بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

މިއަދު އަޅުގަނޑު ގެމެންދުއަށް މިއައީ، މިދިޔަ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު މުޅިރާއްޖެއަށް މިއެރި ބޮޑުރާޅުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލައިލުމަށްޓަކައި. އާދެ، އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވަނީ ވަރަށް ބޮޑު ހިތާމައަކާ. ވަރަށް ބޮޑު ބަދުނަސީބަކާ. ވަރަށް ބޮޑު ޤުދުރަތީ ކާރިސާއަކާ. މިއީ ވަކި ރަށަކަށް، ވަކި ބަޔަކަށް ދިމާވިކަމެއްނޫން. މި ކާރިސާގެ އަސަރުނުފޯރާ، ރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް. އަދި ރާއްޖޭގެ އެއްވެސް ރަށެއްވެސް ނެތް. ބައެއް ރަށްރަށަށް ވަނީ އެހެން ރަށްރަށަށްވުރެ ބޮޑެތި ގެއްލުންތައް ލިބިފައި. އޭގެތެރެއިން އެއްރަށެއް، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ގެމެންދޫ މިއީ.

އެހެންވީމާ، އަޅުގަނޑު މިއަދު މިއައީ، ގެމެންދުއަށް ލިބިފައިވާ ގެއްލުންތައް ބަލާލައި، ގެމެންދޫގައި މިވަގުތު ތިބި ރައްޔިތުންނާ ބައްދަލުކޮށްލައި، ރައްޔިތުންގެ ޙާލުއަހުވާލު ބަލާލައި އަދި މިކަމުގައި ސަރުކާރު ވަނީ ރައްޔިތުންނާ އެކުގައިކަން ބަޔާންކޮށްދިނުމަށްޓަކައި.

އާދެ، މި ހިތާމަވެރި ހާދިސާގައި، އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އަޚުންނާއި އުޚްތުންގެ ފުރާނައަށް މާތްﷲ ހެޔޮރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އަދި އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މެދުވެރިކޮށްދެއްވުންއެދި ދުޢާކުރަން. ހަމައެއާއެކީގައި، އަޅުގަނޑުމެންނާ އެ ވަކިވެގެންދިޔަ އަޚުންނާއި އުޚްތުންގެ އާއިލާތަކަށާއި، ރަށުގެ ރައްޔިތުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާކިޔައި، ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރަން.

އާދެ، މިފަދަ ކަންތައްތައް ދިމާވުމަކީ، ދުނިޔޭގައި ދިރިއުޅެމުންދާއިރު ދިމާވެދާނެ ކަމެއް. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ ޤަޟާޤަދަރަށް އީމާންވާ ބައެއް. މާތްﷲ ގެ މިންވަރުފުޅަށް އީމާންވާ ބައެއް. މާތްﷲގެ މިންވަރުފުޅު ތެރޭގައި އަޅުގަނޑުމެން އުފާވާ، ހިތްހަމަޖެހޭ، އަޅުގަނޑުމެންނަށް ބާއްޖަވެރިކަން ލިބޭ، ވަރަށް ގިނަ ކަންތައްތައް ހުރޭ. ހަމައެއާއެކީގައި، އޭގެތެރޭގައި އަޅުގަނޑުމެންނަށް ހިތްދަތިކަން ލިބޭ، ހިތާމަ ލިބޭ ވަރަށް ގިނަ ކަންތައްތަކެއްވެސް ހުރޭ. މިކަންކަމަކީ ދުނިޔަވީ ޙަޔާތުގައި އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަންތައްތަކެއް. މުއުމިނުންގެ ގޮތަކީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅަށް ޝުކުރުކުރުން. ދެއްވާ ހުރިހާ ނިޢުމަތްތަކަކަށް، ދުލާއި ޢަމަލުން އެކަލާނގެއަށް ޝުކުރުކުރުންމަތީ ދެމިތިބުން.

ހަމައެހެންމެ، އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަތަކާއި، ހިތްދަތި ކަންތައްތައް ތަޙައްމަލުކޮށް ކެތްކުރުން. ކެތްކުރާ މީހުންނަށް މާތް ﷲ މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މަތިވެރި ޘަވާބާއި ދަރުމަ ދެއްވާނެކަމަށް ވަނީ އަންގަވާފައި. އެހެންވީމާ، އަޅުގަނޑުމެން ދިވެހިރައްޔިތުން، މުސްލިމުންގެގޮތުގައި މިއަދު މިތިބީ، އަޅުގަނޑުމެންނަށް މިދިމާވި ޤުދްރަތީ މުސީބާތަށް ކެތްކޮށްގެން، ތަޙައްމަލުކޮށްގެން. އަޅުގަނޑުމެންގެ ޢަޒުމަކީ، އަޅުގަނޑުމެންނަށް ލިބިފައިމިވާ ގެއްލުންތަކުން މާތްﷲގެ ވާގިފުޅާއެކީ ސަލާމަތްވެ، އިތުރަށް ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދިއުން.

