ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް "ސާފު ހުޅުމާލެ" ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔަާގެ ނައިބު ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު މި ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ރައީސުލްޖުމަހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް -19 އިން ވެސް އަޅުގަނޑުމެނަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަަމުގައި ފާހަގަކުރައްވައި، ދިވެހި ހުރިހާ ރައްޔިތުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭކަމުގައި ވިދާޅުވެފައެވެ.

މިއަދު މި ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަޙައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.