بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދުގެ މި އުފާވެރި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދުމަތްކުރައްވާ ފަރާތަކަށް ސަރުކާރުން ދޭ އިނާމު ނުވަތަ "ފެހިފަތް" މިއަދު ލިބިވަޑައިގެންނެވި މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، ހަނދުމަފުޅުހުންނާނެ ފަދައިން، ސަރުކާރުން މި އިނާމު (ފެހިފަތުގެ އިނާމު) ދޭންފެށީ، 1995 ވަނަ އަހަރު. މީގެ 10 އަހަރު ކުރިން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މީގެކުރިން 28 ފަރާތަކަށްވަނީ މި އިނާމު ދެވިފައި. އެ ފަރާތްތަކުންވަނީ މި އިނާމު ހާސިލުކުރައްވާފައި.

މިއަދު މި "ފެހިފަތް" ދެވެނީ، 29 ވަނަ ފަރާތަށް. އާދެ، އެއީ މިތާނގައި އިވިގެން މިދިޔަ ފަދައިން، އަދި އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ފަދައިން، މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން.

މި އެސޯސިއޭޝަނަކީ، ދެންމެ މިނިސްޓަރުގެ ނައިބުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ތިމާވެށީގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް، މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ފަރާތެއް. އެއީ، ތިމާވެށި ރައްކާތެރިކުރެއްވުމުގެ ގޮތުން އެ ފަރާތުން ކުރައްވާ މަސައްކަތްތަކާއި އަދި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ފަރާތެއް. މާލެއާއި އަތޮޅުތަކުގައި އަދި ޚާއްޞަކޮށް، ކިޔަވާކުދިންގެ ތެރޭގައި. ދެންމެ އިވިގެންދިޔަފަދައިން، 7000 ކުދިން މިކަމުގައި ބައިވެރިވިކަން އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭނެ ކަމެއް. އެހާގިނަ އަދަދެއްގެ ކުދިބަޔަކަށް ތިމާވެށްޓާބެހޭ ހޭލުންތެރިކަން މި އެސޯސިއޭޝަނުގެ ފަރާތުން ހޯއްދަވައިދެއްވިކަން. އޭގެތެރޭގައި، ލިޓްލްމެއިޑުންނާއި، ގައިޑުންނާއި، ސަރވިސް ގައިޑުން ހިމެނޭ.

ޝައްކެއްނެތްގޮތުގައި، މިއަދުގެ ކުޑަކުދިންނަކީ ނުވަތަ ދަރިވަރުންނަކީ، މާދަމާ ރާއްޖޭގެ ކަންތައްތަކާ ޙަވާލުވެގެން ތިބޭނެ ބަޔެއް. އެމީހުންނަށް، އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ މައްސަލަތަކާއި، އެ މައްސަލަތަކުގެ ބާވަތާއި، ކުޑަބޮޑުމިނާއި އަދި އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ވިސްނަންޖެހޭނެ ގޮތްތަކާއި، އަޅަންޖެހޭނެ ފިޔަވަޅުތައް އެމީހުންނަށް އޮޅުންފިލާފައި އޮތުމަކީ، ޝައްކެއްނެތްގޮތުގައި މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް.

އެހެންވީމާ، ގާރލްގައިޑް އެސޯސިއޭޝަނުން މިވޭތުވެދިޔަ 10 އަހަރު އެކުރެއްވި މަސައްކަތްތައް އާދެ، ތިމާވެށި ރައްކާތެރިކުރެއްވުމާއި، ތިމާވެށްޓާ ބެހޭގޮތުން އެކިފަރާތްފަރާތަށް ދޭންޖެހޭ މަޢުލޫމާތު ދެއްވުމާއި، ހޭލުންތެރިކަން އިތުރުކުރެއްވުމާއި، މިކަންކަމުގައި އެކުރެއްވި ޚިދުމަތްތަކަށްޓަކައި އެ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އަޅުގަނޑުމެން ދޭންވީ ސަމާލުކަން މިއަދު މިވަނީ، ވަރަށްބޮޑުތަން އިތުރުވެފައި. ދެންމެ ރާއްޖޭގެ ތިމާވެށްޓާއި ހަކަތައާއި އަދި ފެނާބެހޭ ވަޒީރު އަލްފާޟިލް ޢަޙްމަދު ޢަބްދުﷲ ގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ސުނާމީ ކާރިސާއަށްފަހުގައި އަޅުގަނޑުމެން މިކަމަށް ދޭންޖެހޭ ސަމާލުކަން މިވަނީ އިތުރުވެފައި.

އާދެ، މި ކާރިސާއަކީ، ރާއްޖޭގެ ތާރީޚުގައި ދެކެފައި ނެތްފަދަ، ވަރަށް ބިރުވެރި ހިތާމަވެރި ހާދިސާއެއް. ވަރަށް ގެއްލުންބޮޑު ހާދިސާއެއް. އެ ވާހަކައިގެ ތަފްޞީލަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވަނީ، މި ކާރިސާއިން ރާއްޖޭގެ ތިމާވެށްޓަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައޭ. ރާއްޖޭގެ ފަސްގަނޑަށާއި، ރާއްޖޭގެ ފެނަށާއި، ރާއްޖޭގެ ގޮނޑުދޮށްތަކަށާއި، ރާއްޖޭގެ ފަރުތަކަށް އަދި ރާއްޖޭގެ ގަސްގަހާގެއްސަށް މިކާރިސާގެ ސަބަބުންވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައި. މި ގެއްލުންތައް ފޫބެއްދުމަށް އަޅުގަނޑުމެން މިވަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަންޖެހިފައި. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން ޖެހޭނެޔޭ، މި ކާރިސާއިން ފިލާވަޅު ލިބިގަންނަން. އަޅުގަނޑުމެންނަށް މި ދިމާވި ކަންތައްތަކުން މި ލިބުނު ގެއްލުންތައް މިލިބުނީ ކީއްވެގެންތޯ، އެފަދަ ގެއްލުންތަކުން ރާއްޖެއާއި، ރާއްޖޭގެ ބިންގަނޑާއި، ރާއްޖޭގެ ފެނާއި، ރާއްޖޭގެ ފަރުތަކާއި، ރާއްޖޭގެ ގޮނޑުދޮށްތަކާއި، ރާއްޖޭގެ ގަސްގަހާގެހި ސަލާމަތްކުރުމަށްޓަކައި މަސްތަޤްބަލުގައި އަޅުގަނޑުމެންނަށް ކުރެވެން އޮންނާނީ ކޮންކަހަލަ ކަންތައްތަކެއްތޯ، މިއަދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއޭ.

މިއީ، އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް ލިބެމުންދިޔަ އާ ފުރުޞަތެއް. ފުރުޞަތުތަކަކީ އެމީހަކު އެދޭގޮތަކަށް އަންނަ ކަންތައްތަކަކަށް ނުވެހިނގައިދާނެ. ބައެއްފަހަރަށް ފުރުޞަތަކީ އަޅުގަނޑުމެން އެކަމަކަށް އެދިއެދިތިބި ފުރުޞަތަކަށް ވެދާނެ. އަނެއްބައިފަހަރަށް އެއީ، އަޅުގަނޑުމެން ބޭނުންނުވާ ފުރުޞަތަކަށްވެސް ވެދާނެ. މިފަހަރު އަޅުގަނޑުމެންނަށް މި ލިބުނު ފުރުޞަތަކީ، އަޅުގަނޑުމެން ބޭނުންވެގެން ތިބި ފުރުޞަތެއްނޫން. ރާއްޖޭގެ އެކަކުވެސް، ރާއްޖެއަށް ސުނާމީ ކާރިސާފަދަ ހާދިސާއެއް ދިމާވާކަށެއް ނޭދޭނެ. އަދި އެއިން އެ ލިބުނުފަދަ ގެއްލުންތަކެއް، ރާއްޖޭގެ އެންމެ ރަށަކަށްވެސް، އެންމެ މީހަކަށްވެސް ލިބޭކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއްނުވާނެ. އެހެންނަމަވެސް، ދުނިޔޭގެ ކަންތައްތައް ހިނގަމުންދާގޮތުން، މިކަހަލަ ކަންތައްތައްވެސް އެ މެދުވެރިވަނީ. އެފަދަ ކަންތައްތައް މެދުވެރިވުމުން އަޅުގަނޑުމެން އެބަޖެހޭ އެއިން ފިލާވަޅުތަކެއް ހާސިލުކުރަން. އެއިން ޢިބްރަތްތަކެއް ލިބިގަންނަން. އަޅުގަނޑުމެން ކަންތައް ކުރަމުންގެންދަނީ ރަނގަޅަށްތޯ، ނޫންތޯ ބަލައި ވަޒަންކުރުން. ރަނގަޅުކަމަށްނުވަންޏާ، އެކަންތައްތައް ރަނގަޅުކުރަން ކުރެވެންއޮތީ ކޮން މަސައްކަތްތަކެއްތޯވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަދި އެމަގަކުން ހިނގަން އަޅުގަނޑުމެން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާ އެއީ، އަޅުގަނޑުމެންނަށް މި ރޮނގުންވެސް ދިމާވި ފިލާވަޅެއްކަމުގައި ބަލަމާތޯއޭ! އަޅުގަނޑުމެންނަށް ޤުދުރަތުން ދެއްވި ޢިބްރަތެއްކަމުގައި ދެކެމާތޯއޭ! އެ ގޮތަށް ބަލައިގެން، އެގޮތަށް ދެކިގެން، ކުރިއަށްއޮތްތާނގައި ރާއްޖޭގެ ތިމާވެށި އިތުރަށް ޙިމާޔަތްކޮށް އަދި ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެން އުފައްދަންޖެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމާތޯއޭ!

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެއީ އެއްކަމަކީ، ސުނާމީ ކާރިސާ ކަހަލަ ކަންތައްތައް. ހަމަ އެއާއެކީގައި، މޫސުމަށް މި އަންނަ ބަދަލުތަކާއި އަދި އޭގެސަބަބުން ރާއްޖެއަށާއި އަދި އެހެން ޤައުމުތަކަށާއި، މުޅިދުނިޔެއަށް ކުރިމަތިވަމުން މިއަންނަ ބޮޑެތި ނުރައްކާތައް. އޭގެތެރެއިން، ވަރަށްފަހުން ދިމާވި ހާދިސާއެއްގެ ވާހަކަ މިނިސްޓަރު ވިދާޅުވި. އެއީ، ކެތުރީނާގެ ހަރިކަން ނުވަތަ އެ ޠޫފާން.

އާދެ، ތިމާވެށްޓަށް މިއަންނަ ބަދަލުތަކުގެ ތެރޭގައި، އެންމެބޮޑު ހިއްސާއެއްކުރާ އެއްކަމަކީ، ދުނިޔެ ހޫނުވަމުން އަންނަ އައުން. ޖައްވުގެ ހޫނުކަން އިތުރުވަމުންދާ ދިޔުން. އޭގެސަބަބުން، ކަނޑުތަކުގެ މިންވަރު، ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުން. ހަމައެއާއެކީގައި، އޭގެސަބަބުން މޫސުމަށް އަންނަ ބަދަލުތައް. އެ ބަދަލުތަކުގެތެރޭގައި، ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި، ވިއްސާރަ މޫސުމަށް މިއަންނަ ބަދަލުތައް ހިމެނޭ. އެއީ، ޠޫފާންތައް އިތުރުވުމާއި، ޠޫފާންތަކުގެ ބާރުގަދަވުން އޭގެތެރޭގައި ހިމެނޭ. ކުރިން ދުނިޔެ ދެކެފައިނުވާހާ ބާރުގަދަ ޠޫފާންތަކެއް އަދި ކުރިން ދުނިޔެ ދެކެފައިނުވާހާ ގިނައަދަދަކަށް، ދުނިޔޭގެ އެތަންމިތަނަށް ޠޫފާންތަކެއް އައުމަކީ، ދުނިޔެ ނުވަތަ ޖައްވު ހޫނުވަމުންދިޔުމުގެ ސަބަބުން ތިމާވެށްޓަށް އަދި މޫސުމަށް މިއަންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި، ކަމާބެހޭ މާހިރުންވަނީ ވިދާޅުވެފައި. އެހެންވީމާ، އޭގެ ބައެއް މިސާލު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ.

