بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، އަޅުގަނޑާއެކު މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމް، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، އަދި ކައުންސިލްގެ މެންބަރުން، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް، ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަޅުގަނޑުގެ ވާހަކަކޮޅު ފަށަމުންވެސް ދަންނަވަން ބޭނުންވަނީ، ހޯރަފުށީ ރައްޔިތުންނަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. އަޅުގަނޑުމެންނަށް މަރުހަބާ ކިޔުމަށްޓަކައި މިއަދު ތިޔަބޭފުޅުން ތައްޔާރުވެވަޑައިގެން ތިޔަ ކުރެއްވި މަސައްކަތަށާއި އަދި އަޅުގަނޑާ މުޚާޠަބުކޮށް ތިޔަ ވިދާޅުވި ހެޔޮބަސްފުޅުތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ހޯރަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިހާ ދަތި އުނދަގޫ ދުވަސްވަރެއްގައިވެސް، މިހާ ފުރިހަމަ ތައްޔާރީތަކެއް ވެފައި މިއޮތީ ހަމައެކަނި އެއަރޕޯޓެއް ހުޅުވޭތީކީ ނޫން. މިތައްޔާރީތަކުން އަޅުގަނޑަށް ފެނިގެން ދަނީ، ތަރައްޤީއާމެދު ތިޔަބޭފުޅުންގެ ހިތްތަކުގައި އުފެދެމުން އަންނަ އާރޯކަމާއި ދިރުން.
ހޯރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ހުޅުވުމާ ހަމައަށް މި ކުރެވުނު މަސައްކަތުގައި، މި ރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާއި، މިކަމަށް ދެއްވި ސަމާލުކަން، އެއީ މި ޖަޒީރާ ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދުމާއި، ހިއްކި ސަރަހައްދުގެ ގޮނޑުދޮށް އެއްވަރުކުރުމާއި، ޓަރމިނަލްގެ އެކި މަސައްކަތްތަކުގައިވެސް މި ރަށު ރައްޔިތުންގެ ޙިއްޞާ ވަރަށް ބޮޑު. ރަންވޭގައި ދަމާފައި ހުރި ރޮނގުތައް ކުރެހުމުގައިވެސް، މި ރަށުގެ ފަންނުވެރި ޒުވާނުން ބައިވެރިވި.
ޖުމްލަކޮށް ދަންނަވާނަމަ، މި އެއަރޕޯޓުގެ މަސައްކަތްކުރި، އެމް.ޓީ.ސީ.ސީގެ ފަރާތުން އެދުނު ކޮންމެ ކަމެއްގައި، މި ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދިޔަ. މިކަންކަމަށް ބަލާއިރު، މިއީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްޤީކުރެވިފައިވާ އެއަރޕޯޓެއް. އަދި މިސަރަހައްދުގެ ރަށްރަށުގެ ވަރަށް ބޮޑު އެހީތެރިކަމެއްވެސް ލިބިގެންދިޔަ އެއަރޕޯޓެއް.
އަޅުގަނޑަށް އެނގިފައި އޮތްގޮތުން، ހޯރަފުށްޓަކީ އާދަޔާ ޚިލާފު އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު ދިރިއުޅޭ ރަށެއް. ޢިލްމީ ގޮތުން ކުރިއަރައި، ތަހުޒީބާއި ކުރިއެރުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް. ޚާއްޞަކޮށް، އަތު މަސައްކަތްތެރިކަމުގައި، 1950ގެ އަހަރުތަކުން ފެށިގެން މި ރަށަކީ ރާއްޖެއަށް މަޝްހޫރު ރަށެއް.
1958 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އަތްތެރިމަސައްކަތުގައި، މިރަށުގެ ތިން ބޭފުޅަކު އުފެއްދެވި، ފާރުގައި ހަރުކުރާ ބޮޑުގަޑިއަކީ، އެ އަހަރުގެ އެއްވަނަ އުފެއްދުން. ކެނބެއްގެ ގޮތުގައި ބޭނުންކުރި ޗޭނުކޮޅު ފިޔަވައި، ގަޑީގެ ހުރިހާ ބައިތަކެއް އުފައްދާފައި ހުރީ ލަކުޑިން. އެއީ މާގިނަ ވަސީލަތްތަކެއްވެސް އޮތް ޒަމާނެއް ނޫން.