އާދެ، މިކަމުގައި ރައްޔިތުން އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ވަރަށް ބޮޑަށް އުފަލާއެކު ހަނދާންކުރަން. ކޮންމެ ރަށެއްގެ ރައްޔިތަކުވެސް، އެރަށަކަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ނުވަތަ ހާލުގައިޖެހުނު މީހުންނަށް އެހީވުމުގައި އަމިއްލައަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައި. އަދި މިހާރުވެސް ދަނީ ކުރަމުން. ހަމައެހެންމެ، އަވަށްޓެރި ރަށްރަށުގެ މީހުންވެސް، ހާލުގައިޖެހިފައިވާ ރަށްރަށަށް އައިސް، އެހީތެރިކަމުގެ އަތް އެމީހުންނަށް ދިއްކޮށްލަމުން އެބަގެންދޭ. ވަރަށް ގިނަ ކަންތައްތައް ކޮށްދެމުން އެބަގެންދޭ. އޭގެއިތުރުން، ދުރުތަންތަނުންވެސް މީހުން އެބައާދޭ. އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަމީހުން އަދި ސަރުކާރުގެ ފަރާތްތަކުންވެސް. ޙަޤީޤަތުގައި މިކަމުގައި މުޅި ޤައުމު މިވަނީ އެކަތިގަނޑަކަށްވެފައި. މުޅި ޤައުމު މިވަނީ ވަރަށް ވަރުގަދަ އެއްބާރުލުމެއްގެމަތީގައި.

އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން އަދި އިސްލާމްދީނުގެ މާތް އުސޫލުގެމަތިން ޤާއިމުވެފައިމިވާ އިސްލާމީ އުޚުއްވަތްތެރިކަން އަބަދުވެސް ބަދަހިވެގެންދިޔުން. މިއަދު އެ ގުޅުން ބަދަހިވެފައިވާ މިންވަރު އަޅުގަނޑުމެންނަށް މިވަނީ ފެނިފައި. އެއަށްވުރެވެސް އަޅުގަނޑުމެން މުސްތަޤްބަލުގައި ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެންތިބެ، އަޅުގަނޑުމެންގެ މެދުގައި އަޚުވަންތަކަން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަކީ، މިކަހަލަ ކޮންމެ ކަމަކުން ސަލާމަތްވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ޤައުމީ ވަޙުދަތުގެ ހިޔާވަހިކަމުގައި ތިބެގެން، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑެތި މަސައްކަތް ކުރަން ގަސްތުކުރަމޭ. އެ މަސައްކަތްތަކުގެ ހެޔޮނަތީޖާ އިރާދަކުރެއްވިއްޔާ މާތް ﷲ އަޅުގަނޑުމެންނަށް ދައްކަވާނެ.

އާދެ، އެންމެ ފުރަތަމަކަމަކަށް އޮންނާނީ، ގެދޮރުނެތިދިޔަ މީހުންނަށް ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުން. ސަރުކާރުން އެކަމާ ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ. އަޅުގަނޑުމެންގެ އަމިއްލަ ފޯރުންތެރިކަން ހުރިވަރުން އެވަރުބޮޑުކަމެއް ނުކުރެވިދާނެތީ، އާދެ، ނުކުރެވޭނެތީ، ބޭރުގެ އެހީވެސް މިގެންދަނީ ހޯދަމުން. އެކަމަށް އިލްތިމާސްކުރަމުން. ވަރަށް ގިނަ ފަރާތްތަކުން އެހީދެއްވާނެކަމަށް ވަނީ ވިދާޅުވެފައި. އަދި ބައެއް އެހީ މިހާރުވެސް ލިބެމުންއެބަދޭ.

އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލެއްވުމާއި، ރައްޔިތުންގެ އެހީއާއި، ސަރުކާރުގެ ވަސީލަތްތަކާއި އަދި ރާއްޖެއިން ބޭރުން ލިބޭ އެހީއާއެކީގައި، ދިވެހިރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދީ، ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ.

އެހެންވީމާ، އެވާހަކަ ދަންނަވާލައި، ތިޔަބޭފުޅުންނަށް ހިތްވަރުއެރުވުމަށްޓަކައި އަޅުގަނޑު މިއައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވާނެ.

އަޅުގަނޑު އެދެނީ، ގެމެންދޫއަށާއި، ގެމެންދޫގެ ލޮބުވެތި ރައްޔިތުންނަށާއި އަދި މި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް މާތް ﷲ ހެޔޮރަޙްމަތްލައްވައި، މާތް ﷲ އިތުރު ތަނަވަސްކަމާއި ތަރައްޤީއާއި ބާއްޖަވެރިކަން މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.