މިވާހަކަ އަޅުގަނޑުމެންކަހަލަ ކުޑަކުޑަ ޤައުމަކުން ދެއްކުމަކީ، ދުނިޔޭގެ ނިސްބަތުގައި މާ މުހިންމުކަމަކަށް ނުވެހިނގައިދާނެ. އެހެންނަމަވެސް، 1987 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން މި ކުޑަކުޑަ ދިވެހިރާއްޖޭގެ ފަރާތުން މި ވާހަކަ ބޭރު ދުނިޔޭގައި ދައްކަމުން މިދަނީ. އދ. މަޖިލީހުގައާއި އަދި އެނޫން ބައިނަލްއަޤްވާމީ ޖަލްސާތަކުގައާއި ބައްދަލުވުންތަކުގައި، ރާއްޖޭގެ ފަރާތުން އަޑުއުފުލައި މަސައްކަތްކުރަމުން މިގެންދަނީ، ދުނިޔެ ހޫނުވަމުން މިއަންނަ ހޫނުވުން ހުއްޓުވުމަށް މަސައްކަތްކުރުމަށް ގޮވާލި ގޮވާލުމުގައި.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑުމެން މި މަސައްކަތް ފެށީމާ، އަޅުގަނޑުމެންގެ އަޑު އެހީ ވަރަށްމަދު ބަޔަކު. ގިނަމީހުން ހީކުރީ، އަޅުގަނޑުމެން މި ދައްކަނީ ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށް. އެހެންނަމަވެސް، މިހާރު މުޅި ދުނިޔެ އެބަ ގަބޫލުކުރޭ، ކިތަންމެ ކުޑަކުޑަ ޤައުމަކުން، އަދި ކިތަންމެ މަޑުއަޑަކުން އެބުނި ވާހަކަ އެއީވެސް ހަމަ ތެދެއްކަން.

މީގެ 17 އަހަރު ކުރިން، 18 އަހަރު ކުރިން އަޅުގަނޑުމެން ކުރަންފެށި މަސައްކަތުގެ ނަތީޖާ ހަމަ ކިރިޔާ މި ފެންނަން ފެށީ. ކިޔޯޓޯ ޕްރޮޓޮކޯލް އެއީ، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދިފައި އޮތް ޕްރޮޓޮކޯލެއް. އަދި އެނޫން ބައެއް ފިޔަވަޅުތައްވެސް އެބައުޅޭ. މިހާރު އަޅުގަނޑަށް ހީވަނީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަށް އެބަ ގަބޫލުކުރެވޭހެން، އަޅުގަނޑުމެން ކުރިން ދައްކަމުން މިއައި ވާހަކަތަކަކީ، އޭގައި ކޮންމެވެސްވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއްކަން.

