ސަރުކާރުގެ އަމާޒަކީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލާމަޒުކަޒުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގެ ދެ ރަށަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ގަމަށް ވަޑައިގަންނަވާ، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ކަމަށްޓަކައި ޚާޢްޞަކޮށްފައިވާ ރަސްމިއްޔާތު ބާއްވާފައިވަނީ ގަމު ޒޯން ސްޓޭޑިއަމުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވާފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ. ސްކޭންގެ ޚިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑެވެ. މީގެ ތެރެއިން ވެސް، އެންމެ ފާހަގަކޮށްލެވޭ އަދި މުހިންމު ޚިދުމަތަކީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ގެންނަމުންދާ ބަދަލުތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން، އަމިއްލަ ރަށުގައި ތިބެ، ނުވަތަ އަތޮޅުގައި ތިބެ، ސީ.ޓީ. ސްކޭންގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު މިއަދު ފަހިކޮށްދެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން، އޯ.ޕީ.ޑީ.ގައި އިތުރު ކޮޓަރި ބިނާކުރުމުގެ އިތުރުން ޑިޖިޓަލް އެކްސްރޭއާއި، މެމޯގްރާމްއާއި، ދަތުގެ ފަރުވާ އަދި ފިޒިއޯތެރަޕީ ފަދަ ޚިދުމަތްތަކާއި، ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހޮސްޕިޓަލަށް ގެނެވިފައިވާކަން ފާހަގަކުރައްވާ އެ މަނިކުފާ ވިދާޅުވީ، އެ ތަކެތި ބަހައްޓާ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދާ ކަމުގައެވެ. އަދި، އެ ތަނަށް ބޭނުންވާ ޑޮކްޓަރުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޞިއްޙީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލ.ގަމުގައި ކެންސަރަށް ފަރުވާދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކަމާގުޅޭ ލިޔެކިޔުންތައް ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބަދަލުކުރެވި، އެ ކަމާގުޅޭ މަޝްވަރާތައް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން އުފެދެމުންދާ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މި ގޮތުން، މިފަދަ މަޝްރޫޢުތަކާއެކު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، އެ މީހުންގެ އަމިއްލަ ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ތަނަވަސް ފުރުޞަތުތަކެއް އުފެދިގެންދާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމުގައެވެ.

މިއަދު އިފްތިތާޙުކުރެވުނު ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމުގެ ޚިދުމަތާމެދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ ގަމުގެ ރައްޔިތުންނަށް ގިނަ މަންފާތަކެއް ކުރާނެ ޚިދުމަތެއް ކަމުގައެވެ. އަދި، މިއީ ތިމާވެށީގެ ގޮތުންނާއި ޚަރަދުގެ ގޮތުން ބަލާއިރު ވެސް ވަރަށް ރަނގަޅު ބަދަލުތަކެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ މި ޚިދުމަތާއެކު ގަމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ޙައްލުވެގެންދާނެ ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައެވެ.

މި ރަސްމިއްޔާތު ބޭއްވި ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ފީފާގެ މިންގަނޑުތަކަށް ފެތޭގޮތަށް ބިނާކޮށްފައިވާ ދަނޑެއްކަން ފާހަގަކުރައްވާ، ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒުކުރުމުގެ ސިޔާސަތުތަކުގެ ދަށުން ބިނާކުރެވޭ މިފަދަ ދަނޑުތަކާއި އެހެނިހެން ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި، ސަރުކާރުގެ އަމާޒަކީ ގަމާއި ފޮނަދޫ އިޤްތިޞާދީ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުން ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ހައްދުންމަތީގެ ތަރައްޤީއަށް ރާވާފައިވާ މުހިންމު އެކިއެކި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށް ވުރެ ބޮޑު ޙިއްޞާއެއް ވެވޭނެ ދެ ޞިނާޢަތަކަށް ހެދުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ. އަދި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެ ދެ ޞިނާޢަތުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ރާވާފައިވާކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. މި ގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ސަރުކާރުގެ އަމާޒަކީ އެންމެހައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ހިލޭ ކޯވިޑް-19ގެ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމުގައި ހާމަކުރައްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަމުގައި އަލަށް ބިނާކޮށްފައިވާ މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އެ ތަން ބައްލަވައިލައްވާފައެވެ.