އަލްފާޟިލް އިބްރާހީމް ޚަލީލު:

މި ކާރިސާގައި ގެއްލުން ލިބުނު ތަންތަން ނުވަތަ ރަށްތައް، އަތޮޅުތައް ބައްލަވައިލެއްވުމަށް ދަތުރުފުޅެއް ކުރެއްވުމަށް މަނިކުފާނު ޚިޔާލުފުޅު ކުރައްވަމުތޯ؟ އަދި ސަރުކާރުގެ އެހެން އިސްވެރިން އެ އަތޮޅުތަކަށް ދަތުރުފުޅުތައް ކުރައްވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މި ގެއްލުން ލިބުނު ބައެއް ތަންތަން ބަލާލަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް ދަތުރު ފަށާނަން. ބައެއް ތަންތަނޭ މި ދެންނެވީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ވަނީ ގެއްލުން ލިބިފައި. އެހެންވީމާ، ހުރިހާ ރަށަކަށް މި ކަހަލަ ފުރުޞަތެއްގައި ދަތުރެއް ކުރުމަކީ، އެއްގޮތަކަށްވެސް ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންވީމާ، އެންމެ ބޮޑެތި ގެއްލުން ލިބިފައިހުރި ދިމަދިމާ ބަލައިގެން، އިރާދަކުރެއްވިއްޔާ އެހިސާބަށް ދިޔުމަށްޓަކައި އަޅުގަނޑު މާލަހެއްނުވެ ދަތުރު ފަށާނަން.

މިހާތަނަށް އަޅުގަނޑަށް ދަތުރުނުކުރެވި މިދިޔަ ސަބަބަކީ، މިކަމުގެ ބޮޑުކަމާއި އަދި މަޢުލޫމާތުތައް ހޯދުމަށް ކުރަންޖެހުނު މަސައްކަތްތަކާއި، ހަމައެއާއެކީގައި ބޭރުގެ އެހީ ހޯދުމަށާއި އަދި އަޅުގަނޑުމެންގެ ސަރުކާރުން ކުރަންވީ ކަންތައްތައް ވިލަރެސްކޮށް ހިންގުމުގައި، އަޅުގަނޑު ވަރަށް އަވަދިނެތިކޮށް އުޅެންޖެހިފައި އޮތީމާ، އެހެންވެގެން އަދި ނުދެވިވަނީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ ދަތުރު ފަށާނަން.

ދެން އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ރާއްޖެއަށް ދިމާވެފައިހުރި މި ކަހަލަ ބޮޑެތި ކަންތައްތަކުގައި އަޅުގަނޑު ވާނީ، ހަމަ ދަތުރުކޮށް، އެތަންތަނަށް ޒިޔާރަތްކޮށް، އެތަންތާނގެ މީހުންނާ ބައްދަލުކޮށް ހަދާފައި. އެހެންވީމާ، އަޅުގަނޑުގެ ދަތުރު ކުޑަތަންކޮޅެއް ލަސްވިޔަސް، އިރާދަކުރެއްވިއްޔާ ކުރާނެ ވާހަކަ ދަންނަވާލަން. އަދި މިހާތަނަށް އަޅުގަނޑަށް އަދި ނުދެވުނަސް، ދައުލަތުގެ ބައެއް ވަޒީރުން މިހާރުވެސް ދަތުރުފުޅު ކުރައްވައިފި. އިއްޔެވެސް ވަޑައިގެންނެވި. މިއަދުވެސް އެބަވަޑައިގަންނަވާ. އެހެންވީމާ، އެ ބޭފުޅުންވެސް ދަތުރުކުރައްވާނެ.

މިކަންކަމުގެ އިތުރުން، އަޅުގަނޑުމެން އެބަ ފޮނުވަންޖެހޭ، ހުރިހާ ރަށަކަށް ޓެކްނިކަލް ޓީމުތައް. އެއީ އެބޭފުޅުން ވަޑައިގެން ބައްލަވަން އެބަޖެހޭ، ކޮންމެ ރަށަކަށްވެސް ލިބިފައިހުރީ ކޮންކަހަލަ ގެއްލުންތަކެއްތޯ. އެ ގެއްލުންތައް ރަނގަޅަށް ބައްލަވާފައި، ނޯޓު ކުރައްވާފައި، އެމަޢުލޫމާތުތައް ގެންނަވަން އެބަޖެހޭ. ވަރަށް ރަނގަޅު ސާރވޭއެއް ކުރައްވައިގެން މިކަން އެނގޭނީ. އެހެން މި ދެންނެވީ، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭގޮތުގައި، ރަށްރަށުގައި ވަރަށް ބޮޑުބައެއް ހަލާކުވެފައި އެބަހުއްޓޭ، ވަރަށް ގިނަ ގެތައްވަނީ ހަލާކުވެފައޭ، އެހެން މި އަންނަނީ. އެކަމަކު ޙަޤީޤަތުގައި ކިހާވަރެއްގެ ގެއްލުންތަކެއްތޯ، ކޮން ގޭގެއަކަށްތޯ، އެ ބަލަން އެބަޖެހޭ.

އެހެންވީމާ، ރަނގަޅު ސާރވޭއެއް ކޮށްގެން، އެ މަޢުލޫމާތުތައް ތަފްޞީލުކޮށް އެނގޭނީ. ތަފްޞީލުކޮށް އެ މަޢުލޫމާތުތައް ލިބުނީމާ، ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައްވެސް ދެނެގަނެވޭނީ. ކިހާވަރެއްގެ މަސައްކަތެއްގެ ވާހަކަތޯ މި ދައްކަނީ. ރަށްތައް އަލުން އާބާދުކުރުން ނުވަތަ ގެދޮރު މަރާމާތުކުރުން ނުވަތަ އެހެނިހެންވެސް ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި ކޮންކަހަލަ މަސައްކަތްތަކެއްތޯ ކުރަންޖެހެނީ. އެވެސް އެނގޭނީ މި ދެންނެވި ކަހަލަ ސާރވޭއެއް ކޮށްގެން. އެހެންވީމާ، އެ ސާރވޭ ކުރުމަށް އެދާ ޓީމުތައް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފުރާނެ.

ދެން އަޅުގަނޑުގެ ދަތުރު ކުޑަތަންކޮޅެއް ލަސްވިޔަސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މިކަމުގައި ކުރާ ހިތާމަ، ވަރަށް ބޮޑޭ. އަދި ޚާއްޞަކޮށް، ދިވެހިންގެ ވަރަށްގިނަ ބަޔަކު މި ހާދިސާގައި ނިޔާވެދިޔުމަކީ، އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު ހިތާމައެކޭ. އެހެންވީމާ، އަޅުގަނޑުމެންނާ އެ ވަކިވި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ހެޔޮރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި އެ ހުރިހާ އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އޭގެއިތުރުން، މި ހިތާމަ ދިމާވި ޢާއިލާތަކަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރުދީ ރައްދުކުރަން.