އާދެ، މިއީ ހޯރަފުށީ ރައްޔިތުންގެ އިތުރުން، އިހަވަންދިއްޕޮޅު ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އެހެންކަމުން، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައިވެސް، މިހާ ބުރަ މަސައްކަތެއް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ފުރިހަމައަށް ކޮށްދެއްވިކަމަށްޓަކައި، އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
މި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވި ޚާއްޞަ ސަމާލުކަމަށްޓަކައި، މިނިސްޓަރ ޢާއިޝަތު ނަހުލާއަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި އެއަރޕޯޓް ހެދުމުގައި ޕްލޭނިންގ މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަކޮށް، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށާއި، ހުރިހާ މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދަންނަވަން. އަދި މި މަސައްކަތް ފުރިހަމަކުރުމުގައި ފެނަކައިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.
މި މަޝްރޫޢަކީ، ޤައުމީ ރޫޙާއި ޤައުމީ ޖޯޝް ވަރަށް ބޮޑަށް އެކުލެވޭގޮތަށް ފުރިހަމަވެގެންދިޔަ މަޝްރޫޢެއް. މި ދެންނެވީ، ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް ދިރުވުމުގަޔާއި، ޤައުމީ ޚިދުމަތުގައި މުޅި ޢުމުރު ހޭދަކުރެއްވި، މަޝްހޫރު ހޯރަފުށީ އާދަމް ސަލީމުގެ ޢާއިލާއިން މި މަޝްރޫޢަށް ދެއްވި ސަމާލުކަމުގެ ވާހަކަ.
އާދެ، މަރްޙޫމް އާދަމް ސަލީމުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، މި މަޝްރޫޢުގެ އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މިކަމަށް މި ދެއްވި ސަމާލުކަމަކީ، މި މަޝްރޫޢު ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް. ޢިއްޒަތްތެރި މެންބަރު، ދާއިރާގެ ކަންތައްތަކުގައި އަދި ޚާއްޞަކޮށް، މި އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި އަވަސްކުރުމަށްޓަކައި އަޅުގަނޑާ ފޯނުން ގުޅުއްވައި އަދި ބައްދަލުކޮށް، ކިތަންމެ ފަހަރަކު މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި އެބަހުރި. އެކަމަށްޓަކައި، މި ރަށުގެ ލޮބުވެތި ރައްޔިތުންގެ ނަމުގަޔާއި، ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންގެ ނަމުގައި، މެންބަރު ސަލީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން.
ހަމައެފަދައިން، މި މުހިންމު މަޝްރޫޢުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ރަށު ކައުންސިލުން މިކަމަށް ދެއްވި ސަމާލުކަމަށްޓަކައި، ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދަށާއި، ކައުންސިލްގެ މެމްބަރުންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
މިއަދު މި ހުޅުވުނީ ހޯރަފުށީ އެއަރޕޯޓް ކަމަށްވިޔަސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އަޅުގަނޑުމެން އެޅި ވަރަށް މުހިންމު ފިޔަވަޅެއް. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ، މާރަންދޫގެ ރައްޔިތުންވެސް، އުންމީދުކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް.
މި އެއަރޕޯޓާއެކު، މި ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ. އަދި މި އެއަރޕޯޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ.
ހޯރަފުށީ އެއަރޕޯޓަކީ، މި ސަރަޙައްދުގެ ފަތުރުވެރިކަމަށްވެސް ލިބުނު ވަރަށް ބޮޑު އުންމީދެއް. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތީ، މި ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި. މި ރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. ރަށު ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އަޅުގަނޑު މިއަދު ގޮވާލަން.
މިހާތަނަށް މި އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތަސް، މިއެއަރޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވެގެންދާނެ. އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެރަށުގެ އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު އެވަނީ ބީލަމަށް ހުޅުވައިލެވިފައި.
މީގެ އިތުރުން، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ. އަދި އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުން، ކުރިން ނަގަމުން އައި ފީވެސް މިހާރުވާނީ ވަރަށް ބޮޑަށް ކުޑަކޮށްފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން، ކޯވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމާ ހިސާބަށް އުލިގަމަށް ވަނީ 38 ޔޮޓް އައިސްފައި. އަދި މިހާރު އުލިގަމުގައި ވާނީ ކަސްޓަމްސްއާއި އިމިގްރޭޝަންގެ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިދެވިފައި.
ދެން އެންމެ އަވަހަށް ރިޒޯޓް ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅު ހިމެނޭނެ. އަދި އޭގެފަހުން، މި ރަށުގެ އުތުރުން މި އޮތް މެދަފުށިވެސް، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ. އޭގެ އިތުރުން، ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، މި އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެ.
ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު، އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަޙައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން. އެކަމަށްޓަކައި، ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށިގެންދާނެ. އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބަން ފަށާނެ. އަދި އޭގެއިތުރުން، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މ. އަތޮޅު މުލީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެއަށްފަހު، ށ. އަތޮޅު ބިލެތްފައްސާއި، ބ. އަތޮޅު ތުޅާދޫގެ އެއަރޕޯޓުގެ މަސައްކަތް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.
އާދެ، ތަނެއް ތަރައްޤީވެ ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ، އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުން. އަޅުގަނޑުގެ އަމާޒަކީ، މީހުން އުޅޭ ކޮންމެ ރަށަކުންވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި، އެއަރޕޯރޓެއް އޮންނަ ގޮތަށް، ވައިގެ ބަނދަރުގެ ދަތުރުފަތުރުތައް، ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުން. އަދި އެއަރޕޯޓްތަކާ ކައިރީގައިވާ އެހެން ރަށްތައް، ރަނގަޅު ފެރީ ވިއުގައަކުން ގުޅާލަދިނުން.
އާދެ، މި ދެންނެވި ކަންތައްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ ޢިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިމާރާތް، އަންނަ އަހަރުގެ ބަޖެޓުގައި މިހާރުވާނީ ހިމަނާފައި.
އަދި އަޅުގަނޑު ހަނދާން އެބަހުރި، ކެމްޕެއިންތެރޭގައި އަޅުގަނޑު މި ރަށަށް ކުރި ދަތުރުގައި، އިތުރު ވަޢުދުތައް ވެފައިހުރިކަން. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ރަށުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
މި ދެންނެވި ކަންތައްތަކުގެ އިތުރުން، މި އަންނަ އަހަރު މި އަތޮޅުގެ ބައެއް ރަށްރަށުގެ ބިން ހިއްކުމާއި، މަގުތައް ހެދުމާއި، ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއި، ސްކޫލް ތަރައްޤީކުރުމާއި، މިސްކިތް ޢިމާރާތްކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، މަސް މާރުކޭޓާއި، ދަނޑުވެރިންގެ މާރުކޭޓު ތަރައްޤީކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެ. އަދި ރަށްރަށުގައި ފަށާފައި ހުރި ހައުސިންގ ޔުނިޓުތައް ނިންމުމަށްވެސް ބަޖެޓް ކުރެވިފައިވާނެ.
އާދެ، ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެއީ 34.6 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑު ދެކޭގޮތުގައި، އެ ބަޖެޓަކީ މިއަދުގެ ޙާލަތަށް ބަލާފައި، ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް. ދުނިޔެއަށް ދިމާވެފައި މިއޮތް ކޯވިޑްގެ ދަތި އުނދަގޫ ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި މިއޮތް ދަތި ޙާލަތުގައި، ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ މި އަހަރުގެ މިވޭތުވެދިޔަތަނުގައި އަޅުގަނޑުމެން މިއައީ ވަރަށް ރަނގަޅަށް އެކަން ކުރަމުން. ސަރުކާރުގެ، ދައުލަތުގެ މަސައްކަތުގައި ހުރި އެއްވެސް މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރަން. މުސާރައެއް ކުޑައެއްނުކުރަން. މަސް ނިމެންވާއިރަށް އެމީހަކަށް ދޭންވާ މުސާރަ އަޅުގަނޑުމެން ދީފައިވާނީ. މިއީ ދަތި ވަގުތެއް. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިވަގުތަކީ ފައިސާ ހޯދައިގެން ނަމަވެސް މި ކަންތައްތައް ކުރަންޖެހޭނެ ވަގުތު.
ހުށަހެޅިފައި އޮތް ބަޖެޓުގައި، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން ވާނެ 4 ބިލިއަން ރުފިޔާ ކަނޑައަޅާފައި. ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އެ ބަޖެޓުގައި ހިމެނިފައި އޮންނާނެ. އިޖުތިމާޢީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ ހިމެނޭނެ. ގެދޮރު ޢިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާއާއި، ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމެނިފައި އޮންނާނެ.
އާދެ، ރިކަރެންޓް ޚަރަދުގެ ގޮތުގައި ސަރުކާރުން، މި ދެންނެވި 34 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ރިކަރެންޓް ޚަރަދުގެ ގޮތުގައި ވާނީ މުސާރަތަކާއި، ހިންގުމަށް ހިނގާ ޚަރަދާއި، އާސަންދައާއި، ދުވަސްވީ މީހުންނަށްދޭ ޢިނާޔަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްދޭ ޢިނާޔަތްތަކާއި، އެކަނިވެރި މައިންނަށްދޭ ޢިނާޔަތްތައް. އޭގެއިތުރުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި ހުންނާނެ ބޮޑެތި މަޝްރޫޢުތަކެއް. އޭގެތެރޭގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުން ހިމެނޭނެ. އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުން އެބައޮތް. މާލޭ ބްރިޖް، މާލޭ ވިޔަފާރި ބަނދަރު. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އޮންނާނެ. 5 ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުން ހިމެނޭ.
އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަޙުޘް ކުރައްވަމުން ގެންދިޔައިރުގައި، ދައްކަވަމުން ގެންދެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ބަޖެޓް ކުޑަކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއްނޫނޭ. ސަރުކާރުން ކުރަންޖެހޭނެ ކަމަކީ، މި ދަނޑިވަޅުގައި އިޤްތިޞާދު ހިންގުމޭ. މިއީ ލިބިފައި ހުރި ފައިސާ ކަމަށްވާތީ، މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ދަރަނި ބޮޑު. ރާއްޖޭގެ ދަރަނި ބޮޑު. މި ވާހަކަވެސް ރަނގަޅަށް ސާފުކޮށް އެބަ އެނގިވަޑައިގަންނަވަންޖެހޭ. ރައީސް ޔާމީނުގެ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާ. އެހެންނަމަވެސް، އެ މަނިކުފާނު ފައިބާވަޑައިގެންނެވިއިރުގައި، 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނިއަރައިފި، 5 އަހަރުގެ ތެރޭގައި. އަޅުގަނޑުމެން އަދި މިހާތަނަށް 15 ބިލިއަން ރުފިޔާ އަދި ދަރަނީގެ ގޮތުގައި މި ނެގީ. އަދި އޭގެކުރިއަށް ޖެހިލަމާ ހިންގަވާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވިއިރުގައި، އެމް.ޑީ.ޕީ ވެރިކަމާ ހަވާލުވިއިރުގައި ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާ. 3 އަހަރު ވުމަށްފަހު އަޅުގަނޑުމެން ވަކިވިއިރުގައި، 26 ބިލިއަން ރުފިޔާއަށް ދަރަނި އަރައިފި. އެހެންވީމާ، ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއްނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ.
އާދެ، ފައިސާ ހޯދަންޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒަރވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު. އަޅުގަނޑުގެ ފައިނޭންޝަލް ޓީމަށް، ފިނޭންސް މިނިސްޓްރީގެ ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއްނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކައި، މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން.
އާދެ، އަޅުގަނޑު މި ދަންނަވާލީ ބަޖެޓުގައި ހުރި ބައެއް މުހިންމު ކުދިކުދި ކަންތައްތައް. މިއީ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަންވީ ވަގުތު ނޫންނަމަވެސް، އަޅުގަނޑު ހިތުން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައް އެބަހުރި. އަދި މިހާހިސާބަށް އައިއިރުގައި، ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައޭ ހުރީ 85 ރަށް. ރިޒޯޓު ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީއެއް ނެތް. ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި، އެއްވެސް ފަޅުރަށެއް ރިޒޯޓު ހަދާކަށް އަދި ދޫކޮށްފައެއް ނޯންނާނެ. އަދި އެހިސާބުން ނިމުނީކީ ނޫނޭ އިނގޭތޯ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ވަރަށްސާފު. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައިސް. މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭންޖެހޭނެ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް މިއަދު ދަންނަވާލަން ބޭނުންވަނީ މިކަމަށް އެހީތެރިވެދެއްވާށޭ. މިއީކީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތެއް ނޫން.