އަޅުގަނޑުމެން އޭރުވެސް ބުނަމުން އައީ، މިއަދު މިކަން ކުރިމަތިވަނީ އަޅުގަނޑުމެންކަހަލަ ފަސްތިރި، ބިންގަނޑު ތިރި، ކުދިކުދި ޤައުމުތަކަށޭ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ ކަންތައް މާދަމާ، ތިޔަ ބޮޑެތި ޤައުމުތަކަށް ކުރިމަތިވާނެޔޭ. އެހެން އަޅުގަނޑުމެން އައީ ބުނަމުން. އެއްގޮތަކަށްވެސް އެއީކީ ބިރުދެއްކުމުގެ ގޮތުން، އިންޒާރުކުރުމުގެ ގޮތުން ބުނި ވާހަކައެއް ނޫން. އެއީ، ޙަޤީޤަތެއް ބަޔާންކުރުމުގެ ގޮތުން އަޅުގަނޑުމެން ދެއްކި ވާހަކައެއް. އެވާހަކަ މިހާރު މިވަނީ މުޅި ދުނިޔެ ގަބޫލުކުރާ ޙަޤީޤަތަކަށްވެފައި. އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުންނާނީ ވަކިކަހަލަ މަސައްކަތްތަކެއް. އެއީ، އަޅުގަނޑުމެންނަށް ޤައުމީ ފެންވަރުގައި ކުރެވެންހުރި ކަންތައްތައް. އެކަންތައްތައް އަޅުގަނޑުމެން ކުރަންޖެހޭނެ.

އެކަމަކު އޭގެއިތުރުން، މުޅި ދުނިޔެވެސް ތިމާވެށީގެ ނުރައްކާތަކަށް ހޭލުންތެރިވާންވެއްޖެ. މުޅި ދުނިޔެ މި ކަމުގައި އެއްބާރުލާންވެއްޖެ. ހުރިހާ ޤައުމުތަކަކުންވެސް ވަރުގަދަ ޢަޒުމަކާއެކީގައި، އެންމެން އެކަތިގަނޑަކަށްވެގެން، އެއް މަޤްޞަދަކަށް މަސައްކަތްކޮށްގެންނޫނީ، މުޅި ދުނިޔެއަށް މުސްތަޤްބަލްގައި ކުރިމަތިވާން މިއުޅޭ ތިމާވެށީގެ ނުރައްކާތަކަކުން ސަލާމަތެއްނުވެވޭނެ. އަޅުގަނޑަށް ހީވަނީ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއްހެން. އަދި މުޅި ދުނިޔެވެސް ވިސްނަންޖެހޭނެ ކަމެއްހެން.

އާދެ، މިހާރުވެސް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ތަފާތު ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަޅުގަނޑު ނުދަންނަވަން، މިކުރެވޭ މަސައްކަތްތަކަކީ ފުދޭވަރެއްގެ މަސައްކަތްތަކެކޭ. އެކަށީގެންވާ މަސައްކަތްތަކެކޭ. އެ މަސައްކަތްތައް ކޮށްފައި އަޅުގަނޑުމެން މިހާރުދެން ހިތްހަމަޖައްސައިލައިގެން ތިބެންވީއެކޭ. އެހެނެއް ނުދަންނަވަން. އަޅުގަނޑުމެންނަށްވެސް މިވަނީ މަސައްކަތްތަކެއް ކުރަން ފެށިފައި. އަދި ހިސާބަކަށް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، އެ މަސައްކަތްތައް މިހާރު އަޅުގަނޑުމެންޖެހޭ އިތުރަށް ހަރުދަނާކުރުން. އިތުރަށް ފުޅާކުރަން. މީގައި ބައިވެރިވާ މީހުންވެސް އިތުރުކުރަން. މިގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެއްކަންނޭނގެ، އަޅުގަނޑުމެންގެ ރަށްތައް ފެހިކުރުމުގެ މަސައްކަތް. އިތުރަށް ރުއްގަސް އިންދުމުގެ މަސައްކަތް.

ޝައްކެއްނެތް، ޤައުމުގެ ފެހިކަން އިތުރުކުރުމަކީ، ނުވަތަ ޤައުމުގައި ރުއްގަސް ގިނަކުރުމަކީ، ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭ ވަރަށްބޮޑު ފިޔަވަޅެއް. ހިތާމައަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މި ފަހަކަށްއައިސް ކެނޑޭ ރުއްތަކާއި ގަސްގަހުގެ އަދަދު ގިނަކަން. އަދި އެއާ އެއްވަރު އަދަދަކަށް ރުއްގަސް އިންދެމުން ނުދާކަން. މިއީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެންނަށް ވިސްނިފައި އޮތް ކަމެއް.

