ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ ބާއްވަވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ. މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނެއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޯވިޑުގެ ޙާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެއެވެ.