بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޅ. ކުރެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން އިބްރާހީމް، ޖެނެރަލް އޮފިސަރުން، ސިފައިންގެ އެހެނިހެން ރޭންކްތަކުގެ އޮފިސަރުން، ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ ކަމުގައިވާ ލޮބުވެތި ދިވެހި ސިފައިން، އަދި ދިވެހި ސިފައިންގެ ލަޝްކަރާ އަލަށް ގުޅިވަޑައިގެންނެވި އެންމެހައި ފަހުލަވާނުން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދެންމެ މަޤާމުގެ ހުވާ ކުރައްވައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި ލަޝްކަރާ ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

މިއަދަކީ ތިޔަ ސިފައިންގެ ޙަޔާތުގައި ވަރަށް ޚާއްޞަ ދުވަހެއް. ޙަޔާތުގެ މުޅިން އައު ޞަފްޙާއެއް ލިޔަން ފަށާ ދުވަހެއް. މުޅިން ތަފާތު ހައިސިއްޔަތަކުން، ޤައުމުގެ އެންމެ އަގުހުރި ޚިދުމަތަށް ނުކުންނަ ދުވަސް. ތިޔަބޭފުޅުންގެ ޒުވާންކަމުގެ ތާޒާ ލޭގެ ވިންދާއެކު، މިއަދު ތިޔަ ކުރިމަތިލައްވަނީ، މިޤައުމުގެ އެންމެ މަތިވެރި ޒިންމާތަކާ.

ތިޔަ ސިފައިން ދެންމެ ކުރި ހުވަޔަކީ، ތިޔަ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް.

މިވޭތުވެދިޔަ ތިން މަސްދުވަހު، މި މަރުކަޒުގައި ތިޔަ ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މިދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ، ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލުކުރުމުގެ ތަމްރީނު.

އޭގެ ތެރެއިންވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން. ދެންމެ ކުރި ހުވަޔާ އެއްގޮތަށް، ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫޙު އުފެދޭނީ، މި ދެ ސިފަ ހުރެގެން. އިސްލާމް ދީނާއި ޤައުމުގެ ޙައްޤުގައި ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި، އެކަންކުރެވޭނީވެސް މި ދެ ސިފަ ހުރެގެން.

މިއަދަށްފަހު، ތިޔައިން ކޮންމެ މީހަކީ، ދިވެހި ޢަސްކަރިއްޔާގެ ކޮންމެވެސް ޔުނިޓަކާ ގުޅޭނެ މީހެއް. އެހެންކަމުން އެމީހަކު ޢަމަލީ ޚިދުމަތަށް ނުކުންނަ ދާއިރާއަކާ ގުޅޭގޮތުން، އިތުރަށް ތަޢުލީމު ޙާޞިލުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީން ފުރުޞަތުތަކުގެ ބޭނުން ހިފައި، ތިމާގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން.

ދިވެހި ޢަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއް. މި ޤައުމުގެ ނަން ކިލަނބުކޮށްލައި، ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މި މުއައްސަސާއިން އުފެއްދި ޤައުމީ ބަޠަލުން. އެހެންކަމުން، ތިޔަ ސިފައިންނަކީ، ފަޚުރުވެރި ދިވެހި ޢަސްކަރިއްޔާގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓާނެ ސިފައިންކަމާމެދަކު ޝައްކެއްނެތް.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިޔަ ސިފައިންނަކީ، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި ޢަސްކަރިއްޔާގެ މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސްނުޖެހޭ، ހިތްވަރުގަދަ ހުޝިޔާރު ބައެއް. ހަމައެފަދައިން ޖެހިލުން ކުޑަ، ޢަޒުމް ވަރުގަދަ ބައެއް.

ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއް. އެ ތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ތިޔައިން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައިވެސް ފެންނަންޖެހޭނެ. ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި، ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަޚްލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ ޢަޤީދާގައި، ޢަމަލާއި ބަހުން ސާބިތުވެ ހުރުން. ދެވަނަ ކަމަކީ، ކޮންމެ ޙާލަތެއްގައިވެސް، ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިންވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސިފައިންގެ ޢާއިލާއާ ގުޅުމަށް، ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ، ތިޔަބޭފުޅުންގެ މުޅި ޙަޔާތުގައިވެސް ނިންމެވި، އެންމެ ފުރިހަމަ އަދި އެންމެ ފަޚުރުވެރި ނިންމުން. މިއަދު ތިޔަ ކުރެއްވި ހުވަޔާއެކު، ޙަޤީޤަތުގައި ތިޔަ އިޖާބަދެވުނީ، ޤައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި އާނއެކޭ ބުނުމަށް.

މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާޢު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ޞުލްޙަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް ޢަޒުމެއްގައި އެއް އަމާޒަކަށް.

ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން. އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކަކު އަނެކަކުދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް ޢާއިލާ. އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު އެއްފަރާތްކޮށް، މުޅި ޢަސްކަރިއްޔާގެ މަޞްލަޙަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް.

ތިޔަބޭފުޅުންގެ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެގޮތް ދަސްކުރިއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށްއެރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން. ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ، ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި.

މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ ޢަމަލުތައް. ބައިނަލްއަޤްވާމީ ޞުލްޙަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް. ތިޔަ ސިފައިން ޙާޞިލުކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީނުތަކެއްކަން އަޅުގަނޑަށް ޔަޤީން.

ސިފައިންގެމީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް.

އެފަދަ ބަޠަލުންގެ ހަނދާންތައް، އެ ޤައުމެއްގައި އަބަދުވެސް އާކުރެވޭނެ. ހުރިހާ ޖީލުތަކެއްގައިވެސް އެމީހުންނަށް ހެޔޮދުޢާކުރެވޭނެ. ޝަހީދު ޢަލީ ރަސްގެފާނު، އުތީމު ބޮޑުތަކުރުފާނު، އަދި ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމް ފަދަ ބަޠަލުންގެ ނަންފުޅުތައް، ޤައުމީ މުނާސަބާތަކުގައި އަބަދުމެ ގުގުމަމުން ދަނީ އެ ސަބަބަށްޓަކައި.

އެފަދަ ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މި ރާއްޖޭގެ ދިފާޢުގައި، ދިވެހި ދަރިންގެ ޙައްޤުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް އޮތް، ޤާބިލް ޢަސްކަރީ ފައުޖެއް، މިއަދުވެސް މި ރާއްޖޭގައި ޤާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން.

މިދެންނެވި ޤާބިލުކަން އިތުރުކޮށް، ސިފައިންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން މި އަންނަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން. އަދި އެކަމުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ދެއްވާ ސަމާލުކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވަން. އަދި ޒަމާނީ ޤާބިލް ޢަސްކަރިއްޔާއެއް ބިނާކުރުމަށް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ޖެނެރަލް ޝަމާލަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަދި އެކަމުގައި އެހާމެ މުހިންމު އެހީތެރިކަމެއް ދެއްވާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަށާއި، ސިފައިން ތަމްރީންކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދަށާއި، ޖެނެރަލް އޮފިސަރުންނަށްވެސް ޝުކުރު ދަންނަވަން. އަދި ސިފައިންގެ ވަކިވަކި ޔުނިޓްތަކުގެ އިސް ވެރިންނަށްވެސް ޝުކުރު ދަންނަވަން.

ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށްވިޔަސް، މަދަނީ އަދި އިޖުތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއްވެސް ސިފައިންގެ ޚިދުމަތާ ލާމެހިފައިވާކަން އަޅުގަނޑުމެން ހަނދާންކުރަން. އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމުގައިވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް.

މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމުގައިވެސް، އެންމެ ކުރީ ސަފުގައި ވަރަށް ގިނަ ޢަދަދެއްގެ ސިފައިން އެބަ މަސައްކަތްކުރޭ. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމާއި، ޞިއްޙީ ޚިދުމަތްދޭނެ ވަގުތީ ތަންތަން ޢިމާރާތްކުރުމުގައިވެސް، ސިފައިން އެ އަދާކުރަނީ ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް.

އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ސިފައިންގެ ޢާއިލާއާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށްވެސް، ވަރަށް ކާމިޔާބު، ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން.

އަޅުގަނޑުގެ ދުޢާއަކީ، އެންމެހައި ޢުދުވާނީ ޢަމަލުތަކާއި ނުރަނގަޅު އެންމެހައި ކަންކަމުން، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް، ދިވެހި ސިފައިން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރުކުރެއްވުން. ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރައްވައި، ފުރިހަމަ ޞިއްޙަތާއި ރައްކާތެރިކަން ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، ދިވެހި ޢަސްކަރިއްޔާއަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.