޞާ ވިއްކާއިރު، އެ ޙިއްޞާ ވިއްކާލުމުގެ މުޢާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޢާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި މި ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިޞްލާޙުތަކެއް މި ޤާނޫނަށް ގެނެސްފައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.