އަޅުގަނޑު އިއްޔެ އެމް.އެމް.އޭ.ގެ ގަވަރުނަރާ ބައްދަލުކުރިން. މިއީ ޑޮލަރު ދަތި ވަގުތެއް. އެމަނިކުފާނަށް އަޅުގަނޑު ފުރިހަމައަށް އިތުބާރު އެބައޮތް. އެއީ ޓެކްނިކަލް ބޭފުޅެއް. އެތަނުން އެއާ ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމާނެ. އެހެންނަމަވެސް، ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ރާވަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އޭގެ ސަބަބުން ހެޔޮ ގޮތްތަކެއް ޑޮލަރަށް ވެގެންދާނެ.
އަދި މިއަދުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާވެސް އަޅުގަނޑު މަޝްވަރާ ކުރިން. މި ބަޖެޓު ޖެހޭ އެބަ ފާސްކުރަން. އަޅުގަނޑުމެން ބޭނުން ދިއްދޫގެ ބަނދަރު ހަދަން. ބަޖެޓުކޮށްފައި އޮންނާނީ. މި ބަޖެޓް ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން. މި ބަޖެޓުގައި އޮންނާނެ. އެކަން ފާސްކުރަން އެބަޖެހޭ. ކެލާގެ ތަރައްޤީގެ މަޝްރޫޢުތައް ހުންނާނެ. މި ބަޖެޓް ފާސްކޮށްދެއްވާ. އެހެން ނޫނީވިއްޔާ އެކަމެއް ނުވާނެ.
އަޅުގަނޑު ހިތުން ބަޖެޓާ ބެހޭގޮތުން މި ވަގުތު މާދިގުކޮށްވެސް ވާހަކަ ދެއްކިއްޖެ. އަޅުގަނޑު ނިންމާލަމުން އަޅުގަނޑު އަދި ކުޑަ ވާހަކައެއް ދަންނަވާލާނަން.
އެއް ވާހަކައަކީ، މިހާރު އެނގިވަޑައިގަންނަވާނެ، ކުޅުދުށްފުށްޓަށް ސީދާ ކޮޗިންއިން ޑައިރެކްޓްކޮށް މުދާ އެބަ ގެނެވޭ. ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓުޓިކޮރިންއިން ބޯޓުފަހަރު އާދެވޭގޮތަށް، އެސް.ޓީ.އޯ.ގެ ޝިޕިންގ ކުންފުނިން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ފަށާނެ.
އޭގެއިތުރުން، މިވަގުތު މަސްވެރިންނަށް ދިމާވެފައި އޮތް ކަންބޮޑުވުމެއް އެބައޮތް. ހިކި ކަނޑުމަހާއި، ލޮނުމަސް، ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކަ. ހަމަ އެ އަޑު އިވުމާއެކީގައި އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ފެށްޓެވި އެއަށް ޙައްލެއް ހޯއްދެވުމަށް. އަޅުގަނޑަށް އިއްޔެ ފޮރިން މިނިސްޓަރު އެބައޮތް އޭގެ ރަނގަޅު ޚަބަރެއް ދެއްވާފައި. ސިލޯނުގެ ކަސްޓަމްސް އިން ފޮނުއްވާފައި އޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެ ސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ޙަވާލާދެއްވައި، ރާއްޖޭގެ އެކަހަލަ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ. އެހެންކަމުން، އިރާދަކުރެއްވިއްޔާ އެކަމަށް ދައްޗެއްނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު މިހާރުވަނީ އަޅުގަނޑުމެންނަށް ދެއްވާފައި.
އާދެ، އަޅުގަނޑުގެ ވާހަކަ މިހާހިސާބުން ނިންމާލާނަން. މިއީ ކޯވިޑުގެ ދަތި އުނދަގޫ ވަގުތު. މި ވަގުތުގައި އަޅުގަނޑުމެން ދެމުންގެންދާ ލުއިތަކާއެކު، ތިޔަބޭފުޅުން އަޅަންވާ ރައްކައުތެރިކަމާ އެކީގައި ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު އެދެން. އުންމީދު ރަނގަޅު. ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ.
އަދިވެސް އެއްފަހަރު ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާއަށާއި، އަޅުގަނޑާ ބެހޭގޮތުން ތިޔަ ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.