بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ދަރުމަވެރިންނަށް، ހެޔޮއެދުންތައް ފޮނުވައި، މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުން ތިޔަކުރައްވަނީ، ދުލަކުން ނުވަތަ ގަލަމަކުން އަގު ވަޒަންކުރެއްވޭ ވަރަށްވުރެ، މާމަތިވެރި މާ ޝަރަފުވެރި މަސައްކަތެއް. އެއްވެސް ބަދަލެއް ލިބުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުން ކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއް ނޯންނާނެ.

ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް. މިފަހުގެ ތާރީޚުގައި އަޅުގަނޑުމެން ތަޖުރިބާކުރަންޖެހުނު ބައެއް ހާދިސާތަކުންވެސް ވަނީ މިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި. 2004ގެ ސުނާމީ ކާރިޘާގައިވެސް، އަދި އޭގެ ފަހުން ބައެއް ރަށްރަށަށް ކުރިމަތިވި ރާޅު އެރުމުގެ ހާދިސާތަކާއި، މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައިވެސް، އިންސާނީ އެހީތެރިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅު އިސްވެ އުޅުއްވާ ބަޔަކީ، ހިލޭސާބަހަށް މަސައްކަތްކުރައްވާ ވޮލަންޓިއަރުން. އެފަދަ ޙާލަތްތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ދަރުމަވެރިންގެ ޚިދުމަތް ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ލިބިގެންދާކަން ފާހަގަކުރެވޭ. އެކަމަށްޓަކައި، މުޅި މުޖުތަމަޢު ތިޔަބޭފުޅުންގެ އަގު ވަޒަންކުރައްވާ.

މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުން ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމުގައި، ދަރުމަވެރިން އަދާކުރަމުން އެގެންދަނީ، ވަރަށް އަގުހުރި ޚިދުމަތްތަކެއް. ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގަޔާއި، ކޮންޓްރެކްޓް ޓްރޭސިންގ ހެދުމުގައި އަދި ސާމްޕަލް ނެގުމާއި، އެނޫންވެސް އިދާރީ ކަންކަމުގައިވެސް، ދަރުމަވެރިން އަދާކުރަމުން    އެ އަންނަނީ، ޤައުމީ ފެންވަރުގައި އަގުވަޒަންކުރަންޖެހޭފަދަ މުހިންމު ޤައުމީ މަސައްކަތެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ދަރުމަވެރިއެއްގެ ގޮތުގައި، ހިލޭސާބަހަށް އިންސާނިއްޔަތަށް ޚިދުމަތްކުރުމަކީ، ލިބޭ ހުސް ވަގުތުގައި ކޮންމެ މީހަކަށްވެސް ކުރެއްވޭނެ ޚިދުމަތެއް. ދަރުމައަށް މަސައްކަތްކުރުމަކީ ދުނިޔަވީ ޙަޔާތުގައި އަދާކުރެވޭނެ އެންމެ އަގުހުރި ޚިދުމަތްކަން ޤަބޫލުކުރައްވައި، މި މުހިންމު ޚިދުމަތާ ގުޅިވަޑައިގަތުމަށް ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.