އަލްފާޟިލް އިބްރާހީމް ޚަލީލު:

އ.ދ. ގެ ސެކްރެޓެރީ ޖެނެރަލް ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅާ ގުޅިގެން، ދިވެހިރާއްޖެއަށް މިކުރިމަތިވި ހިތާމަވެރި ކާރިސާގައި ރާއްޖެއަށް މި ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު ބާރެއް ނުވަތަ އިތުރު ހިތްވަރެއް ލިބިވަޑައިގެންފިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ޝައްކެއްނެތް. އ.ދ. ގެ ސެކްރެޓެރީ ޖެނެރަލް ރާއްޖެއަށް ވަޑައިގަތުމުން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ. ވަރަށް ބޮޑު ބާރެއްވެސް ލިބިގެން ހިނގައްޖެ. އެއީ އ.ދ. މަޖިލީހަކީ އެނގިވަޑައިގަންނަވާނެ ފަދައިން، މި ކަހަލަ ކަންތައްތަކުގައި މުޅި ދުނިޔޭގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޖަމާޢަތެއް. ރާއްޖެއަކީވެސް އޭގެ މެންބަރެއް. އެ ޖަމާޢަތުގެ އެންމެ އިސްވެރިޔަކަށް މި ހުންނަވަނީ ސެކްރެޓެރީ ޖެނެރަލް. ސެކްރެޓެރީ ޖެނެރަލް ވަޑައިގަތުމުން، އެއިން އެ ރަމްޒުކޮށްދެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢު މިކަމަށްދޭ އަހަންމިއްޔަތާއި، ދޭ ސަމާލުކަން. އަދި އޭނާ ރާއްޖެ ވަޑައިގެން، ރާއްޖެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިހުރި ބައެއް ރަށްރަށަށް މިއަދު ޒިޔާރަތް ކުރައްވައި، އަމިއްލަފުޅަށް އެތަންތަން ދެކެވަޑައިގަތުން އެއީ އަޅުގަނޑު ދެކޭގޮތުގައި، އޭނާވެސް އެކުރައްވާ މަސައްކަތަށް އިތުރު ބާރެއް، އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް.

އަލްފާޟިލް އިބްރާހީމް ޚަލީލު:

އޭނާ ބޮޑަށް ފާހަގަކުރެއްވި ކަންތައްތަކަކީ ކޮބައިތޯ، މަނިކުފާނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އޭނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެއްކަމަކީ، ރާއްޖެއިން މާތްﷲގެ ރަޙްމަތްފުޅުން މަރުވި މީހުންގެ އަދަދު މަދަކަސް، ރާއްޖެއަށް ލިބުނު ގެއްލުން ކުޑައެއްނޫންކަމަށް. އެއްކަމަކަށް އޭނާ ހަމަ އެހެން ވިދާޅުވި.

ދެން އަނެއް ކަމަކަށް، ރާއްޖޭގެ ސަރުކާރާއި ރައްޔިތުން، ޤައުމީ ރޫޙެއްގައި މަސައްކަތް ކުރަމުންދާލެއް ފުރިހަމަކަން އޭނާ ދެކެވަޑައިގެންފައި، އެކަމަށްވެސް ވަރަށް ތާރީފުކުރެއްވި.

ހަމައެއާއެކީގައި ވިދާޅުވި، އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ، ރާއްޖެ ކުރިން އޮތް ޙާލަތަށް ގެނައުން އެކަންޏެއް ނޫނޭ. އެއަށްވުރެ ރަނގަޅު ޙާލަތަކަށް ގެނެވޭތޯ މަސައްކަތް ކުރުމޭ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް އެއްބާރުލައިގެން، އެންމެން ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުން ވަރަށް ބޮޑު ފައިދާކުރާނެ ކަމަށް ދެކެވަޑައިގަންނަވަމޭ.

ހަމައެއާއެކީގައި ވިދާޅުވި، އ.ދ. މަޖިލީހުން ނުވަތަ އ.ދ. މެދުވެރިވެގެން ވިލަރެސްކޮށްގެން އެކިއެކި އެހީ ލިބޭނީ، އަޅުގަނޑުމެންނަށް މި ދިމާވި ކަންތައްތައް ރަނގަޅަށް ބެލިގެންނޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ރަނގަޅަށް ބެލުމުގެ ނިޒާމެއް މިހާރު ޤާއިމުކުރެވިފައިވާތީ، އެކަމާ އުފާކުރައްވާ ވާހަކަ ވިދާޅުވި. އެއީ ދިވެހި ސަރުކާރާއި، ވާރލްޑް ބޭންކާއި، ޔޫ.އެން.ޑީ.ޕީ.އާ ގުޅިގެން ނީޑްސް އެސެސްމަންޓް ސާރވޭއެއް ހެދުމުގެ މަސައްކަތް މިކުރަނީ. އެހެންވީމާ، އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި އޭނާ ވިދާޅުވި.