بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ، ދައުލަތުގެ ވަޒީރުން، އިންޑިޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރ، އައްޑޫ ސިޓީގެ މޭޔަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ސިޓީ ކައުންސިލުގެ މެންބަރުން، ޖެންޑަރ މިނިސްޓްރީ އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ އިސްބޭފުޅުން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އައްޑޫ ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ކިތަންމެ ހޫނަކަސް އަޅުގަނޑުމެންނަށް މި މަސައްކަތަކީ މިއީ ދެން އިތުރަށް ދޫކޮށްލާފައި ބޭއްވޭވަރުގެ ކަމެއްނޫން. އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ، ޚާއްޞަކޮށް ޒުވާނުންނަށް ކުރިމަތިވެފައިމިވާ މި މައްސަލައަކީ މިއީ ވޭތުވެދިޔަ ގިނަ އަހަރުތަކެއްގެ ތެރޭގައި އެކަމަށް ދޭންޖެހޭ ފަރުވާނުދެވި، އަޅައިލާންޖެހޭ މިންވަރަށް އަޅައިނުލެވި ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން ޤައުމީ މައްސަލައަކަށްވެފައިވާ މައްސަލައެއް. އޭގެ ސަބަބުން، ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުމަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައިވާ ވަރަށް ބޮޑު މައްސަލައެއް.

އާދެ، މިއަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ، ވަރަށް ޚާއްޞަ އިސްކަމެއް، ސަމާލުކަމެއް ދެއްވާ އެންމެ މުހިންމު ދާއިރާއަކީ، ދިވެހިރާއްޖޭގެ ޒުވާނުން. އާދެ، އުފެއްދުންތެރި ޒުވާނުންތަކެއް ޤައުމުގައި ބިނާކުރުން. އުފާވެރި ޢާއިލާއަކަށް ޖާގަދިނުމަށްޓަކައި މިފަދަ ބަޔަކު އުފެއްދުން. އެހެން ނަމަވެސް، ޤާނޫނުތަކެއްގައި ވަކި ގޮތްތަކަކަށް ކަންތައްތަކެއް ކަނޑައެޅިފައި ހުރި ނަމަވެސް، އެ މަސައްކަތް ބަޔަކު ކޮށްފައި ނެތުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މިވަނީ، ގަދަ ހޫނުގައިވެސް ބޯ ވިއްސާރާގައިވެސް މިކަން ދޫކޮށްނުލައި މެކުހަށްޖަހައި، އަޅުގަނޑުމެން މި މަސައްކަތް ކުރަން ޖެހިފައި. މިއަދު އަޅުގަނޑު، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، މި ސަރުކާރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، މި މައްސަލަ ޙައްލު ކުރުމަށްޓަކައި ރެޔާއި ދުވާލު ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ޒުވާނުންނަކީ ޤައުމު ބިނާކުރުމުގައި، ޤައުމު ކުރިއެރުވުމުގައި، އެ މަސައްކަތުގައި ބައިވެރިވެވޭ ބަޔަކަށް، އަޅުގަނޑުމެން ހަދާނަން.

އަޅުގަނޑު މިއަދު، ހުރިހާ ޒުވާނުންނަށް ގޮވައިލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރަންވީ ކަމަކީ. އަޅުގަނޑުމެން ޤައުމު ބިނާކޮށް، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ވަގުތުތައް ދޭންވީ. ވަގުތު ބޭކާރުގޮތުގައި ހޭދަކޮށް، ޤައުމީ މަސައްކަތްތަކަށް ފުރަގަސްދިނުމަކީ އެއީ އެއްވެސް ގޮތަކަށް ބުއްދިވެރި ހެޔޮ ވިސްނުމުގެ ބަޔަކު ކުރާނެ ކަމެއް ނޫނޭ. އެހެންވީމާ، އަޅުގަނޑު މިއަދު، ޚާއްޞަކޮށް އައްޑޫ ޒުވާނުންނަށްވެސް، ހުޅުމީދޫ ޒުވާނުންނަށްވެސް، މުޅި ދިވެހި އެންމެހައި ޒުވާނުންނަށް ގޮވައިލަން ބޭނުންވަނީ އެކުގައި، ޤައުމަށްޓަކައި، ޒުވާނުންނަށްޓަކައި، އަޅުގަނޑުމެން މި މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، ޖެންޑަރ މިނިސްޓަރ ދެންމެ ވަރަށް ތަފްޞީލުކޮށް ވިދާޅުވެއްޖެ، މި ކަންތައްތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް. އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން އެކުގައި މި ކުރެވޭ މަސައްކަތުން ރަނގަޅު ނަތީޖާތަކެއްނެރެ، މި މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ދާނަމޭ.