ތިޔައިގެ ތެރެއިން އުމުރުފުޅުގެ ގޮތުން ތަންކޮޅެއް ހަރު ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. 1983 ވަނަ އަހަރު އަޅުގަނޑުމެން ފާހަގަކުރީ، ރުއް އިންދުމުގެ އަހަރެއްގެ ގޮތުގައި. މުޅި ރާއްޖޭގައި. އެއީ މީގެ 22 އަހަރު ކުރިން. އެ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ރޭ އަޅުގަނޑު ގޮވާލީ، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ރުކެއް އިންދަން. އެ އަހަރު ރުއްތަކެއް އިންދުނު. އަދި އޭގެފަހުންވެސް އެކިފަހަރުމަތިން ގަސްއިންދުމުގެ ޕްރޮގްރާމްތަކެއް އެބަހިންގޭ. އެހެންނަމަވެސް، ވާގޮތަކީ އަޅުގަނޑުމެން ހިންގަން ފަށާ ޕްރޮގްރާމްތައް ވަކިހިސާބަކަށް ގޮސްފައި، ދެން މެދުކެނޑޭގޮތް އެބަދިމާވޭ. ކޮންމެވެސް ސަބަބަކާހުރެ ހުއްޓޭގޮތް އެބަދިމާވޭ. މީހުންގެ ސަމާލުކަމުން އެކަން އުނިވެގެންދާގޮތް އެބަ ކުރިމަތިވޭ. މިއީކަންނޭނގެ އަޅުގަނޑުމެން ވިސްނަންވީ ކަމަކީ. އަޅުގަނޑުމެން ފަށާ ކަމެއް ޖެހޭނެ، ޢަޒުމާއި ހިތްވަރާ އެކީގައި ކުރިއަށްގެންދަން. އެއީ، ހަމައެކަނި ވަކިއަހަރަކަށް، ވަކިމަހަކަށް، ވަކިދުވަހަކަށް އޮތްކަމެއް ކަމުގައި ނުބަލައި، އެއީ މުޅި ޙަޔާތުގައިވެސް އެކަން ކުރަންޖެހޭނެކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެހެންވީމާ، އަޅުގަނޑު ދަންނަވަން މި އުޅެނީ، މިހާރު އަޅުގަނޑުމެން އިސްކަންދޭންޖެހޭ އެންމެބޮޑު އެއްކަމަކީ، ރަށްތައް ފެހިކުރުމުގެ ކަންތަކޭ. މާލެވެސް އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށްވެސް، ދިރިނޫޅޭ ފަޅުރަށްރަށްވެސް އިތުރަށް ފެހިކުރުމަކީ، އަޅުގަނޑުމެން ހަމަ މިވަގުތު ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އިތުރަށް ރަށްރަށް ފެހިކުރުމަކީ، އެރަށްރަށުގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ. އެހެންވީމާ، އަޅުގަނޑު އެދެނީ، މިކަމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. އަތޮޅުތަކުގެ އަތޮޅުވެރިން، ރަށްރަށުގެ ވެރިން، ރަށްރަށުގެ ކޮމިޓީތައް، މާލެއަށް ބަލާނަމަ، މާލޭ މުނިސިޕަލްޓީ، މާލޭގެ އަވަށްތައް. އަދި މުޅިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތައް. އަދި ރާއްޖޭގެ އަމިއްލަ ޖަމާޢަތްތަކާއި ޖަމުޢިއްޔާތައް. އަދި ޢާންމު ރައްޔިތުން، އަމިއްލަ އަފްރާދުން، ޚަބަރު ފަތުރާ ވަސީލަތްތައް. މި ހުރިހާ ފަރާތްތަކުން މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވެއްޖެކަމަށް އަޅުގަނޑު ދެކެން. ހަމަ މެދުކެނޑުމެއްނެތި އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ ގޮތުގައި، ރާއްޖޭގައި އިތުރު ރުކާއި، އިތުރު ގަސް އިންދައި، ހައްދައި، ބޮޑުކުރުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވެއްޖެ. ގަބޫލުކޮށްގެން، އެ މަސައްކަތް ހަމަ ވަރަށް ހިތްވަރާއި ސާބިތުކަމާއެކީގައި ކުރިޔަށް އެބަ ގެންދަންޖެހޭ.

އާދެ، މިގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދި މިނޫނަސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި، އެންމެން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކޭ. ކޮންމެ ދިވެހި ރައްޔިތަކުވެސް، ކޮންމެ ފަރުދަކުވެސް، ކޮންމެ ޖަމާޢަތަކުންވެސް މި މަސައްކަތުގައި ބައިވެރިވެ، އެކަމުގެ ޒިންމާ އުފުލުމަކީ ވަރަށް މުހިންމު ކަމެކޭ.

ހަމައެހެންމެ، މިގޮތުން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅުގަނޑުމެން ހިންގާ ޕްރޮގްރާމްތަކަކީ، ދުރަށް ރޭވިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށްވެސް ވާންއެބަޖެހޭ. އެހެންނޫނީ، ހަމައެކަނި މިއަދު ކޮށްލާ ނުވަތަ މާދަމާއަށް ކޮށްލާ ކަމަކަށް ވެގެން އެކަން ހަމައެއްނުޖެހޭނެ. އެ ޕްރޮގްރާމަކީ ވަރަށްދިގު ޒަމާންތަކަކަށް ރާވައިގެން ހިންގާ ޕްރޮގްރާމްތަކަކަށް ވުމުގެ މުހިންމުކަން ވަރަށްބޮޑު.

އާދެ، މިފުރުޞަތުގައި ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ތިމާވެށްޓާބެހޭ ވުޒާރާ މިހާރު ހިންގަވާ މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި އަދި މީގެކުރިން ރާއްޖޭގެ ތިމާވެށްޓާބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަލްއުސްތާޛު ފަތުޙުﷲ ޖަމީލު ހިމެނިވަޑައިގަންނަވާ. އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަދި އެނޫންވެސް ބޭފުޅުން ތިއްބެވުން އެކަށީގެންވޭ. މި ހުރިހާ ބޭފުޅުންވެސް، އެބޭފުޅެއްގެ ދައުރުގައި އެ ކޮށްދެއްވި ޚިދުމަތްތައް އަޅުގަނޑު ވަރަށް އުފަލާއެކު ގަބޫލުކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ހަމައެހެންމެ، މިހާރުގެ ތިމާވެށްޓާއި ހަކަތަޔާއި އަދި ފެނާބެހޭ ވުޒާރާގެ އެހެން ވެރިންނަށާއި، އެ ވުޒާރާގެ ތިމާވެށްޓާބެހޭ ބައިގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، އަދި ތިމާވެށްޓާބެހޭ ދިރާސާތައް ކުރައްވާ މަރްކަޒުގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް އެ ބޭފުޅުން އެ ކުރައްވާ މަސައްކަތްތަކަށްޓަކައި އަޅުގަނޑު މި ފުރުޞަތުގައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މިއާއެކީގައި، ސަރުކާރުގެ އެހެން ވުޒާރާތަކުން ކުރައްވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ތިމާވެށްޓާބެހޭ ވުޒާރާ ނޫނަސް، އެހެން ހުރިހާ ވުޒާރާތަކަކުންވެސް މިކަމަށް ސަމާލުކަންދެއްވައި މަސައްކަތްތަކެއް ކުރައްވާ. ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އެއީ ހުރިހާ ސްކޫލްތަކެއް ހިނގަމުންދަނީ އެ މިނިސްޓްރީގެ ދަށުންކަމަށްވާތީ، އެ މިނިސްޓްރީންވެސް ވަރަށް މަސައްކަތް ކުރައްވާ. މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް. ރާއްޖޭގެ ރަށްރަށުގެ ކަންތައްތައް ބަލަހައްޓަވައި ހިންގަވާ ފަރާތަކީ އެއީ ކަމަށްވާތީ. މިނިސްޓްރީ އޮފް ޕްލޭނިންގ. އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކެއް، ޕްލޭންތައް ރާއްވަވާ ފަރާތަކީ ޕްލޭނިންގ މިނިސްޓްރީ ކަމަށްވާތީ. ހަމައެހެންމެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އެއީ، ތިމާވެށި ރައްކާތެރިކުރުމަށް އެން.އެސް.އެސް.ގެ ފަރާތުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާ. މާލޭގެ ފަޅުތެރެ ސާފުކުރުމާއި، މިނޫންވެސް ތަފާތު ގިނަ ކަންތައްތައް އެ ފަރާތުން ކުރައްވަމުން ގެންދަވާ. އެހެންވީމާ، ސަރުކާރުގެ ވަރަށްގިނަ ދާއިރާތަކުން ތިމާވެށްޓާބެހޭ މަސައްކަތްތައް ކުރައްވާތީ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު މިއަދުގެ މުނާސަބަތުގައި ޝުކުރާއި މުބާރަކްބާދީ ދަންނަވަން.

