ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރަށް އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިރޭ އެރުވި އިބްރާހީމް އިސްމާޢީލް ޢަލީއަކީ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ، ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮޅުމަޑުލު ތިމަރަފުށްޓަށް އުފަން އިބްރާހީމް އިސްމާޢީލް ޢަލީ ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއެވެ. އަދި އެއަށްފަހު ޓީޗިންގްގެ ދާއިރާއާއި، އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން އެ މަނިކުފާނު ވަނީ އޮސްޓްރޭލިޔާއާއި، އެމެރިކާ އަދި އިންޑިޔާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައެވެ.

އެކި ކުޅިވަރުތައް ކުޅުއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމުގައިވާ އިބްރާހީމް އިސްމާޢީލް އެންމެ ބޮޑަށް މަޝްހޫރުކަން ހޯއްދަވާފައި ވަނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މަނިކުފާނު ކުޅިވަރުގެ ދާއިރާއިން ހޯއްދަވާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި އެންމެ މޮޅު މިޑްފީލްޑަރުކަމާއި، ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވުމާއި، ފީފާގެ ރެފްރީއަކަށް ވެވަޑައިގަތުން ހިމެނެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ ވެސް އިބްރާހީމް އިސްމާޢީލެވެ.

މީގެ އިތުރުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށާއި ފުޓްބޯލް އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އިބްރާހީމް އިސްމާޢީލަކީ 2012 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި، 2013 ވަނަ އަހަރު އޯ.ސީ.އޭ. ރީޖަންގެ ސްޕޯޓްސް އެވޯޑު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 1982 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އެ މަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އެރުވި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ. މިރޭ މި ޢިއްޒަތް އެރުވި ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހު އެ މަނިކުފާނު ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

1971 ވަނަ އަހަރު ރޭޑިއޯ ޓެލެވިޜަން ސިންގަޕޫރުގައި ފުރިހަމަ ކުރެއްވި ތަމްރީނާއެކު އެ މަނިކުފާނު ވެވަޑައިގަންނެވީ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ބޭފުޅަށެވެ. މީގެ އިތުރުން، ނެދަރލެންޑްސްއާއި އޮސްޓްރޭލިޔާއިން ވެސް އެ މަނިކުފާނު ވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

ރޭޑިއޯގެ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ބަދުރުއްނަޞީރަކީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މި ގޮތުން، 1980 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެދުމަށް ފަށައިގެން ކުރިއަށްގެންދިޔަ ޚާއްޞަ މަޝްރޫޢުގައި އެ މަނިކުފާނު އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.

28 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވުމަށްފަހު، 1995 ވަނަ އަހަރު ބަދުރުއްނަޞީރު އެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއެވެ. އަދި، ޕްރައިވެޓް ސެކްޓަރގައި އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އަޑުގައި ކުރިން އަދާކުރެއްވި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާ 2004 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ގުޅިވަޑައިގެންނެވިއެވެ.

ބަދުރުއްނަޞީރަކީ، ދިވެހިރާއްޖޭގައި ކޮމިއުނިޓީ ރޭޑިއޯ ތަޢާރުފުކުރުމާއި، ޒުވާނުންގެ އާބާދީއަށް އަމާޒުކޮށްގެން އެފް.އެމް. ރޭޑިއޯގެ ޚިދުމަތް ތަޢާރުފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން އެ މަނިކުފާނު ވަކިވެވަޑައިގަތީ، 65 އަހަރުވެގެން، 2011 ވަނަ އަހަރުއެވެ. އަދި އެއަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވުމަށްފަހު، ބްރޯޑްކާސްޓިންގްގެ ދާއިރާއާ މުޅިން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ބަދުރުއްނަޞީރަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.