ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރަމެވެ. މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" އެވެ. ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ.

ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެކެވެ. އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައެވެ.

މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ. އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ.

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތެވެ. ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަމެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. އަދި ނޫސްވެރިންނާއި، ޑިޖިޓަލް ޙައްޤުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ. މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެއެވެ.

ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުންނެވެ. އަދި، ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހެއެވެ. ރާއްޖޭގެ އާބާދީ ކުޑަކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެވެ.

މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުންނެވެ. އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވަޢުދުތައް މިދަނީ ފުއްދަމުންނެވެ. ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީވެސް ކުރިން ދެންނެވި މަގަށް ދިވެހި މީޑިއާ ތަރައްޤީކުރުމަށް ފުރުސަތު ފަހިކުރުމަށެވެ. މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެއެވެ.

ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އަޅުގަނޑު އެކަމަކަށްޓަކައި ފަޚުރުވެރިވާކަމެކެވެ. ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

މިނިވަން މީޑިއާއަކީ ޙައްޤެކެވެ. އަދި، ޒިންމާއެކެވެ. ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށެވެ. ހަމައެހެންމެ، ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހެއެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަޙުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެކެވެ. މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަމެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހެއެވެ. މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ހަނދާންކޮށްދެމެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަދިވެސް އެއްފަހަރު ގޮވާލަމެވެ.