ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ގޮތްތަކެއް ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިގޮތްތައް ކަނޑައަޅުއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގައި، ނިޒާމުގައި ހުރި ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ޒުވާނުންނަށް އެންމެ އެކަށޭނަގޮތެއްގައި ފަރުވާދީ، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމަޢަށް ވާޞިލްކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ ފަރާތްތަކަށް ފަރުވާދެވޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ޤާއިމްކުރެވޭ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައެވެ.

މީގެ އިތުރުން މިއަދުގެ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2021 ވަނަ އަހަރަށް ބަޖެޓު ކުރެވިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މަޢުލޫމާތުވެސް އޮޅުންފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެއްކެވި ވާހަކަފުޅުގައި، އެ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިއުމުން، ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓަރ ކެއަރގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި އެއާއެކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ ފަރާތްތައް، ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން މިފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢާ ގުޅިގެންދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށްފަހު މިފަރާތްތައް އަނބުރާ މުޖުތަމަޢަށް ނިކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކޮށްދީ، އެފަރާތަކަށް ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެންނެވެ.

މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ފުލުހުންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.