އާދެ، ވޭތުވެދިޔަ އަހަރުތަކެއްގައި، މި ކަންތައްތައް ކުރެވުނީކީ، އެހާ ރަނގަޅަށޭ ދެންނެވޭކަށް ނެތް. އަޅުގަނޑުމެން މިއަދު މިތިބީ އެ ވާހަކަ ދައްކާކަށްނޫން. ބަޔަކަށް ނުކުރެވުނު ކަމެއްގެ ވާހަކަ ދައްކާކަށްނޫން. އަޅުގަނޑުމެން މިއަދު މިތިބީ، އަޅުގަނޑުމެން މި ސަރުކާރުން ޕްލޭންކުރާ ކަންތައްތަކުގެ ވާހަކަ ދައްކައިގެން ދިވެހި ޢާއިލާތަކަށް، ދިވެހި ޒުވާނުންނަށް އެ މަންޒަރު ދައްކައި، އުފެއްދުންތެރި ހެޔޮލަފާ ރަނގަޅު ބަޔަކު އުފެއްދުމަށްޓަކައި އެ މަސައްކަތް ކުރަން.

އާދެ، ހަމައެކަނި ފަރުވާއަކުން ނުފުދޭ. ފަރުވާ ދިނުމަށްފަހު، މުޖުތަމަޢަށް އެނބުރި އައިސް މަސައްކަތްތަކެއް ކުރެވި، އާމްދަނީ ލިބި، ފުދުންތެރި ބަޔަކަށް ޒުވާނުންވާން އެބަޖެހޭ. އެ ޔަޤީންކަންވެސް، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެންމެންގެ މަސައްކަތުން، އަޅުގަނޑުމެންނަށް ލިބިދާނެކަމުގެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

އާދެ، މިއަދު އަޅުގަނޑުމެން އަދި މި ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ މި ޙަފްލާ ކުރިއަށްދާއިރު، އަޅުގަނޑު ފާހަގަކުރަން، ޚާއްޞަކޮށް، މި ޕްރޮގްރާމަކީވެސް، މި ޕްރޮޖެކްޓަކީ އިންޑިޔާ ސަރުކާރުގެ އެހީ ލިބިގެން އަޅުގަނޑުމެން ކުރާ މަސައްކަތެއް. އިންޑިޔާ ސަރުކާރުން ޚާއްޞަކޮށް، ޕްރައިމް މިނިސްޓަރ މޯދީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ތަރައްޤީގައި އެކިގޮތްގޮތުން އަޅުގަނޑުމެންނަށް އެ ލިބިގެންދާ އެހީތެރިކަން އަޅުގަނޑު ފާހަގަކޮށް، އިންޑިއަން ހައިކޮމިޝަނަރަށާއި، އަދި ޑެޕިއުޓީ ހައިކޮމިޝަނަރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އައްޑޫގެ ރައްޔިތުންގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައިވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަޅުގަނޑު ދަންނަވާލަން އޮތީ، މިފަދަ ކަމެއްގައި ބައިވެރިވުމުގެ، މި ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެކަމަކު، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެންއޮތީ، އަޅުގަނޑުމެންނަށް މި ކަންތައް ކުރެވިގެން، މިއިން ރަނގަޅު ނަތީޖާއެއް ލިބިގެން.

ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން އޮތީ، ޤައުމުގެ ތަރައްޤީގައި، ޤައުމަށްޓަކައި، ކޮންމެ މީހަކުވެސް ބޯޑެއް ހިފައިގެން، އަޅުގަނޑުމެން ޤައުމަށްޓަކައޭ ކިޔާފައި އަޅުގަނޑުމެން ބޯޑެއް ހިފާފައިވެސް އަޅުގަނޑުމެން ނިކުންނަމާ ހިނގާށޭ. އެންމެން އަތުކުރިއޮޅައިގެން ޤައުމީ ރޫޙެއްގައި މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށް، ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން، ރީތި އަޚްލާޤު ދެއްކުމުގެ މަސައްކަތުގައި އަޅުގަނޑުމެން ޝާމިލުވެ، އެންމެން އެކުގައި ކުރިއަށްދަމާ ހިނގާށޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.