މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތައް ހެދުމުގެ ވަގުތު ޖެހިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް، އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމުކަން ހާމަވެފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ކޯވިޑްގެ ފުރަބަންދުގެ ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ޞިނާޢަތްކަން ފާހަގަކުރައްވައި، ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މި ޞިނާޢަތް އިތުރަށް ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާޢިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.