ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މިކަމަށް އެދިވަޑައިގެން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ކުރިއަށް އޮތް އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތާއި، އެ ކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި މިއޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ފަދަ ދަތި ވަގުތެއްގައި ވެސް ސަރުކާރުން އަމާޒުހިފާފައި ވަނީ ފައިސާ ހޯދައިގެން ނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ބަޖެޓާ ބެހޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޖެޓުގެ ބައެއް ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ. އެ ގޮތުން ސަރުކާރުން ހުށަހެޅި ބަޖެޓުގައި ޞިއްޙީ ދާއިރާއަށް ހޭދަކުރުމަށް 4 ބިލިއަން ރުފިޔާ، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް 3.9 ބިލިއަން ރުފިޔާ، އަދި އިޖުތިމާޢީ ދާއިރާއަށް ހޭދަކުރުމަށް 3.7 ބިލިއަން ރުފިޔާ ހިމަނާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޖެޓު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުތައް އަޑުއައްސަވާފައިވާކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ތެރޭގައި މުސާރަތަކާއި، ހިންގުމަށް ހިނގާ ޚަރަދާއި، އާސަންދައާއި، ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔާތްތަކާއި، އެކަނިވެރި މައިންނަށްދޭ އިނާޔަތްތަކުގެ އިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސާފައިވާނެ ކަމުގައި ވިދާޅުވިއެވެ.
އެ ގޮތުން މި ޚަރަދުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ އެއަރޕޯޓު ތަރައްޤީކުރުމުގެ އިތުރުން މާލޭ ބްރިޖާއި، ވިޔަފާރި ބަނދަރާއި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، ފަސް ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ވަގުތަކީ ބަޖެޓު ކުޑަކޮށް މަޝްރޫޢުތައް މަޑުޖައްސައިލަންވީ ވަގުތު ނޫން ކަމަށާއި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ، މި ދަނޑިވަޅުގައި އިޤްތިޞާދު ހިންގުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދަރަނީގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ދައުލަތަށް ދަރަނި ނެގުމަކީ، މި ސަރުކާރުން ކުރިކަމެއް ނޫންކަން އެ މަނިކުފާނު ސާފުކޮށްދެއްވިއެވެ.
"މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ. އާދެ، ފައިސާ ހޯދަންޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒަރވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު،" ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދުގެ ހާލަތާ ގުޅުވައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އައި ސަރުކާރެއްކަން ހާމަކުރައްވައި، އެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން، މި ކަމުގައި ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.