ހަމައެޔާއެކީގައި، ތިމާވެށީގެ ރޮނގުން ޚިދުމަތްކުރައްވާ އަމިއްލަ ފަރުދުންނަށާއި، އަމިއްލަ ޖަމާޢަތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ރާއްޖެއަކީ ކިތަންމެ ކުޑަތަނެއްކަމުގައިވިޔަސް، ރާއްޖޭގައިވެސް ތިމާވެށްޓާ ބެހޭގޮތުން އަމިއްލަ އަފްރާދުންވެސް އެބަ ޚިދްމަތްކުރައްވާ. ހަމަ އަމިއްލަ ބައެއް ޖަމުޢިއްޔާތަކުންވެސް ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފައްދަވައި އަދި އެނޫން މަސައްކަތްތައްވެސް އެބަކުރައްވާ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެޔާއެކީގައި، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ސްކޫލްތަކުގައި މިކަން ވަރަށް ރަނގަޅަށް ހިނގަމުންދާތީ، އަދި ސްކޫލްތަކުގައި ތިމާވެށްޓާބެހޭ ޖަމުޢިއްޔާތަކެއްވެސް އުފެދިފައިވާތީ، އެ ޖަމުޢިއްޔާތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ހުރިހާ ކަމެއްގެ އިތުރުން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް އެއީ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކުރައްވާ ފަރާތެއް. ދުވަހު ނޫސްތަކާއި، ހަފްތާ މަޖައްލާތަކާއި، ރޭޑިޔޯއާއި، ޓީ.ވީ.އާއި، މިހެންގޮސް އަޅުގަނޑުމެންގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިޔާއިން މިކުރައްވާ މަސައްކަތްތައް، ރާއްޖޭގެ ހުރިހާ ކަންތައްތަކެއް ތަރައްޤީކުރެއްވުމަށް، އަދި ބޭނުންތެރި ޚިޔާލުތައް ފާޅުކުރެއްވުމަށް، މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ޚަބަރުފަތުރާ ވަސީލަތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަޒަންކޮށް، އެ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ މަގުތައް އަޅުގަނޑުމެންނަށް އަންގަވައިދެއްވައި އަދި އެ ކަންތައްތައް ކުރުމުގެ ހެޔޮ ތައުފީޤާއި، ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި އިތުރަށް ރައްކާތެރިކުރެވި، ޙިމާޔަތްކުރެވޭނެ މަގުތައް އަޅުގަނޑުމެންނަށް ފެނިގެންދިޔުން. އަދި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރާއި، ރައްޔިތުންނާއި، އަމިއްލަ ފަރާތްތައް ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.