بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މިނިސްޓަރ އަޙްމަދު ސަމީރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސްޓެލްކޯ ބޯޑުގެ ޗެއަރމަން، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން މުޣުނީ، މާލޭ ސިޓީ ކައުންސިލުގެ މެންބަރުން، ވަޑައިގެން ތިއްބެވި ކުންފުނިތަކުގެ ސީ.އީ.އޯ.އިންނާއި އެމް.ޑީ. އިން އަދި ސްޓެލްކޯގެ ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަ ކަމަކަށްވެސް، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތުގެ ތެރެއަށް ވަރަށް ޚާއްޞަ ނަންބަރެއްގެ ގޮތުގައި މިފަދަ ޒަމާނީ ފެންވަރަކަށް ތައްޔާރުކޮށްފައިވާ ބަސް ސްޓޮޕެއް ތައްޔާރުކޮށް، މިފަދަ ބޮޑު ހަދިޔާއެއް ދިވެހި ރައްޔިތުންނަށް ދެއްވިކަމަށްޓަކައި ސްޓެލްކޯގެ ޗެއަރމަން، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، ސްޓެލްކޯއަކީ އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކުންފުންޏޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ. އެބޭފުޅުން ރެޔާދުވާލު ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް. އާދެ، ކަރަންޓަކީ އެއީ އަޅުގަނޑުމެންނަށް އެންމެ ބޭނުންތެރި އެއް ވަސީލަތް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް އަޅުގަނޑުމެންނަށް ސައުވީސް ގަޑިއިރު ބޭނުންވާ އެއްޗެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް މި އޮންނަނީ.

އާދެ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ފޯރުކޮށްދިނުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް އަޅުގަނޑު މިއަދު ހަމަ ފާހަގަކުރަން ބޭނުންވީ. އާދެ، އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލެއާއި އަދި ސްޓެލްކޯގެ ފަރާތުން ޚިދުމަތްދޭ އެހެން ރަށްރަށުގައި، އެ ކުރިއަށް ގެންދަވާ މަސައްކަތްތައް އަޅުގަނޑު މީގެތެރޭގައި ފާހަގަކޮށްލަން ބޭނުން.

އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އެންމެ އިސްކަމެއް ދެއްވާ އެއްކަމެއްގެ ގޮތުގައި ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ހިމެނޭ. މިއަދު ތިޔަބޭފުޅުން ދިވެހިރާއްޖޭގެ އެކި ރަށްރަށަށް ބަލައިފި ކަމަށްވަންޏާ، ޚާއްޞަގޮތެއްގައި އެއް ދިމާއަކުން އެންމެ ބޮޑު ކުރިއެރުމެއް، ފަސޭހަތަކެއް، ދިވެހިރައްޔިތުންނަށް ލިބިގެންދާ ދާއިރާއެއްގެ ގޮތުގައި ފެނިގެން މިދަނީ އިންޖީނުގެތައް ބަދަލުވެ، ނެޓްވަރކްތައް ޒަމާނީ ފެންވަރަށް ބަދަލުކުރެވި، ރަނގަޅު ޓްރާންސްފޯމަރތައް ޤާއިމުކުރެވި، ރައްޔިތުންނަށް ކުރީގައި އެ ލިބެމުންދިޔަ ނުވަތަ އެހުރި އުނދަގޫތައް ފިލުވުމަށްޓަކައި މި ދެންނެވި ގޮތަށް އިންޖީނުގެތައް ދިމަދިމާއަށް ބަދަލުކުރެވި، ހުއްޓުމެއްނެތި މި މަސައްކަތް ކުރިއަށްދާތަން.

އާދެ، ސަރުކާރުން، ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި، ރައްޔިތުންނަށް ރަނގަޅަށް ހަމަޖެހިލައިގެން ދިރިއުޅުމަށްޓަކައި، މި ގޮތަށް ކިތަންމެ ގިނަގުނަ ކަންތައްތަކެއް ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަނީ ކުރެވެމުން.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއްދޭ ކަމަކީ، ރައްޔިތުންނަށް ސަލާމަތާއި، ރައްކާތެރިކަމާއެކު، ދިރިއުޅެވޭނޭ ގޮތް ހޯދައިދިނުން. އަޅުގަނޑު ގަބޫލުކުރަނީ މިއަދު ހުޅުވިގެންމިދާ މި ބަސް ސްޓޮޕް، އާދެ، މީގެ ސަބަބުންވެސް ވަރަށް ފަސޭހަކަމާއެކު، ރައްކާތެރިކަމާއެކު މަގުމަތީގައި، އާދެ، މީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަން ޔަޤީންކުރެވިގެން އެބަދޭ.

މާލޭގައި އަޅުގަނޑުމެންނަށް މީގެ ދެ ދުވަސްކުރިން ފެނިގެން މި ދިޔައީ ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު، ހިތްހަމަޖެހިލައިގެން ޢާއިލާއާއެކު އުޅެވޭނެފަދަ ވަރަށް އާދަޔާ ޚިލާފު، ވަރަށް ބޮޑު ބިޔަ ޕާކެއް ހުޅުވިގެންދިޔަތަން. ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި ގިނަގުނަ ކަންތައްތަކެއްދަނީ ހުއްޓުމެއްނެތި ކުރެވެމުން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޚާއްޞަކޮށް މާލޭގައި ހުރި، ޓްރެފިކްގެ މައްސަލަތަކާއި އަދި ވެހިކަލްގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ތަފާތު ގިނަގުނަ ކަންތައްތައް ކުރެވެމުން އެބަދޭ. ބަސް ސްޓޭންޑްތަކާއި އަދި ޕާކްކުރެވޭނެ ޖާގަތަކާއި ރިވެތި ޕާކުތަކާއި އެނޫންވެސް މީހުން ހިތްހަމަޖައްސާލުމަށްޓަކައި މިބާވަތުގެ ކަންތައްތައް މެދުކެނޑުމެއްނެތި ކުރިއަށް އެބަދޭ.

އާދެ، މިފަދަ ކަމެއް ފެށިގެންދާއިރު، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޒިންމާދާރުކަމާއެކު، ޚިދުމަތްތައް ބޭނުންކުރުމަކީ އެއީ އަޅުގަނޑުމެން ހުރިހާ އެންމެން ވިސްނަންޖެހޭނެކަމެއް. އަޅުގަނޑުމެންނަށް އެނގޭ، މާލޭގައި ވެހިކަލްތަކާ އެއްޗެހި ގިނަވުމުގެ ސަބަބުން، އޭގައި ތިބޭ މީހުންނަށް އެތަކެތިން އެވާ ފަސޭހައިގެ ތެރޭގައި ދަތި އުނދަގޫތަކެއްވެސް ހުރިކަން. އެހެންވީމާ، ޕާކު ކުރުމުގައްޔާއި އަދި ދުއްވުމުގައި އަޅުގަނޑުމެން ވީހާވެސް ބޮޑަކަށް އެހެން މީހުންނަށް ފަސޭހަވާނެ ގޮތްތައް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އާދެ، ކަރަންޓުގެ ވާހަކަ، ސްޓެލްކޯގެ ވާހަކަ. ސްޓެލްކޯއިން މިފަދަ ކަމެއް ކޮށްފައި ދޫކޮށްލާ ވަގުތެއްގައި، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސްޓެލްކޯއިން އެކުރާ މަސައްކަތާއި، އެ ގުޅުންހުރި ކަންތަކާ ގުޅޭގޮތުންވެސް އެކަންތައް ހަނދާނަށް ގެންނަންޖެހޭނެހެން.

އާދެ، ކަރަންޓު ބޭނުންކުރުން. އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާށޭ. ވީހާވެސް ބޮޑަކަށް އިސްރާފު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތްކުރަން އެބަޖެހޭ. އެނަރޖީ ސޭވްކުރުމަށްޓަކައި ބޭނުންކުރަން ހުރި ވަސީލަތްތައް ނުވަތަ ކުރެވެންހުރި ހުރިހާ ގޮތަކަށް އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދަން އެބަޖެހޭ.

ޚާއްޞަ ގޮތެއްގައި މިފަދަ ވަގުތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ދިވެހިރާއްޖެއަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން އަޅުގަނޑުމެންނަށްވެސް ކުރިމަތިވެފައި މިވަނީ ވަރަށް ދަތި އުނދަގޫ ދަނޑިވަޅަކާ. މިކަހަލަ ވަގުތެއްގައި އަޅުގަނޑުމެން ޚަރަދުކުޑަކޮށް، އިސްރާފުކުޑަކޮށް، ފަހަށް ރައްކާކޮށްގެން ކަންތައްތައް ކުރުމުގެ ވިސްނުން އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރެޔާދުވާލު އަޅުގަނޑުމެންގެ އުޅުމުގައި ވީހާވެސް އިސްރާފުކުޑަކޮށް، ޚަރަދުކުޑަކޮށް އަދި ފަހަށް ރައްކާކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެ ކަންތައްތައްކޮށް އަދި ބޮޑުވަމުން އަންނަ ކުދީންނަށް އެ ކަންތައްތައް އަޅުގަނޑުމެން ދަސްކޮށްދޭން އެބަޖެހެއޭ.

އާދެ، އަޅުގަނޑު މިއަދު މި ޙަފްލާގައި ބައިވެރިވެ، މިކަންތައް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ، އަޅުގަނޑު ވަރަށް ބޮޑަށް އެކަމާ އުފާކޮށް، ސްޓެލްކޯގެ މެނޭޖްމަންޓަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު އުންމީދުކުރަނީ، މި ހުޅުވިގެންދާ ބަސް ސްޓޮޕްގެ ސަބަބުން އިރާދަކުރެއްވިއްޔާ މިތަނުގެ ބޭނުން ހިފާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް. އަދި ހަމަ މިއާއެކު، އަޅުގަނޑުމެންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަކޮށް، ޓްރެފިކްގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބިގެންދާނެކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، މަގުމައްޗަކީ އަމާން ތަނެއްގެ ގޮތުގައި ލައްވައި، އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.