އަލްފާޟިލް އިބްރާހީމް ޚަލީލު:

މި ބައްދަލުވުން ހިނގައިދިޔަގޮތުން މީޑިޔާއަކަށް ފުރުޞަތު ލިބިގެނެއްނުދިޔަ، ދިވެހިރާއްޖޭގެ ޙާލަތު މަނިކުފާނު ބަޔާންކުރެއްވި އަޑުއަހާލުމަކަށް. އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލާހިތްވޭ، ދިވެހިރާއްޖޭގެ ޙާލަތު ބަޔާންކުރެއްވުމުގައި މަނިކުފާނު ކޮންކޮން ކަންތައްތަކެއްތޯ ހުށަހެޅުއްވީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ދިވެހިރާއްޖޭގެ ޙާލަތު ބަޔާންކުރުމުގައި އަޅުގަނޑު ބެލީ، ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ލިބުނު ގެއްލުންތައް ޚުލާޞާކޮށް ބުނެވޭތޯ.

ދެން އަޅުގަނޑު ދެންނެވި ވާހަކައަކީ، ދިވެހިރާއްޖެއިން މާތް ﷲ ގެ ރަޙްމަތްފުޅުން މަރުވި މީހުންގެ އަދަދު މަދަކަސް، އަދި ގެއްލުނު މީހުންގެ އަދަދު މަދަކަސް، އެހެން ޤައުމުތަކާ ނިސްބަތްކުރާއިރު، އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލިބުނު ގެއްލުން އެއްގޮތަކަށްވެސް ކުޑައެއްނޫނޭ. ޙަޤީޤަތުގައި ދިވެހިރާއްޖެއަށް ލިބުނު އިޤްތިޞާދީ އަދި އިޖުތިމާޢީ ގެއްލުންތައް އެހެން ޤައުމުތަކަށްވުރެ މާބޮޑޭ. އެކަމުގެ ދަލީލުތައް އަޅުގަނޑު ދެއްކިން. އެއީ އަޅުގަނޑުމެންގެ ވަރަށް ގިނަ ރަށްރަށުގެ ގެދޮރު އެކީ ހަލާކުވެގެންދިޔަކަމާއި، އަޅުގަނޑުމެންގެ މަސްވެރިކަމުގެ އުޅަނދުތައްވެސް، ވަރަށް ގިނަ އެއްޗެތި ހަލާކުވެގެންދިޔަ ވާހަކައާއި، ރަށްތަކުގެ ފާލަންތަކާއި މި ކަންތައްތައް ދިޔަ ވާހަކައާއި، ދެން އަނެއްކާ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އެހާބޮޑު ގެއްލުން ލިބުނުކަމާއި، މިހެންގޮސް އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ވަރަށް ގިނަ ބިންގާތަކެއް މިހާރު ވަނީ ހަލާކުވެފައިކަމާ، މި ވާހަކަތައް ދެންނެވިން.

އަނެއްކާ ރާއްޖޭގައި އެ ބުނާކަހަލަ އިންޒާރުގެ ސިސްޓަމެއް، އެއީ އެކަހަލަ ބޮޑުރާޅެއް އަންނާނެކަމުގެ ސިސްޓަމެއް ޤާއިމުކުރިނަމަވެސް، އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅުތައް ވަރަށްމަދޭ. އެހެންވީމާ، ކޮންމެވެސްކަހަލަ އާ ނިޒާމެއް ޤާއިމުކުރަން އެބަޖެހެއޭ. އެކަހަލަ އިންޒާރެއް ލިބުނަސް، ރާއްޖޭގެ ރައްޔިތުން ސަލާމަތްވެވޭނެ ގޮތެއް އޮންނަން އެބަޖެހެޔޭ. އެއީ އެހެން ތަންތާނގައިވިއްޔާ، އުސްތަންތަނަށް ދެވިދާނެ ނުވަތަ އައްސޭރިފަށުން ދުރަށް ދެވިދާނެ. ރާއްޖޭގައި އައްސޭރިފަށުން ދުރަށްދާނެ ތަނެއް ނެތް. އަދި ރާއްޖޭގައި އުސްބިންތަކެއްވެސް ނެތް.

އެހެންވީމާ، ކޮންމެވެސް އެހެންގޮތެއް ހަދަން އެބަޖެހެއޭ އަޅުގަނޑު ދެންނެވިން. ހުރިހާ ބޭފުޅުންވެސް، ވަރަށް ބޮޑަށް ގަބޫލުކުރެއްވި އެކަން. ރާއްޖޭގައި އަދި މިހާރު ޙާލަތު އޮތްގޮތުން އަދި އެކަހަލަ އާރލީ ވޯރނިންގ ސިސްޓަމެއް ޤާއިމުކުރެވުނަސް، އެއަކުން ހުރިހާ ކަމެއް ހަމައެއްނުޖެހޭނެކަން.

ދެން ވަރަށް ގިނަ ބޭފުޅުން، އަޅުގަނޑު ވާހަކަ ދެއްކިފަހުން އަޅުގަނޑާ ބައްދަލުކުރައްވައި ވިދާޅުވި، އަޅުގަނޑު ހުށަހެޅި ހުށަހެޅުން ވަރަށް ރަނގަޅޭ. އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ވިސްނިވަޑައިގެންފިއޭ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ވަރަށް ގިނަ ޤައުމުތަކުގެ ހަމްދަރުދީއާއި އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެ.

އަލްފާޟިލް އިބްރާހީމް ޚަލީލު:

ދިވެހިރާއްޖެ އަލުން އާރާސްތުކުރުމަށް، މި ލިބުނު ގެއްލުމުގެ ސަބަބުން އަލުން އާރާސްތުކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ އެބަ ބޭނުވޭ. މި ބައްދަލުވުމުގެ ސަބަބުން ބައިނަލްއަޤްވާމީ އެހީ ހޯދުމަށް ދިވެހިރާއްޖެއިން މި ކުރަމުންދާ މަސައްކަތަށް އިތުރު އަލިމަގެއް ފެނިގެން ހިނގައްޖެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު ދަންނަވާނީ، މާތް ﷲގެ ވާގިފުޅުން އަލިމަގެއް ފެނިގެން ހިނގައްޖެޔޭ. އެއީ މިތަނަށް އަޅުގަނޑަށް އާދެވުނުކަން ވަރަށް ރަނގަޅު. އެއީ ވަރަށް ގިނަ ޤައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރެވިއްޖެ. އަދި އެބޭފުޅުންނަށް ރާއްޖޭގެ ޙާލަތު ދަންނަވައިލެވިއްޖެ. އަދި އެބޭފުޅުން އެކަމާދޭތެރޭގައި ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވި. ވަރަށް ގިނަ ފަރާތްތަކުން ހަމަ ކަނޑައެޅިގެން އެހީވެދެއްވާނެކަމަށް ވިދާޅުވި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މިބައްދަލުވުމަކީ ރާއްޖެއަށް ވަރަށް ފައިދާކުރުވަނިވި ގޮތެއްގެމަތިން ހިނގައިދިޔަ ބައްދަލުވުމެއްހެން.

އަލްފާޟިލް އިބްރާހީމް ޚަލީލު:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ!